ޚަބަރު

ބިދޭސީންނަށް މަންފާ ލިބޭގޮތަށް ހިންގާ ވިޔަފާރިތައް ބާތިލުކުރާ ގޮތަށް މަޖިލީހުން ގާނޫނު އިސްލާޙުކޮށްފި

އިބްރާހިމް ޒަކީ

ބިދޭސީންނަށް މަންފާ ލިބޭ ގޮތަށް ހިންގާ ވިޔަފާރިތަކުގެ ރަޖިސްޓްރީ ބާތިލުކުރާ ގޮތަށް އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ގާނޫނު އިސްލާހުކޮށްފިއެވެ.

މި ބިލަކީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްގަނީ އަބްދުލްހަކީމު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި އިސްލާހު މިއަދުގެ މަޖިލީހުގެ ޖަލްސާއިން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ ތެރެއިން 53 މެމްބަރުންގެ ވޯޓުންނެވެ.

ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) އަށް މި ބިލުން ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ، އެ ވިޔަފާރިއަކީ ސީދާގޮތުން ނުވަތަ ނުސީދާ ގޮތުން، ބިދޭސީ ފަރާތަކަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް ހިންގާ ވިޔަފާރިއެއް ކަމަށް އެކަށީގެންވާ ހެކީގެ މައްޗަށް ބިނާކޮށް އިކޮނޮމިކް މިނިސްޓްރީގެ ރަޖިސްޓްރާއަށް ގަބޫލު ކުރެވޭނަމަ އެ ވިޔަފާރިއެއްގެ ރަޖިސްޓްރީ ބާތިިލުކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން މަސްއޫލުވެރިޔާގެ ފަރާތުން ވިޔަފާރި ހިންގުމުގެ ޒިންމާ އުފުލުމަށް އައްޔަންކުރާ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއް ކަމަށްވުމާއި ރާއްޖޭގައި ދިރިއުޅޭ މީހަކަށްވާން ޖެހޭނެ ކަމަށް ހިމަނާފައިވެއެވެ.

އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރި ކުރިއަށްދާ ގޮތް ދެނެގަތުމަށްޓަކައި، ހޯދަންޖެހޭ ކަމަށް އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ މައުލޫމާތު އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކޮންމެ އަހަރަކު މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ. އެ މައުލޫމާތު ހުށަހަޅާފައިނުވާ ފަރާތުގެ މައުލޫމާތު ބަލައި ގަނެވޭނީ 500 ރުފިޔާގެ ޖޫރިމަނާއަކާއެކުގައި ކަމަށްވެސް ހިމަނާފައިވެއެވެ.

ވިޔަފާރީގެ ވެރިފަރާތް ބަދަލު ކުރި ނަމަވެސް، އެކަމާބެހޭ ސެޓްފިކެޓް ދޫކުރާ ތާރީހާ ހަމައަށް، އެ ވިޔަފާރި ރަޖިސްޓްރީ ކުރި ފަރާތުގެ ހައްގަކަށް ނުވަތަ ވާޖިބަކަށް، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ނަމުގައި އޭނާ ކޮށްފައިވާ މުއާމަލާތަކުން ލިބޭ ފައިދާއާއި ގެއްލުމަށް އަދި އެ މުއްދަތުގެ ތެރޭގައި ހިންގާފައިވާ މުއާމަލާތަކާ ގުޅިގެން އުފުލޭ ދައުވާއަށް ޖަވާބުދާރީވުމުގެ ޒިންމާއިން ބަރީއަ ނުވެވޭނެ ކަމަށްވެސް ހިމަނައިފައިވެއެވެ.

ގާނޫނުގައި މިހާރު ހިމެނޭ މުއްދަތުތަކަށް ބަދަލުތަކެއް ގެނައުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ. އެގޮތުން އަމިއްލަ ވިޔަފާރިއެއް ރަޖިސްޓްރީ ކޮށްދޭ މުއްދަތު ފަސް އަހަރު ދުވަހުން 10 އަހަރު ދުވަހުގެ މުއްދަތަށް ބަދަލުކުރަން ހިމަނާފައިވެއެވެ.

އަދި މުއްދަތު ހަމަވުމަށްފަހުގައިވެސް، އެ ވިޔަފާރި ކުރިއަށް ގެންދަން ބޭނުންނަމަ އެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އާކުރަން ހުށަހަޅަންޖެހޭނެކަމަށް މިހާރު އޮތް ނަމަވެސް، އެ މުއްދަތު އެއް އަހަރު ދުވަހަށް އިތުރު ކުރަން ބިލުގައި ހިމަނާފައިވެއެވެ. އެގޮތަށް ހުށަހަޅައިފިނަމަ ފަސް އަހަރުގެ މުއްދަތެއް ދޭންޖެހޭނެ ކަމަށް އޮތް މާއްދާވެސް 10 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކުރަންވެސް ހިމަނާފައިވެއެވެ

އެ ގާނޫނާ ހިލާފަށް އަމަލުކޮށްފި މީހަކު، އޭނާ ހިންގި އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި، 1000 ރުފިޔާ އާއި 20000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް މިހާރު އޮތް ނަމަވެސް، އެފަދަ ފަރާތްތައް 10000 ރުފިޔާ އާއި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ރަޖިސްޓްރާއަށް ދޭން ވަނީ ހުށަހަޅައިފައެވެ. އަދި އަމިއްލަ ވިޔަފާރިއާ ގުޅޭ ހިދުމަތްތަކަށް ނަގަމުން އަންނަ 100 ރުފިޔާގެ ފީ އުވާލަންވެސް ވަނީ ހިމަނައިފައެވެ.