ސަރުކާރުގެ ލޯނުތައް އަދާކުރުމަށް މިއަހަރުގެ މިހާތަނަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ރިޕޯޓުގައި ބުނާ ގޮތުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ ޖުމުލަ 26.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.
އޭގެ ތެރެއިން ދަރަނި ދެއްކުމަށް ޖުމުލަ 977.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ދައްކައެވެ. މިއީ އޭގެ ކުރީ ހަފުތާއަށްވުރެ 13 މިލިއަން ރުފިޔާގެ އިތުރު އަދަދެކެވެ. މިއަހަރު ލޯނު އަނބުރާ ދެއްކުމަށް ޖުމުލަ 1.4 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ.
ސަރުކާރުގެ ފަރާތުން 2022 ވަނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ތެރެއިން 5.7 ބިލިއަން ރުފިޔާ ހަރަދުކުރުމަށް ކަނޑައަޅާފައި ވަނީ ދަރަނީގެ ހިދުމަތަށާއި ދަރަނި އަދާކުރުމަށެވެ.
އޭގެ ތެރެއިން 2.8 ބިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް ހިނގާނެކަމަށް ހިމަނާފައިވާ އިރު، 2.9 ބިލިއަން ރުފިޔާ ދަރަނީގެ ހިދުމަތުގެ ހަރަދުގެ ގޮތުގައި ހިމަނާފައިވެއެވެ.