ކުޅިވަރު

ޒުވާން ސްކޮޑަކާއެކު ޓީސީ ނުކުންނާނީ ނިޒާމްބެއާއެކު

މުޙައްމަދު ޝަމްޢޫން

ޒުވާން ސްކޮޑަކާއެކު ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވަމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބުން އަންނަ ސީޒަނަށް ނުކުންނާނީ މުހައްމަދު ނިޒާމް (ނިޒާމްބެ) އާއެކުގައި ކަމަށް އެ ކްލަބުން ބުނެފިއެވެ.

ކްލަބުން އަނެއްކާވެސް ނިޒާމްބެއާއެކު ކުރިއަށް ދާން ނިންމާފައިވާ ކަމަށް ޓީސީގެ ރައީސް އަހްމަދު އައްބާސް (އައްބު) ވަނީ "ވަން"އަށް ޔަގީން ކޮށްދީފައެވެ. އައްބަ ވިދާޅުވީ ޓީސީން ކުރިއަށް އޮތް ސީޒަނަށް ނުކުންނާނީ ވަރަށް ފްރެޝްކޮށް ކަމަށާއި، ޒުވާން ކުޅުންތެރިންނާއެކު ނުކުންނަ އިރު، ކުރިންވެސް ކްލަބުގައި މަސައްކަތް ކޮށް، އިތުބާރު ހޯދާފައިވާ ކޯޗެއް ހުރުން އެއީ ލިބޭނެ ފަސޭހަ ކަމެއް ކަމަށެވެ.

"ވަން"އަށް ވާހަކަ ދައްކަމުން ނިޒާމްބެ ބުނީ މިވަގުތަށް އެންމެ ރަނގަޅު ނިންމުމަކީ ޓީސީއާ ހަވާލުވުން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި، ޒުވާން ސްކޮޑަކާއެކު ތައްޔާރީތައް މިހާރު ފެށިފައިވާ ކަމަށެވެ.

"މިވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށް ދެކެނީ މިއީ. ތައްޔާރުވާން ކުޑަ މުއްދަތެއް ލިބުނު ނަމަވެސް ޒުވާން ސްކޮޑަކާއެކު މިހާރު މިދަނީ މަސައްކަތް ކުރަމުން. ވަރަށް ބޮޑު މަސައްކަތްތަކެއް ކުރަން އެބަ ޖެހޭ. އެކަން ކުރަން މިހާރު މަސައްކަތް ފެށިފަ ވަނީ،" ނިޒާމްބެ ބުންޏެވެ.

ފުރަތަމަ ޑިވިޝަންގައި ކުޅެންތެރިއެއްގެ ތަޖުރިބާ ނިންމައި، ކޯޗިންގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއްވެސް ނިޒާމްބެ ހޯދާފައިވެއެވެ. ޓީސީ ފުރަތަމަ ޑިވިޝަނަށް ގެންގޮސްދީ، އެ ކްލަބުގެ ތެރެއިން ހުނަރުވެރި ކުޅުންތެރިންތަކެއް ނިޒާމްބެ ގައުމީ ދަނޑަށް ނެރެދިނީ މޮޅު ޕްލޭނަކާ އެކުގައެވެ. އެ ކްލަބާއެކު ނިޒާމްބެ ވަނީ ބަންގުލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކަޕްގެ އިތުރުން ދިވެހި ޕްރިމިއާ ލީގުވެސް ކާމިޔާބު ކޮށްފައެވެ. އޭގެ ފަހުން ބަންގުލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބަށްވެސް ނިޒާމްބެ ކޯޗުކަން ކޮށްދީފައިވާ އިރު، ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާއަށްވެސް އޭނާ ކޯޗުކަން ކޮށްދިނެވެ.

އޭގެ ފަހުން ގައުމީ ޒުވާން ޓީމުތަކުގެ ކޯޗުކަމުންވެސް ފެނުނު ނިޒާމްބެ ދާދިފަހުން ވަނީ އަތޮޅު ތެރޭގެ ފުޓުބޯޅައަށް ސަމާލުކަން ދީގެންވެސް މަސައްކަތްތަކެއް ކޮށްފައެވެ. ދާދި ފަހުން ޅ. ހިންނަވަރުގެ ޒުވާން ޖީލަކަށް ގިނަ ކަންތައްތަކެއް އުނގަންނައިދިނުމުގެ މަސައްކަތެއްގައި ނިޒާމްބެ ފެނުނެވެ. އެހިސާބުންވެސް ނިޒާމްބެގެ ފުޓުބޯޅަ ފޯކަސް އަތޮޅު ތެރެއަށް ހިންގާލައި، އޭނާ ވަނީ އަތޮޅު ތެރެއިން ހުނަރު ހޯދަން ސްކައުޓިން ވިއުގައެއްގެ މަސައްކަތްވެސް ކޮށްފައެވެ.