މުނިފޫހިފިލުވުން

މީގެ ކުރީން ހިނގި އެކްސިޑެންޓެއްގައި މަރުގެ އެތިފަހަރަކުން ސަލާމަތްވީ ކިރިޔާ ކަމަށް ޖޯޖް ކްލޫނީ ބުނެފި

ހޮލީވުޑް ތަރި ޖޯޖް ކުލޫނީ 2018 ވަނަ އަހަރު ބޮޑު އެކްސިޑެންޓެއް ވެ އެއީ އޭނާގެ އެންމެ ފަހު ވަގުތުކޮޅަށް ވާނެކަމަށް ހީކުރެވުނުކަމުގައި ބުނެފިއެވެ.

ސަންޑޭ ޓައިމްސް އަށް ވަރަށް ފަހުން ދިން އިންޓަވިއުއެއްގައި ކްލޫނީ ވަނީ މަރުގެ އެތިފަހަރަކުން އޭނާ ކިރިޔާ ސަލާމަތްވި އެކްސިޑެންޓުގެ ވާހަކަ ހިއްސާކޮށްފައެވެ. އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ ''ކެޗް 22'' ސީރީސް ގެ ސެޓުގައި ކަމަށް ކްލޫނީ ބުނެއެވެ. ސާޑިނިއާގައި މަންޒަރުތައް ނަގަމުން ދަނިކޮށް ކާރަކުން ޖެހި ހިނގި އެކްސިޑެންޓުގައި އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައެވެ.

އެކްސިޑެންޓުވުމާއެކު ކާރު ދުއްވަން އިން ޑުރައިވަރު ވަގުތުން ފުލުހަށް ގުޅި ކަމަށާއި އެމްބިއުލާންސު އަންނަންދެން މަޑުކުރަން ޖެހުނު ކަމުގައި އޭނާ ބުނެއެވެ. އަވަސް ފަރުވާ ލިބެންދެން ވެއްޓިފައި އޮތް އިރު މީހުން އޭނާގެ ވަށައިގެން ފޮޓޯ ނަގަމުން ދިޔަ ކަމަށާއި މިއީ އޭނާގެ އެންމެ ފަހު ވަގުތުކޮޅަށް ވާނެ ކަމަށް ނިންމުނު ކަމުގައި ކްލޫނީ ބުނެފައިވެއެވެ.

ކްލޫނީ ބުނިގޮތުގައި އޭނާއަށް ފާހަގަކުރެވުނު ކަމަކީ އާއްމު ތަނެއްގައި މީހަކު މަރާ ހަނގުރާމަ ކުރާ ވަގުތުކޮޅަކީވެސް އެހެން މީހުންނަށް މުނިފޫހިފިލުވުމަށް ފޭސްބުކަށް ލާން ލިބޭ ރަނގަޅު މަންޒަރުތަކަކަށް ވެގެންދާ ކަމެއް ކަމަށް ގަބޫލުކުރެވެމުން ދާކަމަށެވެ.

''އޯޝަން އިލެވެން'' ގެ ތަރި ޖޯޖް ކުލޫނީއަށް ވަނީ މިއަހަރު 60 އަހަރު ފުރިފައެވެ. އުމުރާ ގުޅޭ ގޮތުން ކުލޫނީ ބުނެފައިވަނީ އެއީ އޭނާ އެހާ ފަހުރުވެރިވާ ކެމެއް ނޫން ނަމަވެސް މަރުވުމަށް ވުރެ އެ ގޮތް ރަނގަޅު ކަމަށެވެ.

ޖޯޖް އަދި އަމާލް ކުލޫނީއަށް ވަނީ 4 އަހަރުގެ އެއްމާބަނޑު ދެކުދިން ލިބިފައެވެ. މިހާތަނަށް ދަރީންގެ އެއްވެސް ފޮޓޯއެއް އާއްމުކޮށްފައި ނުވާއިރު ކުލޫނީގެ ދެމަފިރިންވެސް ވަނީ ދަރިންގެ ރައްކާތެރިކަމަށް ޓަކައި އެކުދިންގެ ފޮޓޯ އަދި ވީޑިއޯ އާއްމު ނުކުރުމަށް މީޑިއާގައި އެދިފައެވެ. ކުލޫނީ ގަބޫލުކުރާ ގޮތުގައި މީޑިއާގެ ސަމާލުކަން ކުދިންނަށް ހުއްޓިއްޖެ ނަމަ އެކުދިން ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.