މ. މުލީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތަކެއް ވެއްޖެއެވެ.
މުލީ ކައުންސިލުގެ ރައީސް ޝަމްއޫން ރަމީޒު މިރޭ "ވަން" އަށް ވިދާޅުވީ އަލިފާނުގެ ހާދިސާ ހިގާފައިވަނީ މިރޭ 7:10 އާއި 7:15 އާ ދެމެދުގެ ވަގުތެއްގައި ކަމަށާއި އަލިފާން ރޯވެފައިވަނީ އެރަށު މާފަހި ގޭގައި ކަމަށެވެ. ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ފުލުހުންނާއި ސިފައިން އަދި އެރަށު ރައްޔިތުން ގުޅިގެންނެވެ.
ޝަމްއޫން ވިދާޅުވީ އަލިފާން ރޯވީ އެގޭގައި ވަކިން ހަދާފައި ހުންނަ މަސް ކައްކާ ބަދިގެއެއްގައި ކަމަށާއި ރޯވެފައިވަނީ މަސް ކައްކަން އުދާފައި ނަމާދަށް ދިޔަ ވަގުތުގަައި ކަމަށެވެ. އެއީ ގޭގެ މީހުން ދިރިއުޅޭ ބަޔާ ވަކިން ހަދާފައި ހުންނަ ދަރު ބަދިގެއެއް ކަމަށާއި ރޯވި ވަގުތުގައި ބަދިގޭގައި ގިނަ އަދަދަކަށް ދަރުވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރޯވި ބަދިގެއާ ދިމާއަށް ހުރި ކޮޓަރީގެ ފާރު ރެނދުލާފައިވާ ކަމަށާއި ކޮޓަރީގެ ފާރަށް ލިބުނު ގެއްލުމުގެ ސަބަބުން ދެން އެ ކޮޓަރީގައި ދިރިއުޅެވޭނީ އަލުން ފާރެއް ރާނައިގެން ކަމަށެވެ. އަދި މާފަހި ގެއާ ޖެހިގެން ހުރި ކެފޭއެއްގެ ފާރުގައިވެސް ރެނދުލާފައިވާ ކަމަށް ވިދާޅުވިއެވެ.
މާފަހި ގޭގެ މީހުން އެހެން ގެއަކަށް ބަދަލުކޮށްފައި ނުވާ ކަމަށާއި ނަމަވެސް ކައުންސިލުގެ ފަރާތުން އެހެނިހެން އެހީތައް ފޯރުކޮށްދެމުން އަންނަ ކަމަށް ޝަމްއޫން ވިދާޅުވިއެވެ. އެގޮތުން އަލިފާނުގެ ހާދިސާގައި އެގޭގެ ތިން ފެން ތާންގީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވުމުން ކައުންސިލުން ފެން ފޯރުކޮށްދީފައިވާނެ ކަމަށާއި އަދި ވަގުތީގޮތުން އެގެއަށް ކަރަންޓު ކޭބަލެއް އަޅައި ކަރަންޓު ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު