ޚަބަރު

މޯލްޑިވްސް މެރިން އެކްސްޕޯގެ މެއިން ސްޕޮންސަރަކަށް އެމްޓީސީސީ

އަހުމަދު ޖައިޝަން

"މޯލްޑިވްސް މެރިން އެކްސްޕޯ 2021"ގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ހަމަޖައްސައިފިއެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި މޯލްޑިވްސް މެރިން އެކްސްޕޯގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރު ޝާމް މުހައްމަދެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ 2014 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން މެރިން ދާއިރާގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވަމުން ގެންދާ އެކްސްޕޯއެކެވެ.

އެމްޓީސީސީން ބުނީ 2014 ވަނަ އަހަރުން ފެށިގެން މެރިން އެކްސްޕޯގައި އެމްޓީސީސީން ބައިވެރިވަމުން އަންނަ އެންމެ ބޮޑު އެއް މަގުސަދަކީ އެ ކުންފުނިން ވިއްކާ މެރިން ދާއިރާއާ ގުޅުންހުރި މުދަލާއި ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތު މި ދާއިރާގެ ވިހާވެސް ގިނަ ބައިވެރިންނަށް ހިއްސާކޮށް، މި ދާއިރާއިން ހޯދާފައިވާ އިތުބާރު ދެމެހެއްޓުން ކަމަށެވެ.

މެރިން އެކްސްޕޯގައި އެމްޓީސީސީން މިއަހަރު އެގްޒިބިޓް ކުރަން ނިންމާފައިވާ ޕްރޮޑަކްޓުތަކަކީ ޔަންމާ އިންބޯޑް އިންޖީނު، ސުޒުކީ އައުޓްބޯޑް އިންޖީނު، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ޕްރޮޓެކްޓިވް މެރިން ކޯޓިންގްގެ އިތުރުން މެރިން ކޯޓިންގްސްއެވެ. އެމްޓީސީސީގެ ބޯޓު ޔާޑުން ދޭ ޑޮކިން، އިންޖިނިއަރިން، ވެލްޑިން، މެޓަލް ފެބްރިކޭޝަން ފައިބާ އަދި ވަޑާމުގެ ހިދުމަތްތަކުގެ މައުލޫމާތުވެސް މި އެކްސްޕޯއިން ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ ތިލަފުށި ބޯޓް ޔާޑުން މިހާރުވެސް އެއްފަހަރާ 20 އުޅަނދަށް ޖާގަ ލިބޭނެއެވެ. އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު 200 ޓަނުގެ ބޯޓު ހޮއިސްޓްވެސް މިވަގުތު ބޭނުންކުރަމުން އަންނަނީ އެ ބޯޓް ޔާޑުގައެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މެރިން ދާއިރާއަށް ބޭނުންވާ ހުރިހާ މުދަލަކާއި ހިދުމަތެއްގެ ހައްލު އެއް ފުރާޅެއްގެ ދަށުން އޮޑިވެރީންނާއި، މަސްވެރީންނަށް ލިބޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.