ވާހަކަ

ވަކިވާން ޖެހުމުން - 18

އާދައިގެ މަތިން ހުކުރު ދުވަހަކަށްވާތީ ޝައުފާ އޮތީ އަދިވެސް ނިދިފައެވެ. ގަޑިން ނުވަގަޑި ބައިވީކަމުގެ އެލާމް ވާން ފެށުމުން އަތް ދިއްކޮށްލާފައި ފޯން ނަގާ އެލާމް އޮފްކޮށްލުމަށް ފަހު އަނެއްކާވެސް ޝައުފާ ލޯމަރާލިއެވެ.ފަތިސް ނަމާދުކޮށްގެން އޭނާ ހަޔެއް ޖަހާ ހަގަޑި ބައި ވަންދެން ހޭލާ އުޅުނެވެ. އެއަށްފަހު އޮށޯވެލީ ދިހައެއް ޖަހަންދެން ނިދާލުމުގެ ނިޔަތުގައެވެ.

މިއަދަކީ ބަންދު ދުވަހަކަށްވެފައި، ގޭގައިވެސް ކުރާނެ މަސައްކަތެއް މިގަޑީގައި ނޯންނާނެއެވެ. އަމުދުން ރޭގައި އޮފީހުގެ މަސައްކަތް ނިންމަލެވުނީވެސް ތަންކޮޅެއް ލަސްވީފަހުންނެެވެ. ކުރީގައި ހުކުރު ދުވަހު ޒިމްނާގެ ގޭގައި އޮންނަަ ހުކުރު ޚާއްޞަ ކެއުމެއް މިހާރު ނޯވެއެވެ. ދަރިފުޅު ލިބުނު ފަހުން ޒިމްނަ އުޅެނީ ވަރަށް ބުރަ ކޮށެވެ. އެހެންނަމަވެސް ކޮންމެވެސް އެހެން ގޮތަކަށް އެކަން ބަދަލުކޮށްގެން ކުރިއަށް ގެންދެވޭތޯ ސަމަދު އަދިވެސް މަސައްކަތްކުރެއެވެ. މެންދުރުގެ ކެއުން ހަވީރުގެ ސަޔަށް ބަދަލުކޮށް، ކޮންމެ ގޮތެއް ހަދާފައިވެސް ޢާއިލާ އެއް ސުފުރާ މަތިން ބައްދަލު ކުރުމުގެ އެއާދަ ހުއްޓާނުލާ ކުރިއަށް ގެންދެވޭތޯ ސަމަދު މަސައްކަތް ކުރެއެވެ.

ދިހައެއް ޖެހުމުގެ ކުރިން ޝައުފާއަށް ހޭލެވިއްޖެއެވެ. ގޭގައި ކުރާނެ މަސައްކަތެއް ނެތަސް ހަވީރަށް ތައްޔާރު ވުުމުގެ އިތުރަށް ހުކުރުން ނިމިގެންޖ ޝާމިން ގެއަށް ދާނީ މިގެއަށް އައިސް އޭނާއާއި ބައްދަލުވުމަށް ފަހުގައެވެ.އެހެންކަމުން އެނދުން ފައިބައިގެން އަވަހަށް އޭނާ ފާޚާނާއާއި ދިމާއަށް ހިގައިގަތެވެ.

ޝާމިނާއި އޭނާއާއި ދެމެދުގެ ގުޅުން ހީވެސް ނުކުރާހާ އަވަސް މިނެއްގައި ތަރައްޤީވަމުން ގޮސް މިއަދު އެއީ ދެރަޙްމަތްތެރިންނަށްވުރެ މާބޮޑަށްވެސް ގާތް ދެމީހުންނެވެ. އެންމެ ފުރަތަމަ ޝާމިނާއި ބައްދަލުވި ދުވަހު މިފަދަ ގުޅުމެއް އެދެމެދުގައި އުފެދިދާނެކަމުގެ އެއްވެސް ހިލަމެއް އޭނާއަކަށް ކުރެވިފައެއް ނެތެވެ.

މަޑުއަޅިކުލައިގެ ހެދުމެއްގައި ރީތިވާ މޭޒުދޮށުގައި އިނދެ އިސްތަށިގަނޑުގައި އަތްފުނާ އަޅަމުން ދިޔަ ޝައުފާގެ ތުންފަތް މަތިން ރަކި ހިނިތުންވުމެއް ކުޅެލީ މޭޒުމަތީގައި އޮތް ފޯނުގެ ޑިސްޕްލޭ ދިއްލުމާއިއެކު އިވުނު އަޑުގެ ސަބަބުންނެވެ.

"ޒެލޯ.." އެއީ އޭނާއާއި ވާހަކަ ދެއްކުމުގައި ބައެއް ފަހަރު ފަސޭހަ ގޮތެއްގައި ބޭނުން ކުރެވޭނެހެން އަޅާފައި ހުންނަ "ވޯކީޓޯކީ" އެޕްލިކޭޝަނެކެވެ. ބައެއް ފަހަރު އޮފީހުގެ މަސައްކަތް ހުންނަ ގޮތުން އިންޖީނުތަކުގެ ތެރޭގައި ނުވަތަ އެހެންވެސް މެޝިންތަކުގެ ތެރޭގައި އުޅޭއިރު ފޯނު އަތުން ގެންގުޅުމަށް އުދަގޫ ވިޔަސް ޝައުފާ އޭނާއަށް ގޮވާލުމުން ޖަވާބު ދެވޭގޮތަށް އަޅާފައިވާ މިއެޕުން ވަރަށް ބޮޑެތި ފަސޭހަތައް ވެއެވެ.

"ހެލޯ...ޑަރލިންގ...ވެއިޓީންގ ފޯރ މީ...ހޫމް..ވަރަށް ބޮޑަށް ސޮރީ..ހުކުރުން ފޭބިތަނާ އޮފީހުން އިމަރޖެންސީ ކޯލެއް އައީ...ވަރަށް އަރޖެންޓްކޮށް ގުޅީފަޅަށް ދާންޖެހުނީ...ކާންވެސް މަޑެއް ނުކުރެވުނު..މިދަނީ ލޯންޗާއި ދިމާއަށް...މާލެ އާދެވުނުހާ އަވަހަށް ބޭބީ ކައިރިއަށް ދާނަން...އޯކޭ...."

އޭނާ ފޯނު ނަގާ ޒެލޯ ހުޅުވާލިއެވެ. އަދި ވާހަކަ ދެއްކުމަށް ބޭނުން ކުރާ މައިކް އޮންކޮށްލުމަށް ފަހު ޝާމިނަށް ޖަވާބު ދިނެވެ.

"އޭޒް ޔޫ ވިޝް...ކަމް ސޫން...އެންޑް ބީ ސޭފް....މައި ޕްރިންސް ޕްރިޝިއަސް..."

ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ޒެލޯއިން ގޮވާލައިފިއެވެ.

"ތެންކްޔޫ ސޯމަޗް....މައި ޕްރިންސަސް ރިއަލް..."

ޝައުފާ ހިނިތުންވެލުމަށްފަހު ފޯން ދުރުގައި ބޭއްވިއެވެ. އަދި އަވަހަށް ބޯ އޮމާން ކޮށްލައިގެން ތެދުވެ މޭޒާއި ދިމާއަށް ހިނގައިގަތެވެ. ވޭތިވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި އޭނާއަށާއި އޭނާ އުޅޭ މާހައުލަށާއި އޭނާގެ ވަށައިގެންވާ އެހެނިހެން ކަންތައް ތަކަށް އައިސްފައިވާ ބަދަލު ކޮންމެ މީހަކަށްވެސް ފާހަގަ ވާނެކަން ޔަޤީނެވެ. އޭނާ އުޅެމުން އައި ކޮޓަރިއަކީ މިއަދު މަތީގައި ޑެގެއް އަޅާ ނިދާ އެނދު މައްޗަށް ބަދަލުކޮށް ތިރީގައި ކުޑަކުޑަ ކާގެއަކާއި ބަދިގެއެއްގެ އިތުރަށް ރީތިވާމޭޒާއި އަންނައުނު ބަހައްޓާ އަލަމާރިވެސް ބެހެއްޓޭ ގޮތަށް ފާޚާނާއިން ނުކުމެ ހެދުން ބަދަލު ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުޑަކުޑަ އެހެނަސް ހިތްފަސޭހަ އެއްކޮޓަރީގެ ގެއެކެވެ. މިއީ ހައްތަހާވެސް ޝާމިންގެ މިންނެތް މްސައްކަތެވެ.

އޮފީހުގެ މަސައްކަތުން އަވަދިވެގެން ގެއަށް އައުމާއިއެކު، ޝާމިން، އަވަހަށް ޝައުފާއަށް ގުޅާލުމަށް ފޯން ނަގާ ހުޅުވާލިއެވެ. އެވަގުތު މެސެންޖަރ އިން އައިސްފައިވާ ނޮޓިފިކޭޝަންތައް ފެނުމުން އެބައި ބަލާލުމަށް މެސެންޖަރ ހުޅުވާލިއެވެ. އެހެންނަމަވެސް މެސެންޖަރއިން އައިސްފައިވާ މެސެޖް ތައް ކިޔާ އެއަށް ޖަވާބު ދީ ހެދުމުގެ ކަންތައް ފެށުމުގެ ކުރިން ޝައުފާއަށް މެސެޖެއް ކޮށްނުލާ އޭނާ ހިތްހަމައެއް ނުޖެހުނެވެ.

ޝައުފާއަށް ކޮށްލި މެސެޖްގެ ޖަވާބު ފެނުމުން ހިނިތުންވެލުމަށްފަހު ޝާމިން މެސެންޖަރ އެކްޓީވް ކޮށްލިއެވެ. ޔުއަގްނާއާމީ...އެއީ ނުދަންނަ އާ މީހެއްގެ މެސެޖެއް ނޫނެވެ. ދެބުމަ ގޮށް ޖަހާލުމަށްފަހު ޝާމިން މެސެޖް ކިޔާލިއެވެ.

އޭނާގެ އެއްވެސް ޝައުޤެއް މިހާރަކު އެއަންހެންމީހާއަަކަށް ނެތެވެ. އެހެންނަމަވެސް ހިތުގެ ކަނެއްގައި ފޮރުވިފައިވާ ރިހުން އަދިވެސް ކޮންމެވެސް ވަރެއްގެ ވޭނެއް އޭނާއަށް އިޙްސާސް ކުރުވައެވެ. އެއްއިރެއްގައި އޭނަގެ ރެއާއިދުވާލުގައި އެނަމެއްގެ ހަނދާން އާވި، އެނަމުގެ މަސްތުގައި އޭނާ ދިވާނާވި ނަމުގެ ވެރިޔާ އޭނާއަށް ދިން އަނިޔާއަކީ ހަނދާންނައްތާލަން ފަސޭހަ ވޭނެއް ނޫނެވެ.

އޭނާގެ ހިތާއި ސިކުނޑީގައި އަދިވެސް ތާޒާކަމާއިއެކު އެހުރިހާ ހަނދާނެއް ހަރުލާފައި އެބަހުއްޓެވެ. އެންމެ ފުރަތަަމަ އޭނާއަށް ޔުއާނާ ފެނުނު ގޮތެވެ. އެޔުއާނާއަށްޓަކައި އޭނާ ކުރިހާ ކަންތައްތަކެވެ.

އެހުރިހާ ހިތާމައަކާއި އެކަނިވެރިކަމަކުން އޭނާސަލާމަތްކޮށްދީ އޭނާގެ ގެއްލި ހަލާކުވަމުން ދިޔަ ވީރާނާވެފައި އޮތް ޙަޔާތަށް އަލިކަމާއި ދިރުން ގެނެސްދީ އޮޅިފައިވަ މަގުން އަނބުރާ ރަނގަޅު މަގަށް ގެނެސްދިން އަންހެންމީހާއަށްވުރެ އޭނާއަކަށް ޔުއާނާ މިއަދު މުހިންމެއް ނޫނެވެ. ޔުއާނާ ކިތަންމެ އާދޭހެއް ކުރިޔަސް މިއަދު އޭނާއަކަށް އެއަޑެއް ނީވޭނެއެވެ. ތެދުތެދަށް ބުނަންޏާ، އޭނާގެ ހިތުން ޔުއާނާ ނެރެ އެއްލާލިތާ ކިތަންމެ ދުވަހެކެެވެ.

ޝާމިނަށް މިހާރު މުހިންމު ވާ ހަމައެކަނި އަންހެނަކީ ޝައުފާއެވެ. ހެނދުނު ލޯ ހުޅުވަލުމާއިއެކު ފޯނުން އޭނާއަށް ބަލާލެވެނީ ޝައުފާގެ ނަމްބަރު ނިވާފައި ނޫނީ ހުޅުވާފައި އޮތްތޯއެވެ. ތެދަށް ބުނާނަމަ ޔުއާނާއާއިއެކު އުޅުނު އިރުވެސް ނުކުރާ ކިތަންމެ ކަމެއް މިއަދު ޝައުފާއަށްޓަކައި އޭނާއަށް ކުރެވެއެވެ.

އޭނާއަކީ އެއްެވެސް އަންހެން ކުއްޖަކާއި ހެދި މާބޮޑަށް އުޅުނު މީހެއް ނޫނެވެ. އެންމެ ފުރަތަަމަ އޭނާގެ ޙަޔާތުގައި އަންހެންކުއްޖަކަަށްޓަކައި ވަގުތު ހުސްކުރެވުނީ ޔުއާނާއަށެވެ. ޔުއާނާއާއިއެކު އުފާވެރި ދިރިއުޅުމެއް ބިނާ ކުރުމަށްޓަކައި މޮޅަށް ކިޔަވައިގެން ކާމިޔާބު ޤާބިލު މީހަކަށް ވުމަށް އޭނާ މަސައްކަތް ކުރިކަން ޔަޤީނެވެ. އެހެންނަމަވެސް އެއްވެސް ސަބަބެއް އެއްވެސް ކުށެއް އަދި އެންމެ ކުޑަމިނުން އަންގާލުމެއްވެސް ނެތި ޔުއާނާ އޭނާއަށް ބޭވަފާތެރިވީއެވެ. ޔުއާނާގެ ހަނދާންތަކާއި ދުރަށް ދިއުމަށް އޭނާއަށް ވަދެވުނު ކަށި ޖަންގަލިން އޭނާ ނެރެގެން ހަލާކުގެ މަގުން އެއްކިބާކޮށް ސީދާވެގެންވާ ތެދުމަގުގައި ސާބިތުވުމަށް އޭނާއަށް އެހީތެރިވެ މަސައްކަތްކޮށްދިނީ ޝައުފާއެވެ.

ކޮންމެވެސް މީހަކު ބުނެފާނެއެވެ. "އޭ ޝާމިނެވެ. ކަލެއާއި ޝައުފާއާއި ދެމީހުން ހަމަހަމަ ވަނީ ކިހިނެއް ހެއްޔެެވެ؟ އެއީ ރަށްފުށުގެ އާދައިގެ އަންހެނެކެވެ. އަމުދުން ޢާއިލީ ގޮތުން ބަލާނަމަ ތިދެމީހުންގެ ފަރަޤު ހާދަހާ ބޮޑެވެ. ކަލޭ އޭނާއާއި ގުޅުން ބަދަހިކުރަން ފެށީ އެވަރު ވިސްނާލުމެއް ވެސް ނެތި ހެއްޔެވެ.؟ ބައްޕައަކާއި ނުލައި އެތައް ބުރައެއް އުފުލައިގެން ކަލޭ ބަލާބޮޑު ކުރި ކަލޭގެ މަންމަ ތިގުޅުމަށް އެއްވެސް ވަރަކަށް ނުރުހޭނެ ކަން ކަލެއަށްވެސް އެނގޭނެއެވެ. ވީއިރު ތިކަމުގައި އިތުރަށް ކުރިއަށް ދިއުން ބުއްދިވެރިކަމެއް ހެން ހީވޭހެއްޔެވެ؟"

ތެދެކެވެ. އޭނާގެ މައިންބަފައިންގެ ޢާއިލާގެ ކަންތައް ހިނގާ އުޞޫލަށް ބަލާނަމަ، ޝައުފާއާއި އޭނަގެ އެއްވެސް ގުޅުމެއް އެމީހުން ޤަބޫލެއް ނުކުރާނެއެވެ. އަމުދުން މިހާރު އޭނާ އެގުޅުމަށް ގެނެސްފައިވާ ކުލަތަކަށް އެމީހުން ފެނާއި ސާފުކުރާ އެހެނިހެން ސާމާނު އަޅާ އެކުލަ ފޮހެލުމަށް ކުރެވެން އޮތް ހުރިހާ ކަމެއްވެސް ކުރާނެއެވެ. އެކަމަކު އޭނާ މިހިސާބަށް އެގުޅުން ބަދަހިކުރީ އިތުރަށް އެއްވެސް ވަރަކަށް ވިސްނާނެ ޖާގައެއް ނެތް ވަރަށް ވިސްނާފައެވެ. ކޮންމެ ބަޔަކު ކޮންމެ އެެއްޗެކޭ ބުންޏަސް އަދި ކޮންމެ މީހަކު ކޮންމެ ނަޒަރަކުން ބެއްޔަސް ވަރިހަމައެވެ. ޝައުފާއާއި އޭނާގެ ގުޅުމަށް އެއްވެސް މީހަކަށް ފާޑު ކިޔާނެ ފުރުޞަތެއް އޭނާ ނުދޭނެއެވެ. ސިއްރުން، އޭނާއަށް އަޑު ނީވޭ ގޮތަށް ކޮންމެ އެއްޗެކޭ ވެސް ކިޔިދާނެއެވެ. އެކަމަކު އޭނާގެ ކުރިމަތީގައި އެއްވެސް މީހަކަށް އެންމެ ލަފްޒެއްވެސް ނުކިޔޭނެއެވެ. އެހުއްދަ އޭނާ އެއްވެސް މީހަކަށް ނުދެއެވެ. ނުވެސް ދޭނެއެވެ.

ޔުނިފޯރމް ބޭލުމަށްފަހު ތުވާލި ހިފައިގެން ފާޚަނާއަށް ވަދެ ހަމަޖެހިގެން ފެންވަރާ ތާޒާވެލައިގެން ނުކުމެ، ޓީޝާޓަކާއި ސޯޓެއް ލުމަށްފަހު ފޯން ހިފައިގެން ގޮސް ޝާމިން އޭނާގެ އެނދުގައި އިށީނދެ ޓީވީގެ ރިމޯޓް ނަގާ އޮން ކޮށްލިއެވެ. ޓީވީ އިން އޭނާގެ ވަޒީފާއާއި ގުޅޭ މަޢުލޫމާތު ލިބޭ ކަހަލަ ވީޑިއޯއެއް އަޅުވާލުމަށްފަހު އެނދުގައި ހަމަޖެހިލިއެވެ. އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ.

"...ދޮންދޮންބެ ގާތަށް ދާން ކިޔާވަރުން ސަލާމަތް ނުވެގެން އެންމެ ފަހުން ގޮވައިގެން މިއައީ....!"

ކޮޓަރިއަށް ވަދެގެން އަަައި ޝާމިންގެ އެންމެ ހަނގު ކޮއްކޮ ސަމާހާ، އޭނާގެ ދަރިފުޅު ރަޔާންއަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. ޝާމިން ފެނުމާއިއެކު ސަމާހާގެ އަތުން ވީއްލިގެން ތިން އަހަރުގެ ރަޔާން ދުވެފައި ގޮސް ދޮންބެގެ އުނގަށް އެރިއެވެ.

"..ދޮންދޮންބެގެ ސުޕަރބޯއި...ވަޓްސް އަޕް...ޑަރލިންގ...؟"

ޝާމިން ރަޔާންގެ ބަނޑުގައި ކޮއްޓާލަމުން އަހާލިއެވެ.

"ސްޓޯރީ އަޑު އަހަން....ޓްރެކްޓަރ ކުޅެންވެސް ބޭނުން....މަމީ ރަޔާން ވެކިއުމަރ ކުޅޭކަށްވެސް ނުދިން....އެހެންވެ ގޭގައި ހުންނަން ބޭނުން ނޫން.....!"

ރަޔާން ޝަކުވާއެއް ކޮށްލިއެވެ.

"މީނަ ރޮއްވާފަދޯ މިހިރީ....؟" ރަޔާންގެ ތެމިފައިވާ ލޮލާއި މިލާފައިވާ މޫނު ފެނުމުން ޝާމިންއަށް ވަރަށް ފަސޭހައިން ރަޔާން ރޮއިފަ ހުރިކަން އެނގިއްޖެއެވެ.

"ރޮއްވާކަށެއް ނޫން...މަވެސް ގަސްދަކު ނުރޮއްވާނެއެއްނު...." އިށީންނަމުން ސަމާހާ ބުނެލިއެވެ. "ސްކޫލުން ގެއަށް އައިސް ވަން ގޮތަށް ގޭގައި ހުރި ވެކިއުމް ކްލީނަރ ބޭނުން ވެގެން ކުސް ޖަހަން ފަށައިފި....އެއީ ކުޅޭ އެއްޗެއް ނޫނޭ...ބުނެދީދީ ވަރުބަލިވީއިރުވެސް ގޮތް ދޫނުކުރޭ....އެންމެ ފަހުން ދެން ފެށީ ރޯން.....ރުއިން ހުއްޓާލެވެން އޮތީ ދޮންދޮންބެ ގާތަށް ގެނެސްދިނީމަ ކަމަށް ވާތީ ގޮވައިގެން އައީ....އެހެން ނޫނަސް މަށާ މަންމަ އާއި ދެމީހުން ފިހާރައަކަށްވެސް ދާންޖެހޭ.....ދޮންބެ ބޭބީ ސިޓީންގ ކުރާނަމެއްނު.....އަހަރެމެން އަންނަންދެން....އޯކޭ...!"

"...އަސްތަ...މިރޭ އޮފީސް ކަމެއްގައި ބޭރަށް ދާން ޖެހޭ...ކިހާ އިރަކު އާދެވޭނީ...؟"

އެނދުމަތީގައި ހަމަޖެހިލައިގެން ޝާމިންގެ ފޯނާ ކުޅެން އިން ރަޔާނަށް ބަލާލަމުން ޝާމިން ސަމާހާ ކުރެން އަހާލިއެވެ.

"މިހާރު ހަތަރުގަޑީ ބަޔެއްނު އެވީ....ހަތެއް އަށެއް ޖަހާކަށްހާއިރަށް އަންނާނަމޭ....!"

"ނޯނީ....ދަރިފުޅާ...."

ސަމާހާއަށް ގޮވަމުން އައިސް ޝާމިންގެ ކޮޓަރީގެ ދޮރު ހުޅުވާލީ ޝިޔާމާއެވެ.

"ދަރިފުޅު ތައްޔާރުވެގެން ތިއައީ...ދޯ....އެކަމަކު....ފިހާރައަށް ދިއުމަށްވުރެ ބޮޑޫކަމެއް ލައިގެންފިއެއްނު....އެހެންވީމާ ޖެހޭނީ އެކަން ކެންސަލް ކުރަން...." ޝިޔާމާގެ މޫނުމަތިން ކޮންމެވެސް ކަމެއްގެ ނުތަނަވަސްކަމަކާއި ރުޅިވެރިކަމެއްގެ އަސަރު ފާޅުވަމުން ދިޔައެވެ. ސަމާހާއަށް ބަލާލަމުން ވާހަކަ ދައްކާ ނިމިގެން ޝިޔާމާ ފުން ނަޒަރަކުން ޝާމިނަށް ބަލާލިއެވެ.

މަންމަގެ ތަޙްޤީޤީ ނަޒަރުން ސަލާމަތްވެވޭތޯ ޝާމިން ރަޔާނާއި ދިމާއަށް އެނބުރިލިއެވެ.

"އައްދެ....މަބޮޑު ކޮންކަމެއް ލައިގަތީ...؟" ސަމާހާ ހައިރާންވެފައި މަންމައަށް ބަލާލަމުން އަހާލިއެވެ.

"އަހަރެމެންނަށް ރޭކާލުމެއްވެސް ނެތި ދަރިފުޅުގެ ދޮންބެ މީހަކާއި އިންނަން ނިންމައިފިއެއްުނު.....!"

ޝިޔާމާގެ ޖުމްލަ އަޑުއިވިފައި ޝާމިނަށް ހީވީ އޭނާ އިށީދެގެން އިން އެނދުވެސް ގުޑައިގެން ދިޔަހެނެވެ. މަންމަ އެބުނި ވާހަކައަކީ ކިހިނެއް ކޮންތާކުން އިވުނު ވާހަކައެއްބާވައެވެ. އޭނާ ޝައުފާއާއި އެކީގައި އުޅެމުން އަންނަތާ މިހާ ދުވަސްވެފައިވާއިރުވެސް އެއްވެސް ޢާއިލާ މީހަކަށް ހިލަމެއް ވެދާނެހެން ހީވާކަހަލަ ކުޑަ ކަމެއްވެސް ނުކޮށްވޭތޯ އެތައް މަސައްކަތެއް ވާނީ ކޮށްފައެވެ. އެހެން ކަންތައް ކުރީ ކޮންމެހެން މަންމައަށް ނުވަަތަ އާއިލާގެ އެހެން މީހަކަށް އެނގިގެން މައްސަލައަކަށްވެ ނުވަތަ އޭނާއާއި ޝައުފާ ވަކިކުރުވުމަށް މަސައްކަތް ކޮށްފާނެތީ އެކަމުގެ ބިރަކަށް ނޫނެވެ. އެކަމަކު އޭނާ ބޭނުންވާ ހިސާބަށް ކަންތައް ނުދަނީސް އެއްވެސް ޑްރާމާއެއް ކުޅެވޭކަށް ނުވަތަ އެއްވެސް ހަޅުތާލެއް ހެދޭކަށް ބޭނުން ނުވާތީއެވެ. "ހެޕީކޯނަރ" އާއި "ހެޕީބޯޑަރ" އަކީ ނުވަތަ "މާޖެހިގެ" ދެބަޔަކަށް ބަހާފައިވާ އިރު ދެގެއަކީވެސް މާލެތެރޭގައި ގްރޫޕް އެއްވުން ތަކަށާއި ޢާއިލީ ކަންކަމުގައި އެކަކު އަނެކެއްގެ ގުޅުން ރަނގަޅު ކަމުގެ މިސާލެއްގެ ގޮތުން އެންމެން އެކުގައި އެދިމާވާ ކަމަކާއި ކުރިމަތިލާ އެކަމެއް ހަމަޖެއްސުމުގައި "އެއްބައިވަންތަކަމާއިއެކު" ހަނގުރާމަ ކުރުމުގައި މަޝްހޫރު ލާމަސީލު ނަމޫނާ ދެގެއެވެ. އެހެންކަމުން ޝައުފާގެ އެއްވެސް ކަމެއް ގޭގެ އެއްވެސް މީހެއްގެ ލޮލަށް ނުދެއްކުމަށް އޭނާ އިންތިހާއަށް މަސައްކަތްކުރިއެވެ.

އެންމެ ބޮޑު މައްސަލައަކީ ތަޅާފޮޅުން ކަހަލަ ކަންތަކުގައި މިގޭ މިހުން އަތު ކުރި އޮޅާ ނުކުންނަލެއް އަވަސްކަމެވެ. ސަމާހާ މީހަކާއި އިންނަން ޖެހުނު ފަހަރު ކަންތައް ވީ ގޮތްވެސް އޭނަ ރަނގަޅަށް ހަނދާން ހުރެއެވެ. ސަމާހާއަށް އިލްޝާނާއި ކައިވެނި ކުރެވުނީ އޭނަ ދުނިޔޭގައި ހުރީތީއެވެ. ބައްޕަ ނިޔާވެ ޔަތީމު ކުދިންނަށް ވުމަކީ އެމީހުންގެ ދެރަ ނަސީބެވެ. މިފަދަ ކޮންމެ ކަމެއްގައި މަންމަގެ ފަރާތު ޢާއިލާ މީހުން ތިބެނީ އެމީހުންނަކީ ތިމާމެންގެ އަމިއްލަ މުދާކަމަށް ހަދައިގެންނެވެ. އެހެންކަމުން ބައްޕަ ނެތުމުގެ އަސަރު ސަމާހާއަށް ވެސް ފޯރިއެވެ. އެވަގުތު އޭނަ ހުރީ ވެސް ކޯހެއްގައި ރާއްޖެއިިން ބޭރުގައެވެ. އެހެންނަމަވެސް ލޯބިވާ ކޮއްކޮ މީހަކާއި ލޯބިގެ ގޮތުން ގުޅި ކައިވެންޏަކާއި ހަމައަށް ދިޔަކަން އެނގުމުން އަންނާނެ ޠޫފާން ރަނގަޅަށް ތަސައްވުރު ކުރެވޭތީ އަވަހަށް އެކަމަށް އެންމެ އެކަށީގެންވާ ޙައްލު ހޯދުމަށް އޭނާ އަވަސްވިއެވެ.

މަންމަ ތަކުރާރުކޮށް ސަމާހާ އަށް ވަލީ ނުދިނުމަށް އޭނާއަށް އަމުރު ކުރިއެވެ. އިލްޝާން ފަކީރަށް މަގެއްގެ މައްޗަށް ނުކުމެވޭކަށް ނޯވެއެވެ. ކޮންމެވެސް ޙަމަލައެއް އަތުވެދާނެކަމުގެ އިންޒާރު އަބަދުހެން ދިޔައީ ލިބެމުންނެވެ. އެންމެފަހުން އިމަރޖެންސީ ލީވެއް ނަގައިގެން އޭނާ އެންމެ ދެދުވަހުގެ ޗުއްޓީއަކަށް މާލެ އައިސް އެކަންތައްގަޑު ހަމައަކަށް އެޅުވުމުގައި ހުރިހާ ޒިންމާއެއް ކޮޑުގައި އަޅާ އާއިލާގެ އެހެން އެންމެނާ ދެކޮޅަށް ސަމާހާއާއި އިލްޝާންގެ ކައިވެނި ކުރުވީއެވެ.

މިއަދު މަންމައަށް އިލްޝާން ވަރެއް ނެތެވެ. ސަމާހާއާއި ސަމާހާގެ ދަރިފުޅު ނުފެނި އެންމެ ދުވަހެއްވެސް ހޭދަ ކުރާކަށް މަންމައަކަށް ފަސޭހައެއް ނޫނެވެ. އެއީ ހަމަ އެއްކަލަ މަންމަ އަށް ކަމުނުދިޔަ ޢާއިލީ ގޮތުން މެދުފަންތީގެ ވީތީ ގުނުމުގައި ނުހިމެނުނު، ޑިގްރީ ފެންވަރަށް ކިޔަވައިގެން ނެތީތީ، ޓައީއެޅި ބޮޑު ވަޒީފާއެއް ނެތީތީ މަންމައަށާއި ޢާއިލާގެ އެހެން މީހުންނަށްވެސް ކަމުނުދިޔަ އިލްޝާންގެ ދަރިއެއްކަން މިއަދު މަންމަ ހަނދާނެއް ނެތެވެ.

މިޢާއިލާގެ އިތުރަށް ކޮލި ގަނޑުވަރު ޢާއިލާގެ ހުރަސްތައްވެސް ވަކި ކުޑައެއް ނުވާނެއެވެ. މިނެކިރާ މިންގަޑަށް ފެތޭ ޝަރުޠުތަކުގެ ސިލްސިލާ އެމީހުންގެ މާބޮޑަށްވެސް ދިގުވާނެއެވެ. ސަމާހާގެ މައްސަލައިގައިވެސް އިލްޝާންގެ މާޒީގެ ހުރިހާ ފަށްފުށްތަކެއް ހޯދާ ބެލުމަށް އެއްބަފާ ހުރިހާ ބެއިންބެއިން ތިބީ އަތުކުރި އޮޅާލައިގެންނެވެ. އަމުދުން އޭނާގެ ކަމެއްގައި އެމީހުން ތިބޭނީ ދިހަބާރަ ފިޔަވަޅު ކުރިއަށް ޖަހާފައެވެ. އެހެނީ އޭނާއަކީ ބައްޕަގެ ލޮލުގެ ކޮޔެވެ. ބައްޕަގެ ރަންދަރިފުޅެވެ. އަދި އެއެންމެންގެ އެންމެ ހަނގު ފިރިހެން ކޮއްކޮވެސްމެއެވެ. ވީއިރު ދައްތަމެނާއި ބޭބެމެން ތިބޭނީ ކިހާވަރެއް އަރުވާލަން ތައްޔާރަށް ހެއްޔެވެ.

ކުރާނެ ކަމެއް ނެތެވެ. އެންމެ ފަހުން ބިރުން އުޅުނު ކަންތައް ފެންމަތިވީއެވެ. އެހެން ނޫނަސް މިއީ ކުރިމަތިލާންޖެހޭވެސް ކަމެކެވެ.

ކުއްލިއަކަށް ލޯބިވާ ބައްޕަގެ މަތިން ހަނދާންވެފައި ޝާމިންގެ ލޯ ތެމިއްޖެއެވެ. މިއަދު އެބައްޕަ ދުނިޔޭގައި ހުންނެވިނަމަ އޭނާ އުރާލައިގެން ނަށާނެއެވެ. ލިބެން އުޅޭ ޅީދަރިފުޅަކި ކޮންމެ މީހަކަށްވިޔަސް ބައްޕަގެ ހަމައެންމެ ޝަރުޠެއް ފުރިހަމަ ވެފައި ބައްޕަ އެދިލައްވާ ހަމައެންމެ ކަމެއްގައި ސާބިތުވުމުން އެކުއްޖަކާއި ބައްޕަ ަޤަބޫލުވެލައްވާނެއެވެ. ބައްޕަގެ ޝަރުޠަކީ "އިސްލާމްދީނަށް ތަބާވާ ފަސްވަގުތުގެ ނަމާދަށް ކަމޭ ހިތާ" ކުއްޖެއް ކަމަށްވުމެވެ. ބައްޕަގެ އެދިލެއްވުމަކީ އެކުއްޖަކީ ޝާމިން ލޯބިވާ ވަރަށްވުރެ ބޮޑަށް ޝާމިންދެކެ ލޯބިވާ ކުއްޖަކަށްވުމެވެ. އެގޮތުން ބަލަންޏާ ޝައުފާ މާބޮޑަށްވެސް ފުރިހަމައެވެ. މިއަދު ބައްޕަ ދުނިޔޭގައި ހުންނެވި ނަމަ އޭނާ މިހާސްކަމާއި ކަންބޮޑުވުމުގެ ތެރެއަށް ގެބޭކަށް ނުޖެހުނީހެވެ.