ޚަބަރު

އިންޑިއާއާ ދެކޮޅު ހަރަކާތް ހިންގަނީ އަމިއްލަ އެދުމުން ފޯވެފައިވާ ކޮރަޕްޓު ބައެއް: މިނިސްޓަރު މާރިޔާ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން، ރާއްޖެއިން ބޭލުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީން އިސްވެ އޮވެ ކުރިއަށް ގެންދާ "އިންޑިއާ-އައުޓް" ކެމްޕޭނަކީ ކޮރަޕްޓު ބައެއް ހިންގާ ހަރަކާތެއް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް ކަރަމްބީރު ސިންގުގެ ދައުވަތަކަށް އިންޑިއަން ނޭވަލް އެކެޑަމީގެ ޕާސިން އައުޓް ޕްރޭޑެއް ޝަރަފުވެރި ކޮށްދެއްވުމަށް އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ މިނިސްޓަރު މާރިޔާ އެހެން ވިދާޅުވީ، އެގައުމުގެ ވޯލްޑް އިން ވަން ނިއުސް (ވިއޯން) އަށް ދެއްވި އިންޓަވިއުއެއްގައެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، އިންޑިއާ-އައުޓް ކެމްޕެއިނުގެ ސަބަބުން ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެ ހަރަކާތަކީ އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރުމަށް މަސައްކަތް ކުރާ މަދު ބަޔަކާއި ސޯޝަލް މީޑިއާގައި އުޅޭ "ބޮޓުން" ތަކެއް ހިންގާ ހަރަކާތެއް ކަމަށް ވެސް ވިދާޅުވިއެވެ.

"އެކަން ކުރަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ދައްކައިގެން ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ މަދު ބަޔަކާއި ސޯޝަލް މީޑިއާ ބޮޓުންތަކެއް. އެމީހުންނަކީ އަމިއްލަ އެދުމާއެކު އުޅޭ، ގާނޫނު ނަގަހައްޓައި ޑިމޮކްރަސީ އާއި ދެފުށްފެންނަ ނިޒާމުތަކާއި ހެޔޮ ވެރިކަމާ އަދި ކޮރަޕްޝަނުން ސަލާމަތްވެފައިވާ މުޖުތަމައެއް ދެކެން ނުރުހޭ، ކޮރަޕްޓުވެފައި ތިބި ބައެއް،" މިނިސްޓަރު މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެ ކެމްޕެއިނުގައި އުޅޭ ކޮރަޕްޓު މީހުންނަކީ ޑުރަގް ނެޓްވޯކުތަކަށް ނިސްބަތްވާ ބައެއް ކަމަށާއި ނަމަވެސް ރާއްޖެ އާއި އިންޑިއާ ގުޅިގެން އެމީހުންގެ ނެޓްވޯކުތައް ނާކާމިޔާބު ކުރަމުން އަންނަ ކަމަށެވެ.