ދެކުނު އެފްރިކާއިން ފެނުނު ކޮވިޑްގެ އޮމިކްރޮން ވޭރިއަންޓް ޔޫރަޕުގެ ގިނަ ގައުމުތަކުން ވެސް ފެންނާން ފަށައިފިއެވެ.
މި ވޭރިއަންޓް އެންމެފަހުން ފެނުނު ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު އަދި އިޓަލީ ހިމެނެއެވެ. އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު ސާޖިދު ޖާވިދު ވިދާޅުވި ގޮތުގައި އިއްޔެ އެގައުމުން ފެނުނު މި ވޭރިއަންޓްގެ 2 ކޮވިޑު ކޭސް ފެނިފައިވަނީ ސައުތު އެފްރިކާއިން ދަތުރުކުރި ބައެއްގެ ގައިންނެވެ.
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުން މި ވޭރިއަންޓު ފެނުމާ ގުޅިގެން އެހެން ގައުމުތަކުން އެގައުމަށް އެތެރެވާ އެންމެންވެސް އެންމެ ލަސްވެގެން ދެވަނަ ދުވަހު ޕީސީއާރް ޓެސްޓު ހެދުމަށާއި ނެގެޓިވް ނަތީޖާއެއް ފެންނަންދެން އެކަހެރި ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
ހަމަ އެ ކޮންފަރެންސުގައި ޗީފް މެޑިކަލް އޮފިސަރު ކްރިސް ވިޓީ ވިދާޅުވިގޮތުގައި މި ވޭރިއަންޓާ ގުޅޭ ގޮތުން ފުރިހަމަ މައުލޫމާތުތަކެއް ހޯދިފައި ނުވިނަމަވެސް މި ވޭރިއަންޓް ވެކްސިނަށް ގުޑާ މިންވަރު ކުޑަ ކަމަށް ވަނީ ބެލެވިފައެވެ.
ޖަރުމަނުގެ ހެލްތު މިނިސްޓްރީން ވަނީ އެ ގައުމުގެ ބަވަރިއާ ސްޓޭޓުގައި މި ވޭރިއަންޓްގެ ދެ ކޭހެއް ފެނިފައިވާ ކަމަށް ބުނެފައެވެ. މިއުނިކް އެއާޕޯޓުން އެގައުމަށް އެތެރެވެފައިވާ ދެ މީހެއްގެ ގައިން މި ވޭރިއަންޓަށް ޕޮޒިޓިވް ވެފައިވާއިރު މި ދެމީހުން ނޮވެމްބަރު 24 ވަނަ ދުވަހު އެތެރެވެފައިވަނީ ސައުތު އެފްރިކާއިން އެގައުމަށް ދަތުރުކުރާ މީހުން ވަނުން މަނާ ކުރުމުގެ ކުރިން ކަމުގައި އެގައުމުން ބުނެއެވެ. އެ ދެ މީހުންނަކީ ސީދާ ދެކުނު އެފްރިކާ ހިސާބަށް ދަތުރުކުރި ބައެއްކަން ސަރުކާރުން ޔަގީންކޮށްދީފައެއް ނުވެއެވެ.
އިޓަލީގެ ނެޝަނަލް ހެލްތު އިންސްޓިޓިއުޓުން އާއްމު ކުރި މައުލޫމާތަށް ބަލާއިރު މޮޒަމްބީގުން މިލާން އަށް ދަތުރުކުރި މީހެއްގެ ގައިން ވަނީ މި ވޭރިއަންޓް ފެނިފައެވެ.
ޗެކް ރިޕަބްލިކުން ބުނެފައިވަނީ ނެމީބިއާއިން އެގައުމަށް އެތެރެވި މީހަކު މި ވޭރިއަންޓަށް ޝައްކު ކުރެވޭތީ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ޑެންމާކުގެ ހެލްތު މިނިސްޓްރީން ވަނީ ސައުތު އެފްރިކާއިން އެގައުމަށް އެތެރެވި ދެމީހަކު މި ވޭރިއަންޓަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމުގައި ބުނެފައެވެ.
މީގެ ކުރިން ނެދަލޭންޑުންވަނީ އެގައުމަށް ސައުތު އެފްރިކާއިން ދަތުރުކުރި ކޭއެލްއެމް ދެ ފުލައިޓަކުން އެތެރެވި 61 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރޭގައި އޮމިކްރަން ވޭރިއަންޓް އުޅޭނެ ކަން ޔަގީން ކުރެވޭ ކަމުގައި ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ