މުނިފޫހިފިލުވުން

"ކުޗްކުޗް ހޯތާ ހޭ" ގައި ރާހުލް، އަންޖަލީއަށް ވުރެ ކުރިން ޓީނާ ދެކެ ލޯބިވީ ސަބަބު ރާނީ ކިޔައިދީފި

މީގެ 23 އަހަރު ކުރިން ރިލީސްވި ކަރަން ޖޯހަރުގެ ''ކުޗް ކުޗް ހޯތާ ހޭ'' އަކީ އަދިވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު ފިލްމެކެވެ. ޝާހްރުކް ހާން، ކާޖޮލް އަދި ރާނީ މުކެރްޖީ ފެނިގެންދިޔަ ތިނެސްކަން ލޯބީގެ މި ކާމިޔާބު ފިލްމަށް ވަނީ ގިނަ އެވޯޑުތަކެއްވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް އަންހެނުން ހެދުން އަޅާގޮތުން ރާހުލްގެ ލޯބި ހާސިލުކުރެވޭ ކަމަށް ދައްކައިދީފައިވާތީ މިއީ "ސެކްސިސްޓު" ފިލްމެއް ކަމަށް ބުނެވެސް ބައެއް މީހުން ވަނީ ފާޑުކިޔައިފައެވެ.

ފިލްމުގައި ރާހުލް (ޝާހްރުކް ހާން) އަދި އަންޖަލީ (ކާޖޮލް) އަކީ ވަރަށް ގާތް ދެ ރަހުމަތްތެރިންނެވެ. އަންޖަލީ އެހެން އަންހެން ކުދިންނާ ތަފާތެވެ. ރީތިކޮށް ހެދުން އަޅައި މޭކަޕުކޮށް ތުއިވާކަށް އޭނާގެ ޝައުގެއް ނުހުރެއެވެ. ފިލްމުގެ ވާހަކަ ބަދަލުވަނީ ޓީނާ (ރާނީ މުކެރްޖީ) އަންނަ ހިސާބުންނެވެ. ރީތި ހުސްކުރި ރީތިކަމާއެކު ޓީނާ ކޮލެޖަށް ދާ ހިސާބުން ހުރިހާ ފިރިހެން ކުދިން އޭނާގެ ފަހަތުން ދުވެއެވެ. ރާހުލް އަށްވެސް ވީ އެވަރެވެ. ނަމަވެސް ރާހުލް، ޓީނާގެ ހިތް ފަތަހަ ކުރެއެވެ. އޭރު އަންޖަލީއަށް މިވަނީ ސިއްރުން ރާހުލް ދެކެ ލޯބިވެވިފައެވެ.

ފިލްމުގައި ދައްކައިދީފައިވާ ގޮތުން އަންޖަލީ ފިރިހެން ކުދިން ގޮތަށް އުޅޭތީ އޭނާ ދެކެ ރާހުލްއަށް ލޯބި ނުވެވި ޓީނާއަށް ރާހުލް ލިބެއެވެ. އަދި އޭގެ މާ ފަހުން އަންޖަލީ ފެންނައިރު ރީތިކަމަށް ސަމާލުކަންދީ ހެދުން އެޅުމަށް ގެނެސްފައިވާ ބަދަލު ފެނި ރާހުލްގެ ހިތް އަންޖަލީއަށް ފިދާވެއެވެ. މިކަމަށް ފާޑުކިޔައި މީގެ ކުރިން ބަތަލާ ޝަބާނާ އާޒްމީވެސް އެކަން ފާހަގަކުރި ކަމުގައި ކަރަން ޖޯހަރު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ބުނެފައެވެ.

ނަމަވެސް ރާނީ މިވަނީ އޭނާގެ ޓީނާ ކެރެކްޓާ ދިފާއުކޮށް ވާހަކަ ދައްކައިފައެވެ. ރާނީ ބުނިގޮތުގައި ލޯތްބަކީ އެކި ގޮތްގޮތަށް ވެވޭ އެއްޗެއް ކަމަށާއި އެކަމަށް އިހުތިރާމު ކުރަން ޖެހޭ ކަމަށެވެ. އަދި ރާހުލްއަށް ޓީނާ ދެކެ ލޯބިވެވުނީ ހަމައެކަނި އޭނާ ހެދުން އަޅާގޮތާއި ތުއިކޮށް ހުންނާތީ ނޫން ކަމަށާއި ރާހުލްއަށް ޓީނާ ކަމުދިޔައީ އޭނާގެ މިޒާޖުގެ ސަބަބުންނާއި ބޭރުން ކިޔަވައިގެން އައި ނަމަވެސް ހުޅަނގުގެ ސަގާފަތާ ހިލާފަށް އަމިއްލަ ސަގާފަތަށް ހޭނިފައި ހުރުމާއި އެކަހަލަ އެތައް ކަމެއްގެ ސަބަބުން ކަމަށް ބުނެފައެވެ. އަދި އެކަން ފިލްމުގައި ފުރިހަމައަށް ގެނެސްދީފައިވާ ކަމަށް ރާނީ ބުނެއެވެ.

އޭގެ އިތުރުން އަންޖަލީ، ރާހުލް ދެކެ ލޯބިވާކަން އެންމެ ފުރަތަމަ ފާހަގަކުރެވެނީވެސް ޓީނާއަށް ކަމަށާއި މަރުވުމަށްފަހު އެކަން ކާމިޔާބުކުރުވުމަށް ދަރިފުޅަށް ވަސިއްޔަތް ކުރަނީވެސް ޓީނާގެ ރަނގަޅު މިޒާޖުގެ ސަބަބުން ކަމުގައި ރާނީ މިވަނީ ބުނެފައެވެ. އޭގެންވެސް އެނގެނީ ޓީނާ އަކީ ހެޔޮހިތެއްގެ ވެރިއެއްކަން އެނގިގެން ދާ ކަމަށް ރާނީ ބުނެއެވެ. އަދި ފިލްމުގައި ރާހުލްގެ ނިންމުންތަކަކީ ގަބޫލުކުރެވޭ ނިންމުންތަކެއް ކަމަށް ބުނެ ޓީނާ މިވަނީ ރާހުލްގެ ދިފާއުގައިވެސް ވާހަކަދައްކައިފައެވެ.