މުނިފޫހިފިލުވުން

ނުޝްރަތު ބަރޫޗާގެ ބިރުވެރި ފިލްމު "ޗޯރީ" މިއަދު އެމެޒޮން ޕްރައިމްގައި ރިލީސްކުރާނެ

ބޮލީވުޑް ތަރި ނުޝްރަތު ބަރޫޗާ ކުޅެފައިވާ ބިރުވެރި ފިލްމު ''ޗޯރީ'' މިއަދު އެމެޒޮން ޕްރައިމް ވީޑިއޯގައި ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިޝާލް ފުރިއާ ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ނުޝްރަތުގެ އިތުރުން ސޯރަބް ގޯޔާލް، މިތާ ވަޝިޝްތު، ރާޖޭޝް ޖައިސް އަދި ޔާނީއާ ބަރަދުވާޖު ހަރަކާތްތެރިވެއެވެ. މިއީ 2016 ވަނަ އަހަރު ވިޝާލް ލިޔެ ޑައިރެކްޓުކުރި ކާމިޔާބު މަރާތީ ފިލްމު ''ލަޕާޗައްޕީ'' ގެ ހިންދީ ރިމޭކެކެވެ.

ފިލްމުގެ ވާހަކައިގައި ދެމަފިރިން ކަމަށްވާ (ހެމާންތު އަދި ސާކްޝީ) އަށް މާލީ ދަތިކަމާ ކުރިމަތިވެ ދިމާވާ ކަންތައްތަކުގެ ސަބަބުން ދުވަސްކޮޅަކަށް ފިލަން މަޖުބޫރުވެ، މި ދެމަފިރިންގެ ޑްރައިވަރުގެ އަވަށަށް ދުވަސްކޮޅަކަށް ބަދަލުވާން ނިންމައެވެ. ޑްރައިވަރު ބުނާގޮތުގައި އެ ކުޑަކުޑަ އަވަށުގައި ހުންނަނީ ފަސް ގެ އެވެ. އޭގެ ތެރެއިން ދެ ގެއަކީ ޑުރައިވަރުގެ ދެ ގެ އެވެ.

އަވަށުގައި ވަށައިގެން އުއްދަނޑިތަކުން ފޮރުވިފައިވާ އެ ގޭގައި ސާކްޝީ އުޅެން ހިތްހަމަޖެހި، އެތަނުގައި ފީކޮއި ކުޅެން އޭނާ ފަށައެވެ. ނަމަވެސް ބަލިވެ އިން ސާކްޝީއަށް އެ އަވަށުގައި އާދަޔާ ހިލާފު ބިރުވެރި ކަންތައްތަކާ ކުރިމަތިލާން ޖެހެއެވެ. އެ އަވަށުގެ މީހުން ގަބޫލުކުރަނީ އަންހެން ދަރިއަކު އަވަށަށް އުފަންވުމަކީ ލިބޭ ބޮޑު ބަދުނަސީބެއް ކަމަށާއި އުފަންވާ އަންހެން ކުދިން ގުރުބާން ކުރަން ޖެހޭނެ ކަމަށެވެ.

ޓްރެއިލާ---

ފިލްމުގެ ލީޑު ކެރެކްޓާ ސާކްޝީގެ ބައި ނުޝްރަތު ކުޅެދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ފިލްމު ރިވިއު ކުރި ފަރާތުން ބުނެއެވެ. ބަނޑުގައި އޮތް ދަރިފުޅުގެ ރައްކަލަކަށް އަންހެނަކު ކުރާ މަސައްކަތް ދައްކައިދޭ މި ފިލްމުގައި ދެވަނައަށް އެންމެ ރަނގަޅު ހުށަހެޅުމެއް ދައްކައިދީފައިވަނީ މިތާ ވަޝިޝްތު ކުޅެދީފައިވާ ކެރެކްޓާއިން ކަމަށް ވަނީ ފާހަގަކޮށްފައެވެ. މި ފިލްމަކީ ކޮޕީއަކަށްވުމުން އަސްލު ފިލްމު ބަލާފައިވާ މީހުންނަށް އައު ކަންތައްތަކެއް ފެނިގެން ނުދިޔަ ނަމަވެސް، އަލަށް މި ފިލްމު ބަލާ މީހުންނަށް މިއީ ޝައުގުވެރިކުރުވާނެ ބިރުވެރި ފިލްމަކަށް ވާނެއެވެ.

އެމެޒޮން ޕްރައިމް ވީޑިއޯގައި މި ފިލްމު ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ.