ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އަހަރު ނަގަން ޖެހިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި ނުވިސްނާ ކަމަށް އެކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެރިކަން ހިންގާ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް އަންނަ އަހަރުގެ ނޮވެމްބަރު މަހު ވޯޓެއް ނަގައި، 2023 ވަނަ އަހަރު ނިޒާމު ބަދަލުކުރުމަށް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ރާއްޖެ ޓީީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ރޭ އެކަމާ ގުޅިގެން ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ފުއާދު ވިދާޅުވީ، ނިޒާމީ ވޯޓެއް ނެގުމަށް އަންނަ އަހަރުގެ އީސީގެ ބަޖެޓުގައި ހިމަނާފައި ނެތް ކަމަށާއި އަންނަ އަހަރު ނިޒާމީ ވޯޓެއް ނަގަން ޖެހޭނެ ކަމަށް އީސީން އަދި ނުވިސްނާ ކަމަށެވެ.
"ރަސްމީ ގޮތެއްގައި ނުވިސްނަން އަދި މި އަންނަ އަހަރު ނިޒާމީ ވޯޓެއް ނަގަން ޖެހިދާނެ ކަމަށް. ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެއްޔާ އަޅުގަނޑަށް ޔަގީން އެކަމަށް ބޭނުންވާ ބެޖެޓް ފިނޭންސް މިނިސްޓްރީން ދެއްވާނެކަން. ރައީސުލްޖުމްހޫރިއްޔާވެސް ފިނޭންސް މިނިސްޓަރަށް އަންގަވާނެ،" ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، ނިޒާމީ ވޯޓެއް ނަގަން ޖެހިދާނެ ކަމުގެ ރަސްމީ އެއްވެސް މަޝްވަރާއެއް އީސީގެ މެންބަރުންގެ މެދުގައި ނުކުރާ ކަމަށާއި ނަމަވެސް ނުރަސްމީ ސިފައެއްގައި ބައެއް މެންބަރުން އެވާހަކަތައް ދައްކައި އުޅޭ ކަމަށެވެ.
"އަޅުގަނޑުމެން ނޯންނާނެ އެކަމަށް ބަޖެޓް ހަމަޖައްސައިދޭންވެސް އެދިފައެއް،" ފުއާދު ވިދާޅުވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ، އީސީގެ ބަޖެޓުގައި ހިމަނާފައިވާ ކަންތައްތަކުގެ އިތުރުންވެސް ބައެއް ކަންކަން ކުރަން އީސީން ބޭނުންވާ ކަމަށާއި ނަމަވެސް އެކަންތައްތަކަށް ބަޖެޓުގައި ހިމަނާފައި ނުވަނީ އެއީ މިވަގުތަށް އެހާ މުހިންމު ކަންކަން ކަމަށް ނުވާތީ ކަމަށެވެ.
ނިޒާމު ބަދަލުކުރުމުގެ ވޯޓު އަންނަ އަހަރު ނަގަން ޖެހިދާނެ ކަމަށް އީސީން އަދި ނުވިސްނާ ކަމަށް ފުއާދު ވިދާޅުވި ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ ބައްދަލުވުމެއްގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ އެފަދަ މޭރުމަކުން ވާހަކަތަކެއް ދައްކަވައިފައެވެ.