ރާއްޖެ އާއި މޮރިޝަސްގެ އިގުތިސޯދީ ހާއްސަ ސަރަހައްދާއި ކޮންޓިނެންޓަލް ޝެލްފްގެ ބައުންޑަރީ ކަނޑައަޅައިދޭން އެދި ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ ރާއްޖެއިން މިއަދު ޖަވާބުދާރީވެއްޖެއެވެ.
އިޓްލޮސްއަށް މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ ރާއްޖެއިން ވަކަލާތު ކުރަމުން އައީ އެ މައްސަލަ އިޓްލޮސްއަށް ނުބެލޭނެ ކަމަށެވެ. އެކަމާ ގުޅިގެން އިޓޮލިސް ބުނެފައިވަނީ އެ މައްސަލަ ބެލުމުގެ ބާރު ލިބިގެންވާ ކަމަށެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ރާއްޖެއިން ވަނީ ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމުގެ ގޮތުން މަޝްވަރާ ކުރަން ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. ރާއްޖޭގެ ފަރާތުން މި މައްސަލައިގެ ވަކާލަތު ކުރައްވަނީ އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީންއެވެ.
މި މައްސަލައިގެ ދެން އޮންނަ އަޑުއެހުމަކަށް މިމަހުގެ 28ގެ ކުރިން ލިޔުމުން ޖަވާބުދާރީވާން ޖެހެއެވެ. މިއަދު އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ބުނީ އެ މައްސަލައިގެ ޖަވާބު ލިޔުމުން ހުށަހަޅާފައިވާ ކަމަށެވެ.
ރާއްޖޭގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެވި، ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
އެގޮތުން މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މި މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިޓްލޮސްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް ރާއްޖެ ތަމްސީލުކުރުމަށްޓަކައި މި ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ތަޖުރިބާކާރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަންކޮށްފައިވާ ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
އޭޖީ އޮފީހުން ބުނީ މި މައްސަލަ މައުލޫއީ ގޮތުން ބަލައި، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ އިޓްލޮސްއިން ކަނޑައަޅާނެ ކަމަށެވެ. އަދި ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެން ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ބައުންޑްރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަޙައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުންކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ރިފްއަތު ވިދާޅުވެފައިވަނީ ރާއްޖެ އާއި މޮރިޝަސްގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށާއި ޖެހިގެން އުޅެނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މޮރިޝަސްގެ އިގުތިސޯދީ ސަރަހައްދާ ބެހޭ ގޮތުން ނެރެފައިވާ އެޑްވައިޒަރީ އޮޕީނިއަން މައްސަލަ ކަމަށެވެ. އެއެޑްވައިޒަރީ އަކީ ޗާގޯސްގެ މިލްކުވެރިކަމާ ބެހޭ ގޮތުން މޮރިޝަސް އާއި އިނގިރޭސި ވިލާތާ ދެމެދު އޮތް ދެބަސްވުން ނިމުމަކަށް ގެނެސް ވަކި ގޮތަކަށް ކަނޑައެޅިދާނެ ނިންމުމެއްތޯއާ މެދު އޮތް ހިޔާލު ތަފާތުވުމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ރިފްއަތު އިތުރަށް ވިދާޅުވެފައިވަނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް މައްސަލަ ހުށަހަޅައިގެން އުޅެނީ އިމުގެ މައްސަލާގައި ރާއްޖެއާ ހިލާފެއް އުފެދިގެން ނޫން ކަމަށާއި އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށް ލިބިފައިވާ ހައްގުގުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެހެން މަގުސަދެއް ހާސިލުކުރަން ކަމަށެވެ. އަދި ހުށަހަޅާފައިވާ މައްސަލައަކީ ސުލްހަވެރިކަމާއެކު މަޝްވަރާކޮށްގެން ހައްލުކުރެވެން އޮތް މައްސަލައެއް ކަމަށާއި އެކަމަކު މޮރިޝަސް އިން އިޓްލޮސްއަށް މައްސަލަ ހުށަހަޅާފައި ވަނީ ޗާގޮސް އައިލެންޑްސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށް މި މައްސަލައިގެ ތެރެއިން ކަނޑައަޅަން ކަމަށެވެ.
މީގެ ކުރިން ރާއްޖެއިން ގަބޫލުކުރަމުން އައީ ޗާގޮސްގެ މައްސަލައަކީ ރާއްޖެއާ ބެހޭ މައްސަލައެއްގެ ނޫން ގޮތުގައެވެ. ރާއްޖެއިން ގަބޫލުކުރީ އެއީ އިނގިރޭސިވިލާތާއި މޮރިޝަސް ދެމެދުގައި އޮތް މައްސަލައެއް ކަމަށެވެ.
ރާއްޖެއިން 2010 ވަނަ އަހަރު "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފަށް" ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދޭން އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒުކޮށް، އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ހުށަހަޅައިފައެވެ. މިއީ ރާއްޖެ މިމައްސަލައިގެ ތެރެއަށް ތަނާޒުލްވާން ޖެހުނު ސަބަބެވެ.
ރާއްޖެއިން ހުށަހެޅި މައްސަލައަށް މޮރިޝަސްއިން އިއުތިރާޒު ކުރީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކޮށްފައި ނުވާތީ އާއި ރާއްޖެ އިން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެއެވެ. އެއަށްފަހު އައްޑު އަތޮޅާއި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސް އިން ވަނީ ރާއްޖެއަށް ގޮވާލައިފައެވެ.
ދެހާސް ނަވާރަ ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ވަނީ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ. ގެ އާއްމު މަޖީލީހުން ފާސްކޮށްފައެވެ. ރާއްޖެއިން އެފަހަރު ވޯޓުދިނީ ޗާގޮސް، އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދަމަހައްޓާށެވެ. ރާއްޖެއިން އެގޮތަށް ވޯޓުދިނީ މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް ހުށަހަޅައިގެން އުޅޭ މައްސަލައިގައި ރާއްޖޭން ކަނޑުގެ ސަރަހައްދެއް ރާއްޖެ އަށް ގެއްލިދާނެތީއެވެ.