ޚަބަރު

ކުށް މަދުކުރުމަށް ފުލުހުން ހާއްސަ ގައިޑްލައިނަކަށް އަމަލުކުރަން ފަށައިފި

ރިފާ ހަލީލު

"ސްޓެރެޓެޖިކް ޕޮލިސިން ރިކުއަމަންޓް"ގެ ނަމުގައި ހިދުމަތް ބައްޓަން ކުރާނެ ގޮތުގެ ހާއްސަ ގައިޑްލަަނަކަށް ފުލުހުން އަމަލުކުރަން ފަށައިފިއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ދިވެހި ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން ފުލުހުންގެ ހިދުމަތުގެ އެންމެހާ ކަންކަން އިންތިޒާމުކޮށް "ސްޓެރެޓެޖިކް ޕޮލިސިން ރިކުއަމަންޓް"ގެ ނަމުގައި ހިދުމަތް ބައްޓަން ކުރާނެ ގޮތުގެ ހާއްސަ ގައިޑްލަައިން ކަނޑައަޅަފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށާއި، ފުލުހުންގެ ހިދުމަތުގެ މިހާރުގެ ހާލަތުގެ އިތުރުން، ރާއްޖޭގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަމަށް ބެލުމަށްފަހު ކަމަށެވެ. އަދި ކުރިމަތިވާ ގޮންޖެހުންތަކަށާއި، ރާއްޖޭގެ ކުށުގެ މާހައުލު ބަދަލުވަމުން އަންނަގޮތުގެ މައްޗަށް ބެލުމަށްފަހު ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓްރީން ބުނީ މި ޕޮލިސީ ކަނޑައެޅުމުގައި ރިއާޔަތްކޮށްފައިވަނީ ރާވައިގެން ހިންގާ ބޮޑެތި ކުށްތައް މަދުވެ، މުޖުތަމައުގައި ރައްކާތެރިކަން އިތުރުވާނެ ކަންކަމަށް ވިސްނާފައި ކަމަށެވެ. އަދި މިއާއެކު އެހުރިހާ ކަމެއް ރަނގަޅުވެ ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަަވަރުވާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ ފުލުހުންގެ އެންމެހާ ކަންކަން ތަރުތީބުކޮށް އިންތިޒާމުކުރުމާއި ފުލުހުންގެ ހިދުމަތުގެ ކަންކަން ރޭވުމުގައި، ކޮމިޝަނާ އޮފް ޕޮލިސް މަސައްކަތްކުރާނީ މިއަދު ކަނޑައެޅި 'ސްޓްރެޓީޖިކް ޕޮލިސިން ރިކުއަމަންޓް'ގައިވާ ކަންކަން ހާސިލުކުރުމުގެ ބޭނުމުގައި ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުލުހުންގެ ހިދުމަތުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެ ގާނޫނުގައި ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމުގެ މައިގަނޑު އަސާސްތަކާއި އުސޫލުތަކާއި، ފުލުހުންގެ ހިދުމަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި، ބާރުތަކާއި، އެ ހިދުމަތާ ގުޅޭ އެނޫންވެސް ކަންކަން ބަޔާންކޮށްފައިވެއެވެ.