ތަރުޖަމާއެއް، އަސްލު ލިޔުއްވީ އުލާމްނަބީ ކަޝާއީ
މަތީގައިއެވާ މައިގަނޑު ނަމަކީ ފޮތެއްގެ ނަމުގެ ތަރުޖަމާއެވެ. އެފޮތުގެ މުޞަންނިފަކީ އިސްލާމްދީނުގެ ދަންނަބޭކަލެއް ނޫނެވެ. މުސްލިމް މުފައްކިރެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ހިންދީ ސްކޮލަރެކެވެ. ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިޔާއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1953 ގައެވެ. އުއްތަރުޕްރަދޭޝްގެ ކާންޕޫރުގައެވެ. އޭނާއަކީ ބުރަހްމަން ޢާއިލާއެއްގެ މެމްބަރެކެވެ. އޭނާގެ ބައްޕަ ސީތާރާމް ތަރުޕާއާއި، މަންމަ ކޯޝީލާދޭވީއާ ދެކަނބަލުންނަކީ ދެ ޓީޗަރުންނެވެ. ސުވާމީޖީ ތަޢުލީމު ތަޢުލީމު ހާސިލުކުރެއްވީ ކާންޕޫރުންނާއި، އިލާހުއާބާދުންނެވެ. އޭނާ ތަޢުލީމީ ދައުރު ނިންމެވުމަށްފަހު މާގިނަދުވަސްތަކެއްނުވެ މާއްދިއްޔަތު ދޫކޮށްލައްވައި މިސްރާބު ޖެއްސެވީ ރޫޙާނިއްޔަތާ ދިމާޔަށެވެ. އިސްލާމްދީނާ ދެކޮޅަށް ހިނގަމުންދިޔަ ޕްރޮޕެގެންޑާގެ އަސަރުގައި ޖެހިވަޑައިގެން އޭނާ އިސްލާމްދީނާ ދެކޮޅަށް ހިންދީބަހުން ފޮތެއް ލިޔުއްވައި ލަކަނޫގައި އެފޮތް ޝާއިޢުކުރެއްވިއެވެ. ހިންދީންގެ ތެރޭގައި އެފޮތަށް ލިބުނު ހޫނު ތަރުޙީބުގެ ސަބަބުން އެފޮތް އިނގިރޭސިބަހަށް ތަރުޖަމާކުރައްވައި ބޮމްބޭއިން އެފޮތް ނެރުއްވިއެވެ. އެފޮތުގެ އިނގިރޭސި ތަރުޖަމާގެ ނަމަކީ "ދަ ހިސްޓްރީ އޮފް އިސްލާމިކް ޓެރަރިޒަމް" އެވެ.
މިދެންނެވި ފޮތް ޝާއިޢުކުރެއްވުމަށްފަހު އޭނާ ޙައްޤު ހޯއްދަވަން މަސައްކަތް ކުރެއްވިއެވެ. ޙައްޤު އޮޅުންފިލައިވަޑައިގެންނެވުމުން އޭނާ ޙައްޤަށް އިޢުތިރާފުވެވަޑައިގަތުން ލަހެއް ނުކުރައްވައެވެ. އޭނާ ކުރިން ލިޔުއްވި ފޮތާމެދު ހިތާމަފާޅުކުރައްވައި ހިންދީބަހުން ފޮތެއް ލިޔުއްވިއެވެ. އެފޮތަށް ދެއްވައިފައިވާ ނަމަކީ "އިސްލާމް އާތިންކް ޔާ އާދަރްޝަން" އެވެ. އެފޮތްވެސް ޝާއިޢުކުރެއްވީ ލަކަނޫއިންނެވެ. އެފޮތުގެ އުރުދޫ ތަރުޖަމާ ޝާއިޢުކުރައްވައިފައިވަނީ "އިސްލާމް، ދަހްޝަތުގިރުދީ ޔާ އޭކްމިޘާލީދީން" މި ނަމުގައެވެ. އެފޮތުގެ ޞަފްޙާގެ އަދަދަކީ 104 އެވެ. އެފޮތަކީ އިސްލާމްދީނުގެ ނަބިއްޔާ صـلّــى اللّـــه عـليــه وسـلّــم ގެ ސީރަތާއި އިސްލާމީ ޖިހާދުގެ ޙަޤީޤަތް ދެނެގަތުމަށްޓަކައި ވަރަށް މުހިންމު ފޮތެކެވެ.
އެފޮތުގެ ފަސްމަންޒަރާއި އެފޮތް ލިޔުއްވާން ޖެހިވަޑައިގެންނެވި ސަބަބާ ބެހޭގޮތުން ފޮތުގެ މުޞަންނިފް ޖަނާބު ސުވާމީލަކްޝަމީ ޝަންކަރު އަޗާރިއްޔާ ލިޔުއްވައިފައިވާ ބާބުގެ މައިގަނޑު ނަމަކީ "އަހަންނަށް ޙައްޤު އޮޅުންފިލި ހިނދު" މި މައިގަނޑު ނަމެވެ. އެބާބުގައި އޭނާ ލިޔުއްވައިފައިވެއެވެ.
"ފަސާދަތައް ހިނގަނީ ކީއްވެގެންހެއްޔެވެ؟" މި މައިގަނޑު ނަމުގައި މީގެ އަހަރުތަކެއް ކުރީން ހިންދީ ނޫހެއްގައި ޖަނާބު ބަލްރާޖުމަލޫކު ލިޔުއްވި މަޒުމޫނެއް އަހަރެން ވަނީ ކިޔައިފައެވެ. އެ މަޒުމޫނުގައި ބަޔާންކޮށްފައިވާގޮތުގައި ހިންދީންނާއި މުސްލިމުންނާ ދެމެދު ހިނގާ ފަސާދައިގެ ސަބަބަކީ ކާފަރުންނާއި ހަނގުރާމަކުރުމަށް ޤުރްއާން މަޖީދުގައި اللّـــه ކުރައްވައިފައިވާ އަމުރުފުޅެވެ. އެ މަޒުމޫނުގައި ޤުރްއާން މަޖީދުގެ އެ އާޔަތްތައްވެސް ވަނީ ބަޔާންކުރައްވައިފައެވެ.
އޭގެފަހުން ދިއްލީން ޝާއިޢުކޮށްފައިވާ ޕެންފްލެޓެއްވެސް އަހަންނަށް ލިބުނެވެ. އެ ޕެންފްލެޓަކީ "ޤުރްއާނުގެ ސައުވީސް އާޔަތް" މި މައިގަނޑު ނަމުގައި ތައްޔާރުކޮށްފައިވާ ޕެންފްލެޓެކެވެ. އެ އާޔަތްތަކުގައިވެސްވަނީ އެހެނިހެން ދީންތަކުގެ މީހުން ދެކޮޅުވެރިވުމަށް އަމުރުކުރައްވައިފައެވެ. އެ ޕެންފްލެޓް ކިޔުމުން އަހަރެންގެ ހިތުގައި ޤުރްއާން ކިޔައިލުމުގެ ޝައުޤު އުފެދުނެވެ. އިސްލާމީ ފޮތް ވިއްކާ ފިހާރަޔަކުން ޤުރްއާން މަޖީދުގެ ހިންދީ ތަރުޖަމާއެއް ހޯދައިފީމެވެ. އެ ތަރުޖަމާ ކިޔައިލިއިރު ޕެންފްލެޓުގައި ހުރި ހުރިހާ އާޔަތްތަކެއް އެ ތަރުޖަމާގައިވެސް ހުއްޓެވެ. ނަތީޖާއަކަށްވީ ހިންދީ ރާޖާއިންނާއި މުސްލިމް ރަސްރަސްކަލުންނާމެދު ހިނގައިފައިހުރި ހަނގުރާމަތަކާއި، މިހާރުގެ ދީނީ ތަޢައްޞުބުގެ ލޭއޮހޮރުވުންތަކުގެ ސަބަބަކީ އިސްލާމްދީންކަމުގެ ކުށްތަޞައްވުރެއް އަހަރެންގެ ހިތުގައި އަށަގަތުމެވެ. ނިރުބަވެރިކަމުގެ ހުރިހައި ހާދިސާތަކެއް އިސްލާމްދީނާ ގުޅުވޭގޮތްވުމެވެ.
އެހެންކަމުން މާޒީގެ ތާރީޚާއި، މިހާރުގެ ހުރިހާ ނިރުބަވެރިކަމަކާއި، ލޭއޮހޮރުވުމުގެ ހާދިސާތަކެއް އިސްލާމްދީން ގުޅުވައިގެން އަހަރެން ފޮތެއް ލިޔުނީމެވެ. އެފޮތުގެ އިނގިރޭސި ތަރުޖަމާގެ މައިގަނޑު ނަމަކީ، "ދަ ހިސްޓްރީ އޮފް އިސްލާމިކް ޓެރަރިޒަމް" އެވެ.
އެފޮތް ޝާއިޢުކުރިފަހުން އިސްލާމްދީނާ ނިރުބަވެރިކަމާ ގުޅުމެއް ނެތްކަމަށް އިސްލާމީ ޢިލްމުވެރީން ދެއްވާ ބަޔާންތައްވެސް އަހަންނަށް ލިބުނެވެ. އިސްލާމީ ޢިލްމުވެރީން ވިދާޅުވާގޮތުގައި އިސްލާމްދީނަކީ ލޯތްބާއި، ހެޔޮއެދުމާއި، އުޚުއްވަތްތެރިކަމުގެ ދީނެކެވެ. ކުށެއްނެތް މީހަކު ޤަތުލުކުރުމަކީ އެ ދީނުގައި ފާފައެކެވެ. އިސްލާމީ ޢިލްމުވެރީންވަނީ ނިރުބަވެރިކަމާ ދެކޮޅަށް ފަތުވާވެސް ދެއްވައިފައެވެ.
އެފަތުވާތަކާއި ބަޔާންތައް މުޠާލިޢާކުރުމަށްފަހު ޤުރްއާން މަޖީދުގައި ޖިހާދާ ބެހޭގޮތުންހުރި އާޔަތްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަށްޓަކައި އިސްލާމީ ޢިލްމުވެރީންނާ ގުޅާންފަށައިފީމެވެ. އެބޭކަލުން ވިދާޅުވިގޮތުގައި ޤުރްއާނުގެ އާޔަތްތަކަކީ އެކިކަންކަމާ ގުޅިގެން އެކި ޙާލަތްތަކުގައި ބާވައިލައްވައިފައިވާ އާޔަތްތަކެކެވެ. އެހެންކަމުން ޤުރްއާން މަޖީދުގެ އާޔަތްތަކުގެ ސަބަބުއްނުޒޫލަށް ރިޢާޔަތްކުރުމެއްނެތި ހަމައެކަނި ތަރުޖަމާއެއްގެ މައްޗަށް ބިނާކޮށް ޙުކުމްތައް ނެރެން އުޅުމަކީ ރަނގަޅުގޮތެއް ނޫނެވެ. ޤުރްއާން މަޖީދުގެ އާޔަތްތަކުގެ ޙަޤީޤީ މަފްހޫމް އެނގޭނީ އާޔަތްތަކުގެ ސަބަބުއްނުޒޫލާއި ސިޔާޤާއި ސިބާޤު އެނގިގެންނެވެ. ހަމައެފަދައިން ކީރިތި ޤުރްއާނުގެ ޙަޤީޤީ މަފްހޫމު ދެނެގަތުމަށްޓަކައި އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ސީރަތު އެނގުންވެސް ވަރަށް މުހިންމެވެ. އެހެނީ ޤުރްއާން މަޖީދު ބާވާލެއްވީ އެކަލޭގެފާނަށެވެ. އެފޮތުގެ ޙަޤީޤީ މާނަ އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އެކަލޭގެފާނަށެވެ.
އިސްލާމީ ޢިލްމުވެރީން ވިދާޅުވާގޮތުގައި އިސްލާމްދީނާމެދު ޞައްޙަ މަޢުލޫމާތު ލިބިފައިނެތުމުގެ ސަބަބުން ވަރަށްގިނަ ބަޔަކަށް ޤުރްއާން މަޖީދުގެ އާޔަތްތަކުގެ ޙަޤީޤީ މަފްހޫމް އޮޅުމެއްނުފިލައެވެ. އިސްލާމީ ޢިލްމުވެރީން އަހަންނަށް މަޝްވަރާދެއްވީ ކީރިތި ޤުރްއާނުގެ ވަކިވަކި އާޔަތްތަކުގެ ބަދަލުގައި މުޅި ޤުރްއާން އެއްކޮޅުން އަނެއްކޮޅަށް މުޠާލިޢާކުރުމަށެވެ. ހަމައެއާއެކު އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ސީރަތުންވެސް މުޠާލިޢާ ކުރުމަށެވެ.
އިސްލާމީ ޢިލްމުވެރީންގެ މަޝްވަރާގެ މަތީން އަހަރެން އެންމެ ފުރަތަމަ ދިރާސާކުރި އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ސީރަތެވެ. އަހަރެން މުޠާލިޢާކުރި ސީރަތަކީ މުޙައްމަދު ޢިނާޔަތުاللّـه ސުބުޙާނީ ލިޔުއްވައި ނަސީމު ޣާޒީ ފަލާޙީ ހިންދީބަހަށް ތަރުޖަމާކުރައްވައިފައިވާ ސީރަތެކެވެ. އެއަށްފަހު އިޚްލާޞްތެރި ނިޔަތަކާއެކު ޤުރްއާން މަޖީދު އެއްކޮޅުން އަނެއްކޮޅަށް މުޠާލިޢާކުރުމުން ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ ޞައްޙަ މަޠުލަބާއި މަޤްޞަދު އަހަންނަށް ވިސްނޭން ފަށައިފިއެވެ.
ޙައްޤު ފާޅުވެ އެނގުމުން އަހަންނަށް ނުހަނު ފުންކޮށް އިޙްސާސްވާންފެށި ނޭނގުމުގެ ސަބަބުން ކުށްހީއެއްގެ މައްޗަށް ބިނާކޮށް އަހަރެންގެ ފޮތެއްކަމުގައިވާ "އިސްލާމީ ނިރުބަވެރިކަމުގެ ތާރީޚުގައި" އިސްލާމްދީނާއި ނިރުބަވެރިކަމާ ގުޅުވުނުކަމީ އަހަންނަށް ހެދުނު ކިހައިބޮޑު ގޯހެއްކަމެވެ. އެކަމާ އަހަރެން އިންތިހާއަށް މޮޅިވިއެވެ. އަހަރެންގެ ހިތަށް ވަރަށް ތަދުވިއެވެ. އަހަރެން اللّـه ގެ ޙަޟްރަތުންނާއި، އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ އަރިހުންނާއި އެންމެހައި މުސްލިމް އަޚުންނާއި އުޚުތުންގެ ކިބައިން ފާޅުގައި އިޖުތިމާޢީ ގޮތެއްގައި މަޢާފަށް އެދެމެވެ. ނޭނގުމެއްގެ ތެރޭގައި އަހަންނަށް ލިޔެވިފައިވާ ލިޔުންތަކާއި ދެއްކިފައިހުރި ވާހަކަތައް އަނބުރައި ގެންނަމެވެ. އަހަރެންގެ އިލްތިމާސަކީ އަހަރެން ފޮތެއްކަމުގައި "ދަ ހިސްޓްރީ އޮފް އިސްލާމިކް ޓެރަރިޒަމް" އަކީ ސުމެއްކަމުގައި އެންމެންވެސް ބެލުމެވެ. (ޞަފްޙާ: 9-11)
ޢިލްމީ އަދި އަޚްލާޤީ ދުނިޔޭގައި މީހަކަށް ކުރިމަތިވާނެ އެންމެ އުނދަގޫ މަރްޙަލާއަކީ ތިމާއަށް ކުރެވުނު ކުށަކަށް އިޢްތިރާފުވެ އެކުށް އިޞްލާޙުކުރަން މަސައްކަތް ކުރުމެވެ. ޙަޤީޤަތުގައި އެއީ ވަރަށް ވަރުގަދަ ޢަޒުމަކާއި ހިތްވަރެއް ލިބިފައިވާ ބަޔަކަށް މެނުވީ ކުރެވޭނެކަމެއް ނޫނެވެ. ޖަނާބު ސުވާމީ ލަކްޝަމީ ޝަންކަރު އަޗާރިއްޔާ ފަދައިން ކުށް ގަބޫލުކޮށް މަޢާފު އެދިފައިވާ މީހަކު ފެނިފައިވަނީ ވަރަށް މަދުންނެވެ. ސުވާމީޖީ ވަނީ މިރޮނގުން ވަރަށް ރީތި މިސާލެއް ދައްކަވައިފައެވެ. އެތަކެއް ހިސާބެއްގެ ދުރު ހޯދިކަމުގައި ނާދިރުގޮތެއްގައި މެނުވީ ނުފެންނަފަދަ މިސާލެކެވެ.
ފޮތުގެ ހަތްވަނަ ޞަފްޙާގައި "ބައެއް އިސްލާމީ އިސްޠިލާޙުތައް" މި މައިގަނޑު ނަމުގައި ސުވާމީޖީ ވަނީ އީމާން އަހުލުކިތާބީން، ކާފިރުން، ރަސޫލުން، ނަބީން، ޖިހާދު ފަދަ ލަފުޒުތަކުގެ ބަހަވީ މާނައާއި، އިޞްޠިލާޙީ މާނައާމެދު ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
"ކާފަރުންނަކީ ކުފުރުވާ ނުވަތަ އިންކާރުކުރާ މީހުންނެވެ. ތެދު ޙަޤީޤަތް ފޮރުވާ މީހުންނެވެ. ޝުކުރުވެރިނުވާ މީހުންނާއި، اللّـه އާއި އެކަލާނގެ ނަބިއްޔާ އަންގަވައިދެއްވައިފައިވާ ޙަޤީޤަތްތަކަށް އިޢުތިރާފުވެވުމަށާއި ގަބޫލުކުރަން އިންކާރުކުރާ މީހުންނެވެ. "ކާފިރު" މި ލަފުޒަކީ ބަހަވީގޮތުން ބަލާއިރު ސިފައެއްގެ ނަމެކެވެ. އެ ލަފުޒަކީ އިހާނެތިކޮށް ހިތުމުގެ ލަފުޒެއް ނޫނެވެ. اللّـه އާއި އެކަލާނގެ ރަސޫލާގެ އުނގަންނައިދެއްވުންތަކާއި ޙުކުމްފުޅުތަކަށް އިންކާރުކުރާ މީހުންނަށް ޤުރްއާން މަޖީދުގައި "ކާފިރު" ބޭނުންކުރައްވައިފައިވާ އެއްވެސްތަނެއްގައި އެ ލަފުޒުގެ މަޤްޞަދަކީ ހުތުރު ލަޤަބެއް ދެއްވުމެއް ރުހިވޮޑިނުގަތުން ފާޅުކުރެއްވުމެއް ނުވަތަ ކޯފާވެވޮޑިގަތުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޙައްޤު ޤަބޫލުކުރާން އިންކާރުކޮށްފައިވާތީ އެ ޙަޤީޤަތް ފާޅުކުރެއްވުމުގެގޮތުން އެ ލަފުޒު ބޭނުންކުރައްވައިފައިވަނީއެވެ. ބައެއް މީހުން ޙަޤީޤަތާ ޚިލާފަށް އަޑުއަރުވާ ފަދައިން "ކާފިރު" މިއީ ހިންދޫ އާ އެއްމާނައެއްގެ ލަފުޒެއްވެސް ނޫނެވެ. "ކާފިރު" މިބަހާ ގާތްގަނޑަކަށް އެއްމާނައެއްގެ ލަފުޒަކީ "ނާސްތިކު" އެވެ. އިސްލާމްދީނުގައިވާގޮތުން އެދީނަށް އިންކާރު ކުރުމަކީ މިދުނިޔޭގައި އެކަމަށް އެއްވެސް އަދަބެއް ދެވޭނެކަމެއް ނޫނެވެ. އިންސާނީ އެއްވެސް ޙައްޤަކުން މަޙްރޫމް ކުރެވޭނެ ކަމެއްވެސް ނޫނެވެ. ދުނިޔަވީ މުޢާމަލާތު ތަކުގައި އެބައިމީހުންނަށްވަނީ އިންކާރު ނުކުރާ މީހުންނާ ހަމަހަމަ ޙައްޤުތަކެއް ލިބިގެންނެވެ.
ކޮންމެ ދީނެއްގައިވެސް އަސާސީ ޢަޤީދާތަކާއި މައިގަނޑު އިރުޝާދުތައް ގަބޫލުކުރާ މީހުންނާއި ގަބޫލު ނުކުރާ މީހުން ވަކިކުރުމަށް އެކިއެކި ޚާއްޞަ ބަސްބަސް ބޭނުންކުރެއެވެ. މިސާލެއްގެގޮތުން ހިންދީ ދީނުގައިވެސް އެދީނުގެ އަހުލުވެރީންކަމުގައި ނުވާމީހުންނަށް ޚާއްޞަ ބަސްތަކެއް ހުރެއެވެ. ނާސްތިކުއާއި އަނާރިއްޔާއާއި، މަލީޗު ފަދަ ބަސްބަހެވެ.
ހަމައެފަދައިން ޖިހާދުގެ ޙަޤީޤަތާމެދުވެސް ސުވާމީޖީ ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.
(ނުނިމޭ)