ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާކޮށްފައިނުވާތީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭނާގެ މަގާމު ހުސްވެއްޖެ ކަމަށް ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ އުއްމުކުލްސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ މައްސަލައެއް ބެލިބެލުމުން، އޭނާގެ ސާބިތު ދަރަންޏެއް ހުކުމާ އެއްގޮތަށް އަދާކޮށްފައިނުވާކަން އެނގެން އޮތް ކަމަށެވެ.
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުން އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާނުކުރުމަކީ ގާނޫނުއަސާސީގެ 149 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވާނެ ކަމެކެވެ. އަދި އެއިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެ ނަމަ ފަނޑިޔާރަކު ހުރި މަގާމު ހުސްވީ ކަމަށް ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
އެހެންވެ އުއްމުކުލްސޫމްގެ ކިބައިން ފަނޑިޔާރުކަމުގެ ޝަރުތު އުނިވެއްޖެކަމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ. އަދި ފަނޑިޔާރުންގެ ގާނޫނުގެ 29 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އުއްމުކުލްސޫމް ހުންނެވި ކުޑަހުވަދޫ ކޯޓުގެ މެޖިސްޓްރޭޓްކަމުގެ މަގާމު ހުސްވެއްޖެ ކަމަށްވެސް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ މިއަހަރުގެ 89 ވަނަ ބައްދަލުވުމުގައެވެ.