އިސްލާމީ ތާރީޚު

ނަމްރޫދު: ޝައިތާނާއާއެކު ފުރަތަމަ އެއްބަސްވުން ހެދި، މަރުވީ ސިކުނޑިތެރޭ 40 އަހަރު ދިރިއުޅުނު މަދިރިއެއްގެ ސަބަބުން

ޑރ. މޫސާ އަންވަރު ޙަސަން

އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ ސިޙުރު ވެރިޔަކީ ނަމްރޫދެވެ. އަދި ޝައިޠާނާ އާއި އެކު އެންމެ ފުރަތަމަ އެއްބަސްވުމެއް ހެދީވެސް ނަމްރޫދެވެ. އަދި ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވާފައިވާ ރަސްރަސްކަލުންގެ ތެރެއިން އެންމެ ފުރަތަމަ ބޮލުގައި ތާޖެއް އެޅި މީހަކީވެސް ނަމްރޫދެވެ. އެންމެ ފުރަތަމަ އިލާހެއް ކަމުގައި ދަޢްވާކުރީ ވެސް ނަމްރޫދެވެ.

ނަމްރޫދަށް ނަމްރޫދޭ ކިޔުނީ އޭނާ އާއި އެއްބަސްވުން ހަދާފައިވާ އޭނާގެ މުޢައްލިމު ޝައިޠާނުންނާ ދެކޮޅުވެރިވުމުގެ ސަބަބުންނެވެ. އަދި ހަމައެފަދައިން ނަމްރޫދު އޭނާގެ ބައްޕަ އާއި ދެކޮޅުވެރިވެ ބައްޕަ ޤަތުލު ކުރުމަށްފަހު ބާބިލްގެ ވެރިކަމަށް އިސްވިއެވެ. ނަމްރޫދުގެ ފުރިހަމަ ނަމަކީ ޒާހާކު އެވެ. ނަމްރޫދު ސިޙުރު ހަދަން ދަސްކުރީ ޝައިޠާނުންގެ ފަރާތުންނެވެ. ނަމްރޫދުގެ ވެރިކަމުގައި ސިޙުރުގެ ކަންކަން ވަރަށް ފުޅާ ދާއިރާއެއްގައި ފެތުރިފައި އޮތެވެ.

ނަމްރޫދު އުފަންވެފައިވަނީ ޢީސާގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމުގެ ދެހާސް ފައްސަތޭކަ އަހަރު ކުރިން ބާބިލްގައެވެ. ނަމްރޫދަކީ އަނިޔާވެރި ޖައްބާރު ވެރިއެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ.

ނަމުރޫދުގެ ދުވަސްވަރު މާތް ﷲ އެކަލާނގެ ނަބިއްޔާ އިބުރާހީމުގެފާނު މީސްތަކުންނަށް އެކަލާނގެ މަގަށް ގޮވާލުމަށް ފޮނުއްވިއެވެ. ނަމްރޫދު މީސްތަކުންނަށް އޭނާއަށް އަޅުކަން ކުރުމަށް ގޮވާލިއެވެ. އެއީ އޭނާއަށް ފަހު ފިރުޢައުނު ޢަމަލު ކުރި ފަދައިންނެވެ.

ނަމްރޫދު މާތް ﷲ ފޮނުއްވި، އެކަލާނގެ ނަބިއްޔާ އިބުރާހީމުގެފާނާ ބައްދަލު ކުރުމަށް އެދުނެވެ. އިބުރާހީމުގެފާނާއި ނަމްރޫދާއި ދެމެދު ދެކެވުނު ވާހަކާގައި ނަމްރޫދު އިބުރާހީމުގެފާނަށް ދެންނެވިއެވެ. ކަލޭގެފާނުގެ ރައްބަކީ ކޮބައިތޯއެވެ. އިބުރާހީމުގެފާނު ވިދާޅުވިއެވެ. ހުރިހާ އެއްޗެއް ޚަލްޤު ކުރައްވައި ދިރުއްވައި މަރުގަންނަވާ ރަސްކަލާނގެއެވެ. ނަމްރޫދު އިބުރާހީމުގެފާނާއި މުޚާޠަބުކޮށް ދެންނެވިއެވެ. ތިމަން ވެސް މީހުން މަރުވާ ދިރުވަމެވެ. މިހެން ބުނެ ދެ މީހަކު ގެނެސް އެ ދެމީހުންގެ ތެރެއިން އެކަކު ޤަތުލު ކުރުމަށް ފަހު، ދެވަނަ މީހާ ޤަތުލު ނުކޮށް ދޫކޮށްލިއެވެ. އިބުރާހީމުގެފާނު ވިދާޅުވިއެވެ. ތިމަން ކަލޭގެފާނުގެ ވެރި ރައްބު އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! އިބުރާހީމުގެފާނު އެހެން ވިދާޅުވުމުން ނަމުރޫދަށް ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓުނެވެ.

އިބުރާހީމުގެފާނަށް އީމާންވާ ކޮންމެ މީހަކު ޤަތުލު ކުރުމަށް ނަމްރޫދު އަމުރު ކުރިއެވެ. އެވަގުތު އިބުރާހީމުގެފާނަށް އީމާންވި މުއުމިނުންގެ އެންމެން އެކުވެ އެއްގަލަކަށް އަރައި، ނަމްރޫދާއި ހަނގުރާމަ ކުރުމަށް ލަޝްކަރެއް ތައްޔާރު ކުރިއެވެ. ދެ ފަރާތުގެ އާރާއި ބާރާއި ހަތިޔާރުގެ ތިލަފަތަށް ބަލާއިރު ބުރަވަނީ ނަމްރޫދާއި އޭނާގެ ލަޝްކަރުގެ ކޮޅަށެވެ.

ދެ ލަޝްކަރު މައިދާނުގައި ޖަމަޢަ ވިއެވެ. މުއުމިނުންނަށް ނަމްރޫދުގެ ލަޝްކަރު ފެނުމުން މާތް ﷲ ގެ ޙަޟްރަތުގައި ނަޞްރަށް އެދި ދުޢާކުރިއެވެ. މާތް ﷲ މުއުމިނުންގެ ދުޢާ އިޖާބަ ކުރައްވައި، ނަމްރޫދުގެ ލަޝްކަރަށް މަދިރީގެ ޠޫފާނެއް ފޮނުއްވިއެވެ. މަދިރިތައް ނަމްރޫދުގެ ލަޝްކަރުގެ ސިފައިން، ކައިހަފައި ހުސްކުރިއެވެ.

ނަމްރޫދު ބާބިލްގެ ކިއްލާއަކަށް ވަނދެ ރައްކާތެރިކަން ހޯދިއެވެ. ނަމަވެސް މަދިރެއް ނަމްރޫދުގެ ސިކުނޑީގެ ތެރެއަށް ވަނުމުގައި ކާމިޔާބު ހޯދިއެވެ. ސިކުނޑީގެ ތެރޭގައި މަދިރި ޙަރަކާތް ކުރަން ފެށުމުން ނަމްރޫދު މޮޔަވާ ދަރަޖައަށް ދެއެވެ. ކިރިޔާވެސް ލުއިކަމެއް ލިބެނީ އޭނާގެ ބޮލުގައި ފައިވާން ކިބައަކުން ބާރަށް ޖެހުމުންނެވެ. އެ މަދިރި ސާޅީސް އަހަރު ވަންދެން ނަމްރޫދުގެ ބޮލުގެ ތެރޭގައި އުޅުނެވެ. ނަމްރޫދު މަރުވެގެން ދިޔައީ އޭނާ އަމިއްލައަށް ބޮލުގައި އެއްޗަކުން ޖެހުމުން ބޯދެފަޅިވެގެން ދިއުމުގެ ސަބަބުންނެވެ. ނަމްރޫދުގެ ބޯ ދެފަޅިއަށް ފަޅައިގެން ދިއުމުން ބޮލުގެ ތެރޭގައި އުޅުނު މަދިރިވެސް އުދުހިގެން ދިޔައެވެ. އޭރު އެ މަދިރީގެ ސައިޒަކީ ކުޑަ ދޫންޏެއްގެ ސައިޒެވެ.

***********

އެޑިޓަރުގެ ނޯޓު: ޑރ. މޫސާ އަންވަރު ޙަސަން ވަނީ ”ޑޮކްޓަރ އޮފް ފިލޯސަފީ އިން އިސްލާމިކް ޖުޑިޝަލް ސައިންސަސް އެންޑް ލެޖިސްލޭޓީވް ޕޮލިސީ“ އިން 2021 ވަނަ އަހަރު ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން ޕީއެޗް.ޑީ ހާޞިލު ކުރައްވާފައެވެ. މަޢްހަދުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ނިންމެވުމަށްފަހު، 2002 ވަނަ އަހަރު މިޞްރުގެ ޖާމިޢަތުލް އަޒްހަރުން އިސްލާމިކް ސިވިލައިޒޭޝަން އިން ފަސްޓް ޑިގްރީ ހާޞިލް ކުރެއްވިއެވެ. އަދި އެއަށްފަހު ވަނީ 2013 ވަނަ އަހަރު މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ”އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް ފިޤުހު، އުޞޫލް ފިޤުހު“ އިން މާސްޓާރސް ޙާޞިލް ކުރައްވާފައެވެ. ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތް ޑރ. މޫސާ އަންވަރު ޙަސަން ފެއްޓެވީ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ މުޝްރިފް މުސާޢިދެއްގެ ގޮތުގައެވެ. ފަހުން އެ މަޖިލީހުގެ ޑިރެކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ. މިވަގުތު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވާޢިޡެއްގެ މަޤާމެވެ. މީގެ އިތުރުން ޑރ. މޫސާ އަންވަރު ޙަސަން އަކީ، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރަކެވެ.

އިސްލާމްދީނަށް ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޤައުމީ ހިތްވަރުދިނުމުގެ އިނާމު 2017 ވަނަ އަހަރު ވަނީ ޑރ. މޫސާ އަންވަރު ޙަސަންއަށް ލިބިވަޑައިގެންފައިވެއެވެ.