ކޮވިޑުގެ އަލާމާތްތައް ފެނުނު ނަމަވެސް ޓެސްޓު ކުރަން ދެކޮޅު ހެދުމާއި ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުލިބޭ މައްސަލަ ބޮޑުވެއްޖެ އެވެ.
އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕިޑަމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑުގެ އަދަދުތައް އަތޮޅުތަކުގައި އިތުރުވާ ދެ ކަމެއް އެބަ އުޅޭ ކަމަށެވެ. އެގޮތުން މި ބައްޔަކީ މާ ބޮޑު ކަމަކަށް ނަހަދައި ޓެސްޓު ކުރަން ގިނަ މީހުން ދެކޮޅު ހަދާ ކަމަށާއި އަދި ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ނުދޭ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވާ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ އަދަދުތައް މާ ބޮޑަށް މަތި ނުވެ ހިފެހެއްޓުމުން ގިނަ މީހުން މި ބައްޔަކީ ސީރިއަސް ބައްޔެއްގެ ގޮތުގައި ގަބޫލު ނުކުރާ ކަމަށެވެ.
"ކުރިއާ ހިލާފަށް މިހާރު އަދަދުތައް މާބޮޑަށް މަތި ނުވެ ހިފެހެއްޓިފައިވާތީ ގިނަ ބަޔަކު ބޭނުމެއް ނުވޭ މީ ސީރިއަސް ބައްޔެއްގެ ގޮތުގައި ދެކެން. ދެން ރަށްރަށުގައި ބަލި އޮތް މިންވަރު ދެނެގަންނަން ރެންޑަމްކޮށް ސާމްޕަލް ނަގަންވެސް ގިނަ މީހުން ދެކޮޅު ހަދާ. ޑައިރެކްޓް ކޮންޓެކްޓް ވިޔަސް ތެދު މައުލޫމާތެއް ނުދޭ. މއީ ކަންބޮޑުވާން ޖެހޭ ވަރަށް އިތުރުވެފައިވާ މައްސަލައެއް." އޭނާ ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް ދެނެގަންނަނީ ލިބޭ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ދޮގު މައުލުމާތު ދިނުމަކީ މި ބަލި އިތުރަށް ފެތުރުމަށް ހުޅުވޭ ފުރުސަތެއް ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު