ޚަބަރު

ތަފާސް ހިސާބުގެ ގައުމީ ނިޒާމުގެ ދުރުރާސްތާ ތަސައްވަރު އިފްތިތާހު ކޮށްފި

ރިފާ ހަލީލު

ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވަރު، ނެޝަނަލް ސްޓްރެޓެޖީ ފޯ ދަ ޑިވެލޮޕްމަންޓް އޮފް ސްޓެޓިސްޓިކްސް (އެންއެސްޑީސީ) އިފްތިތާހު ކޮށްފި އެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމު ތަރައްގީކުރުމުގެ ޕްލޭންގައި ފަގީރުކަން ނައްތާލުމާއި، މިންތީގެ ހަމަހަމަކަން ގާއިމުކުރުމާއި، ކާރިސާއަށް ފަހު އިގްތިސޯދީ ގޮތުން އަރައިގަތުމަށް މަސައްކަތް ކުރުން ފަދަ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ފެންވަރު ރަނގަޅު މައުލޫމާތު މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އެކުލަވައިލުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން ހިމެނެ އެވެ.

ތަފާސް ހިސާބުގެ ގައުމީ ނިޒާމު އިފްތިތާހުކޮށްދެއްވީ މިއަދު އެކަމަށް ޓަކައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ. މި ރަސްމިއްޔާތުގައި ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ރަސްމިއްޔާތުގައި، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)ގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ ތަފާސް ހިސާބުގެ ގައުމީ ނިޒާމު އެކުލަވައިލުމުން މިދާއިރާއަށް ދިމާވެފައިވާ އެތަކެއް ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމަށެވެ. މި ނިޒާމު އެކުލަވާލާފައިވަނީ ކަމާ ގުޅޭ އެކި އިދާރާތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

މި މަސައްކަތް ކުރުމަށް މީގެ ކުރިން ދުވަހަކުވެސް ލިބިފައި ނުވާ ވަރުގެ ބޮޑު ބަޖެޓެއް މި އަހަރު ލިބިފައިވާ ކަމަށާއި އަންނަ އަހަރަކީ ތަފާސް ހިސާބުގެ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ އަހަރަކަށް ވެގެންދާނެ ކަމަށް އައިޝަތު ވިދާޅުވި އެވެ.

ރާއްޖޭގެ ތަފާސްހިސާބުގެ ގައުމީ ނިޒާމުގެ ދުރު ރާސްތާގެ ތަސައްވުރު އެކުލަވައިލުމަށް ފަންޑް ކޮށްފައިވަނީ ޕެރިސް 21ގެ ފަރާތުންނެވެ. މިކަމުގައި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވަނީ އެމްބީއެސްގެ ކޮންސަލްޓެންޓް މާގެރީޓާ ވޮރީރޯ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ތަފާސް ހިމެނުން ބަލަމުން އައީ ބޯހިމެނުމުގެ ގޮތުގައި ކަމަށެވެ. އެހެން ނަމަވެސް ފާއިތުވި އަށް އަހަރު ތެރޭގައި ރާއްޖޭގެ ބޯހިމެނުމުގެ ތަފާސް ހިސާބު ބަލާފައި ނުވާ ކަމަށެވެ. އެހެން ކަމުން ވަރަށް ގިނަ ކަންކަން ބަދަލުވެއްޖެ ކަމަށާއި މިހާރު މި ތިބީ ބޯހިމެނުމުގެ ކަންކަމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށް ވިދާޅުވި އެވެ.

އަންނަ އަހަރު ރާއްޖޭގެ ބޯހިމެނުން ބަލަން ނިންމާފައިވާއިރު މި ސާވޭ ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ އަަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.