މުނިފޫހިފިލުވުން

އާމިރު ހާން އާ ކައިވެނިކުރަން އުުޅޭ ވާހަކައަކީ ދޮގެއް ކަމަށް ފާތިމާ ސަނާ ޝެއިހް ބުނެފި

ބޮލީވުޑްގެ ފުންނާބު އުސް ތަރި އާމިރު ހާން ދެވަނައަށް ކައިވެނި ކުރި ކިރަން ރާއޯ ގާތުން މި އަހަރު ވަރިވުމާ ގުޅިގެން ތަފާތު ވާހަކަތައް ފެތުރިގެން ދިޔައެވެ.

އެންމެ ގަދައަށް ދެކެވުނު ވާހަކަތަކުގެ ތެރޭގައި ''ޑަންގަލް'' އަދި ''ތަގްސް އޮފް ހިންދުސްތާން'' ގައި އާމިރާއެކު މަސައްކަތްކުރި ފާތިމާ ސަނާ ޝެއިހް އާ ދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ އަޑުތައް ވަނީ ފެތުރިގެން ގޮސްފައެވެ. އަދި މިހަފުތާގެ ތެރޭގައިި އެންމެ ގަދައަށް ދެކެވިގެން ދިޔަ އެއް ވާހަކަ އަކީ އާމިރު ހާން ތިން ވަނަ ކައިވެނި ކުރަން އުޅޭ ކަން ވަރަށް އަވަހަށް އިއުލާނު ކުރަން އުޅޭ ހަބަރެވެ. އާމިރު ހާން އަދި ކަރީނާ ކަޕޫރު ހާންގެ ''ލާލް ސިންގް ޗައްދާ'' ރިލީސް ކުރުމަށްފަހު އާމިރު އާއި ފާތިމާ ސަނާ ޝެއިހް ގެ ގުޅުން ރަސްމީ ކުރުމަށްފަހު ކައިވެނި ކުރަން އުޅޭ ހަބަރު އާންމުކުރާނެ ކަމަށް ބުނެ މީޑިއާއަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ނަމަވެސް މިއިން އެއްވެސް ވާހަކައަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ ބަތަލާ ފާތިމާ ސަނާ ޝެއިހް ވަނީ އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދީފައެވެ. ފާތިމާ ބުނީ އެފަދަ ވާހަކަތައް ފަތުރާ މީޑިއާތަކުން ވާހަކަތައް ދައްކަނީ އެއްވެސް ކަމެއް އޮޅުން ނުފިލުވައި ކަމަށާއި ހަގީގަތެއް ނުބަލައި ވާހަކަތައް ފެތުރުމުގެ ސަބަބުން މީހުން އޭނާއާ ދޭތެރޭ ގޯސްކޮށް ހީކުރަމުން އަންނަ ކަމުގައި ފާތިމާ ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ވާހަކަތައް ގަބޫލުކުރުމުގެ ކުރިން ތެދުކަން ޔަގީން ކުރަން އަހާލާނެ ނަމައޭ ހިތަށް އަރާ ފަހަރުވެސް އަންނަ ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން އުނދަގޫ ތަކާ ކުރިމަތިިލާން ޖެހޭ ކަމުގައި ފާތިމާ ވަނީ ބުނެފައެވެ.

އާމިރު އަދި ކިރަން ރާއޯގެ ކައިވެނި މިއަހަރުގެ ތެރޭގައި ނިމުމަކަށް ގެނެސްފައިވީ ނަމަވެސް އެ ދެމީހުންނަކީ އަދިވެސް ގާތް ރަހުމަތްތެރިންނެވެ. އާމިރު ހާން އަދި ކިރަން ރާއޯ 2001 ވަނަ އަހަރު ބައްދަލުވެފައިވަނީ ''ލަގާން''ގެ މަސައްކަތްތަކުގެ ތެރެއިންނެވެ. ފިލްމުގެ ލީޑު ރޯލުގައި އާމިރު ހަރަކާތްތެރިވަމުން ދިޔައިރު ކިރަން މަސައްކަތްކުރަމުން ދިޔައީ ފިލްމުގެ އެސިސްޓެންޓު ޑައިރެކްޓަރުގެ ގޮތުގައެވެ. އާމިރުގެ ފުރަތަމަ އަންހެނުން ރީނާ ދައްތާ ގާތުން ވަރިވުމަށްފަހު 2005 ވަނަ އަހަރު އާމިރު ވަނީ ކިރަން އާ ކައިވެނި ކޮށްފައެވެ. އަދި 2011 ވަނަ އަހަރު މި ދެމީހުންނަށް ވަނީ ސަރޮގަސީ މެދުވެރިކޮށް އާޒާދު ރާއޯ ހާން ލިބިފައެވެ.