ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަށް ޝަކުވާ ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަރުކާރުގެ އޮފިޝަލަކު މިއަދު "ވަން"އަށް ވިދާޅުވީ އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި ފާމަސީތަކުގެ ވެރިންނަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ.
އަސާސީ ބޭސްތަކުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީ އަދި ބޭސް އެތެރެކުރާ ފަރާތްތަކުގެ ޝަކުވާއެއް ވާނަމަ އެކަން ލިޔުމުން ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި މިގޮތަށް ހުށަހެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު ކަނޑައަޅާފައިވާ އަގަށް ބަދަލެއް ގެންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ ގަވައިދުގެ މަތިން އެ ބަދަލެއް ގެންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، މިހާރު ކަނޑައަޅާފައިވާ އެމްއާރުޕީ ކަނޑައަޅާފައިވަނީ، ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފްއޯބީ އަގަށް 100 ޕަސަންޓް މާކަޕެއް ހިމަނައިގެން ކަމަށާއި މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑޭޓާއިން ކަމަށެވެ.
ފާއިތުވި ފަސް އަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް، ކޮވިޑުގެ ހާލަތަށް ރިއާޔަތްކޮށް މިދިޔަ އަހަރާއި މިއަހަރު އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފްއޯބީ އަގު ނަގާފައިވަނީ މި ދެ އަހަރުގެ މައުލޫމާތަށް ބިނާކޮށެވެ.
އޮފިޝަލް އިތުރަށް ވިދާޅުވީ، ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެން ކަމަށާއި ފުރަތަމަ މަރުހަލާގެ ދަށުން މިހާރު އެމްއާރުޕީ ކަނޑައަޅަފައިވަނީ މިވަގުތު އެ އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ރާއްޖޭގެ އަސާސި ބޭސް ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށް ކަމަށެވެ.
މި ސިޔާސަތުގެ ސަބަބުން ރާއްޖޭގައި ޑޮކްޓަރީ ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާކެޓުގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެ ކަމަށް ސަރުކާރުން ދެކެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު