ލައިފް ސްޓައިލް

މަރުވީ ހަރުފަ ވިހަލައިގެން، އެކަމަކު އަސްލު ގާތިލަކީ ފިރިމީހާ!

އިންޑިއާގެ ކެރެއްލާގައި ސްޓޭޓުގައި ދިރިއުޅެމުންދިޔަ އުމުރުން 25 އަހަރުގެ އުތުރާ މަރުވުމާ ގުޅިގެން މިދިޔަ އަހަރުގެ މެއިމަހުގެ 7 ވަނަ ދުވަހު ހެދި ޕޯސްޓްމޯޓެމްގެ ނަތީޖާ ދެއްކީ އޭނާ މަރުވީ ވިހަގަދަ ހަރުފައެއް ވިހަލައިގެން ކަމަށެވެ.

ހަރުފައެއް ހަމަލާ ދީފައިވާ ނިޝާންތަކާއެކު އުތުރާ ހަބަރު ހުސްވެފައި އޮތްތަން ފެނިގެން ހޮސްޕިޓަލަށް ގެންދެވުނުއިރު އުތުރާގެ ފުރާނަ ވަނީ ގޮސްފައެވެ. އަދި މަރުގެ އަސްލު ދެނެގަތުމަށް ހެދި ޕޯސްޓުމޯޓެމް އިން ސަބަބުވެސް ވަނީ ދެނެގަނެވިފައެވެ.

އެހިސާބުން މައްސަލަ ނިންމާލެވުނީ ކަމަށް އުތުރާގެ ފިރިމީހާ ސޫރަޖު ކުމާރު ހީކުރިއެވެ. ނަމަވެސް ކަމެއް ދުނިޔެއަށް ހާމަކުރައްވަން އިރާދަކުރައްވައިފި ނަމަ އެކަމުން ރެކެވޭނެ ގޮތެއް ނޯންނާނެ ކަމީ ދުނިޔެ ދައްކައިދީފައިވާ ހަގީގަތެވެ.

އުތުރާގެ މަރުގެ ފަހަތުގައި ސޫރަޖުގެ އަތެއް ވާކަމާމެދު މެދު އުތުރާގެ އާއިލާއިން ޝައްކު ކުރިއެވެ. އަދި އުތުރާގެ އާއިލާއިން ވަނީ ސޫރަޖަށް ތުހުމަތު ކޮށް މައްސަލަ ބަލައިދިނުމަށް ފުލުހަށް ރިޕޯޓު ކޮށްފައެވެ.

ސޫރަޖު ކުމާރު އަދި އުތުރާގެ ކައިވެނި 2018 ވަނަ އަހަރު ކުރެވިފައިވާއިރު އެ ކައިވެނި ހަމަޖެއްސީ މެޗްމޭކިންގެ ހިދުމަތެއްގެ އެހީގައެވެ. އުތުރާގެ ބޭބެ ވިޝޫ ބުނިގޮތުގައި އުތުރާ އަކީ އުނގެނުމުގައި އުނިކަމެއް ހުންނަ ކުއްޖަކަށް ވުމުން ބޭނުން ވީ އުތުރާއަށް އަޅައިލާނެ ރަނގަޅު ފިރިއެކެވެ.

27 އަހަރުގެ ސޫރަޖު އަކީ ބޭންކެއްގައި ކުލާކެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ވަރަށް އާދައިގެ މީހެކެވެ. ސޫރަޖުގެ ބައްޕައަކީ އޮޓޯ ދުއްވާ މީހަކަށްވާއިރު މަންމަ ހުންނަނީ ގޭގައެވެ. އޭނާ އުތުރާ އާ ކައިވެނިކުރަން ނިންމާފައިވަނީ ފައިސާގެ ދަހިވެތިކަމުގައި ކަން ފަހުން ވަނީ އެނގިފައެވެ. މި ދެމީހުން ކައިވެނި ކުރިއިރު ދަހޭޖުގެ ގޮތުގައި އުތުރާގެ އާއިލާއިން ވަނީ ސޫރަޖަށް 720 ގުރާމުގެ ރަނާއި، ސުޒުކީ ކާރެއްގެ އިތުރުން 500،000 ރުޕީސްގެ ނަގުދު ފައިސާ ދީފައެވެ.

ދެމީހުން ކައިވެނިކުރިިިތާ މާ ގިނަދުވަހެއް ނުވެ އެ ދެމީހުންނަށް ފިރިހެން ކުއްޖަކުވަނީ ލިބިފައެވެ. ފިރިމީހާގެ ގޭގައި ދިރިއުޅެމުންދިޔަ އުތުރާއަށް ސޫރަޖުގެ އާއިލާއިން ދިޔައީ ހަރަދު ކުރުމަށް ކެނޑިނޭޅި އެދެމުންނެވެ. ގޭގައިި ގެންގުޅޭ ސާމާނާއި، ކާރާއި، ފަރުނީޗަރާއި ގޭގެ މަރާމާތުގެ ހަރަދުތަކުން ފެށިގެން ސޫރަޖުގެ ކޮޮއްކޮގެ އެމްބީއޭ ކޯހުގެ ފީ ދެއްކުމަށްވެސް އުތުރާގެ އާއިލާ ގާތުން އެދިފައިވާ ކަން ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ. މިއިން އެއްވެސް ކަމެއްގައި ދެކޮޅު ނުހަދައި އުތުރާގެ އާއިލާއިން އެ ހުރިހާ ހަރަދެއް ކޮށްދެމުން ގޮސްފައިވަނީ އުތުރާ އަކީ އުނިކަމެއް ހުންނަ ކުއްޖަކަށް ވުމުންނެވެ. އުތުރާގެ ބައްޕަ ބުނިގޮތުގައި އެ އާއިލާއިން އެދެމުންދިޔަ ކަންތައްތައް ކޮށްދިނުމުގެ އިތުރުންވެސް އެމީހުންނަށް ކޮންމެ މަހަކު 8000 ރުޕީސް ވަނީ ދެމުން އައިސްފައެވެ. މިހުރިހާ ކަމަކާއެކުވެސް ސޫރަޖަށް އުތުރާ އާއެކު އުޅެން ހިތް ޖެހޭ ގޮތެއް ނުވިއެވެ. ސޫރަޖު ދިޔައީ މަޑުމަޑުން އޭނާގެ ކިބައިން ސަލާމަތްވާނެ ގޮތްތައް ރާވަމުންނެވެ.

ކެރަލާ ފުލުހުން ތަހުގީގަށް އުފައްދާފައިވާ ވީޑިއޯއެއް: ވީޑިއޯ/ކެރަލާ ފޮލިސް/ސީއެންއެން ރިޕޯޓް---

2019ވަނަ އަހަރުގެ ފަހުކޮޅު ސޫރަޖު ވަނީ ޔޫޓިއުބުން ވިިހަގަދަ ހަރުފަ ގެންގުޅޭ މީހުންގެ ވީޑިއޯތައް ބަލަން ފަށާފައެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ 26 ވަނަ ދުވަހު ހަރުފަ ވިއްކާ މީހެއްގެ އަތުން ވިހަގަދަ ހަރުފައެއް 10،000 ރުޕީސް އަށް ގަނެ ޖެހިގެން އައި ދުވަހު އުތުރާއަށް ހަމަލާ ދޭން ރާވައި ހަރުފަ ގޭތެރެއަށް ދޫކޮށްލައިފައެވެ. ނަމަވެސް އެ ޕްލޭން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ.

ދެވަނައަށް އޭނާ މަސައްކަތް ކުރީ އެ އަހަރުގެ މާޗް 2 ވަނަ ދުވަހުގެ ރޭގަނޑުގައެވެ. އެރޭ ބާރުގަދަ ބޭހެއް ދިނުމަށްފަހު އުތުރާ އޮތީ ގަދަ ނިންޖަކުން ނިންދަވައިފައެވެ. ހަރުފަ ލައްވައި އުތުރާ އަށް ހަމަލަ ދިނުމަށްފަހު ހަރުފަ ވަނީ ގެއިން ބޭރަށް އެއްލައިލައިފައެވެ. އުތުރާއަށް ހަރުފަ ހަމަލާ ދިނުމާއެކު އޭނާއަށް ލިބުނު ވޭނުގައި ހަޅޭއްލަވަން ފެށުމުން އޭނާ ވަނީ ހޮސްޕިިޓަލަށް ގެންގޮސްފައެވެ. އެ ހަމަލާއިން އަރައިގަތުމަށް ހޮސްޕިޓަލުގައި އެފަހަރު އުތުރާ 52 ދުވަސް ހޭދަކުރުމަށްފަހު މިދިޔަ އަހަރު އެޕްރިލް 22 ވަނަ ދުވަހު ގެއަށް ދޫކޮށްލިއިރު ރަނގަޅަށް ހިނގާބިނގާވެ ނޫޅެވެއެވެ. އެހެންކަމުން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އުތުރާ ވަނީ އޭނާގެ މައިންބަފައިންގެ ގެއަށް ބަދަލުވެފައެވެ.

ސޫރަޖުގެ ހީލަތްތެރި ރޭވުން މިހިިސާބުންވެސް ނިންމާލަކަށް ބޭނުމެއް ނުވިއެވެ. ދެވަނައަށް އޭނާ އަނެއްކާވެސް ބޮޑު ހަރަދު ކޮށްގެން ވިހަގަދަ ކޯބްރާއެއް ގަތެވެ. މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭގަނޑު ސޫރަޖު ވަނީ މި ހަރުފަ އުތުރާ ދިރިއުޅެމުންދިޔަ ގޭތެރެއަށް ވައްދައިފައެވެ. އެރޭވެސް އުތުރާ ނިދުމުގެ ކުރިން އޭނާއަށް ދިން ޖޫސްތައްޓަށް ބާރުގަދަ ބޭހެއް އަޅައި ގަދަ ނިންޖަކުން ނިދޭވަރު ކުރިއެވެ.

އުތުރާ ގަދައަށް ނިދުމުން ހަރުފަ އޭނާގެ ގައި މައްޗަށް ވަނީ އެއްލައިލައިފައެވެ. ނަމަވެސް އެ ހަރުފަ އުތުރާއަށް ހަމަލައެއް ނުދިނެވެ. އެންމެފަހުން ސޫރަޖު އެ ހަރުފަ ލައްވައި އުތުރާއަށް ހަމަލާ ދީފައި ވަބީ ގަދަކަމުން ކަމަށް ތަހުގީގަށް ވަނީ ހޯދިފައެވެ. ހަރުފަ ގެންގުޅޭ މާހިރުންގެ އެހީތެރިކަން ހޯދައިގެން މި ތަހުގީގު ހިންގާފައިވާއިރު ހަރުފައިގެ ދަތްތައް ވަނީ ގަދަކަމުން ފިއްތައި ބާރުކޮށްގެން އުތުރާގެ ގަޔަށް އަރުވާފައި ކަމަށް އެފަރާތްތަކުން ބުނެއެވެ. މިފަދަ ހަރުފަ އަކީ އާއްމުކޮށް ރޭގަނޑު ހަމަލަދޭ އެއްޗެއް ނޫން ކަމަށާއި އެއާ ގޯނާ ނުކުރަނީސް އެފަދަ ކަމެއް ނުކުރާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ. އެކަން ސާބިތު ކުރުމަށް ތަހުގީގުގެ ތެރެއިން ވަނީ ބުދެއް އެނދެއްގައި ބޭއްވުމަށްފަހު ރޭގަނޑު ހަމަލަދޭތޯ ހަރުފައެއް ބުދުގެ ގައި މައްޗަށް އެއްލައިލައިފައެވެ. ނަމަވެސް ހަރުފަ ހަމަލާދޭން އުޅޭތަނެއް ފެނިގެން ގޮސްފައެއް ނުވެއެވެ.

މި ތަހުގީގުގައި ބައިވެރިވި މާހިރުން ވަނީ އެފަދަ ވިހަގަދަ ހަރުފައެއް އެގެއަށް ވަން ގޮތަކާމެދުވެސް ޝައްކު އުފައްދައިފައެވެ. ތަހުގީގުން އެނގުނު ގޮތުގައި ސޫރަޖު ކުމާރު ވަނީ އޭނާ ހަމަލާ ދޭނެ ގޮތްތައް މާ ކުރިން ރާވައި ވަރަށް ބޮޑަށް ތައްޔާރުވެފައެވެ. އެރޭ އުތުރާއަށް ޖޫސް ތަށި ދިނުމަށްފަހު ހެކި ނައްތައިލުމަށް ޓަކައި އެ ތަށި ވަނީ ވަރަށް ރަނގަޅަށް ދޮވެފައެވެ. އަދި ހަރުފަ ކޮންޓުރޯލުކުރަން ގެންގުޅުނު ދަނޑިބުރި އޭނާ އެއްލައިލައިފައިވާއިރު ހަރުފަ ގަތުމަށް ކުރެވުނު މުއާމަލާތުތައް ފޮހެލުމުގެ ގޮތުން ކޯލް ހިސްޓްރީވެސް ވަނީ އެއްކޮށް ފޮހެލައިފައެވެ.

އުތުރާ މަރުވުމަށްފަހު އޭނާގެ ބޭބެ ވިޝޫއަށް ހަރުފަ ގޭތެރެއިން ފެނިގެން ވަނީ މަރާލައިފައެވެ. އަދި ހަރުފަ ވަޅުލާފައިވަނީ އެގޭގެ ބިއްދޮށުގައި ކަމުން ފަހުން ވަނީ ތަހުގީގަށް ބޭނުންވެގެން އެ ހަރުފަ ކޮނެގެން ނަގައި ޕޯސްމޯޓެމް ވެސް ހަދައިފައެވެ. އޭގެން އެނގުނު ގޮތުގައި ސޫރަޖު ވަނީ އުތުރާއަށް ހަމަލާ ދިނުމުގެ ގޮތުން ހަރުފައަށް 7 ދުވަސް ވަންދެން ކާން ނުދީ ގެންގުޅެފައެވެ. މިހުރިހާ ހޯދުންތަކަށްފަހު ކެރެއްލާގެ ފުލުހުން ވަނީ ސޫރަޖު ހައްޔަރުކޮށްފައެވެ.

ފުލުހުން މިމައްސަލަ ތަހުގީގުކޮށް ހޯޯދި ހޯދުންތަކާމެދު އުތުރާގެ ބޭބެ ވިޝޫ ހުރީ އުފަލުންނެވެ. ކޮއްކޮއަށް އިންސާފު ހޯދައިދިނުމުގައި ފަހަތަށް ނުޖެހި އަސްލު ގާތިލު ހޯދުމުގައި ފުލުހުން ދިން އެއްބާރުލުމަށް ވިޝޫ އާއި އާއިލާ ވަނީ ފުލުހުންނަށް ޝުކުރު އަދާކޮށްފައެވެ.