ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ބޯޑުން އަލީ މިދުހަތު (މިދޭ) ވަކިކުރަން ނިންމައިފިއެވެ.

މިދޭ ވަކިކުރަން ނިންމާފައިވާކަން ސަރުކާރުގެ އިސް އޮފިޝަލަކު "ވަން" އަށް މިއަދު ކަށަވަރުކޮށްދިން ނަމަވެސް، އެކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އަދި މިދޭ ވަކިކުރަން ނިންމި ސަބަބެއް ވެސް އަދި ނޭނގެއެވެ.

ނަމަވެސް އޭނާ ވަކިކުރަން ނިންމާފައި ވަނީ މިއަހަރުގެ ނަސްރުގެ ދުވަހަށް ޕީއެސްއެމުން ހާއްސަ ޕްރޮގްރާމެއް ނުހެދި މައްސަލައިގައި ނުރުހުން ފާޅުކުރުމުން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. އެހެން މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، މިދޭ ވަކިކުރަނީ ޓީވީއެމް ހިންގާ ކޮށީގައި 15 ބުރީގެ އިމާރާތެއް އަޅަން އިއުލާންކުރި ޕްރޮޖެކްޓް ވަކި ބަޔަކަށް ދިނުމަށް، އެކަމަށް ފަހިވާ ގޮތަށް ކަންކުރުމަށެވެ.

ސަރުކާރުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، ޕީއެސްއެމްގެ ބޯޑަށް ބަދަލުތަކެއް ގެންނަވަން ރައީސް ނިންމަވާފައިވާ ކަަމަށާއި އެ ބަދަލަކީ އެމަނިކުފާނަށް ގާނޫނުގެ ދަށުން ލިބިދީފައިވާ ބާރުގެ ދަށުން ގެންނަ ބަދަލެއް ކަމަށެވެ. އަދި އެއީ ނަސްރުގެ ދުވަސް ނުވަތަ ވަކި މަޝްރޫއަކާ ގުޅިގެން ގެންނަ ބަދަލެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިދޭ މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާގެ ބަހެއް މި ހަބަރަށް ލިބޭ ގޮތް ވަނީ ނުވެފައެވެ.

ސަރުކާރުގެ އޮފިޝަލު ވިދާޅުވި ގޮތުގައި، މިދޭގެ ބަދަލުގައި އެ މަގާމަށް އައްޔަން ކުރަން ނިންމަވާފައި ވަނީ ޓީވީއެމް އަދި ވީޓީވީގެ ސީއޯއޯކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި މުހައްމަދު އާސިފް (މޮންދު)އެވެ.

ޓީވީއެމްގައި 23 އަހަރު ދުވަހު ހިދުމަތް ކުރެއްވުމަށްފަހު މޮންދު އެތަނުން ވަކިވެވަޑައިގަތީ 2013 ވަނަ އަހަރެވެ. މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސްކަންވެސް ކުރައްވާފައިވާ މޮންދުއަކީ ރާއްޖޭގެ އެޑިޓާސް ގިލްޑުގެ އެކްސޯ މެންބަރެކެވެ.