Close
މުނިފޫހިފިލުވުން

ޑިޒްނީގެ ކުރިޔަށް އޮތް ކާޓޫން "އެންކާންޓޯ" ވެސް ތަފާތު

ޑިޒްނީ ކާޓޫންތަކަކީ ގިނަބަޔަކު ޝައުގުވެރި ކުރުވާ ކާޓޫންތަކެކެވެ. ޑިޒްނީ އިން ނެރެދޭ ކެރެކްޓާތައް ކުޑަކުދިންނެކޭ އެއްގޮތަށް ބޮޑެތިމީހުންގެވެސް ހިތްތައް ފަތަހަ ކޮށްފައިވާއިރު ކުރިއަށް އޮތް ކާޓޫނަކީވެސް ގިނަބަޔަކު ޝައުގުވެރިކުރުވާނެ އެއްޗަކަށް ވެގެންދާނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރެއެވެ.

''އެންކާންޓޯ''ގައި ދައްކުވައިިދެނީ ކާޓޫނުގެ މައި ކެރެކްޓާ މިރަބެލް އަދި އޭނާގެ އާއިލާއެވެ. މިރަބެލްގެ އާއިލާ އާއި އަޅައިބަލާއިރު މިރަބެލް އަކީ ވެސް އާދަޔާ ހިލާފު ކުއްޖެއް ނޫން ކަމަށް އޭނާ ބުނެއެވެ. މިކާޓޫނުގެ ވާހަކައިގައި ގެނެސްދެނީ ތަފާތު ބާރުތަކެއް ލިބިފައިވާ އާއިލާއެއްގައި އާދައިގެ ދިރިއުޅުމެއް އުޅެމުން އަންނަ އާދައިގެ ކުއްޖެއްގެ ވާހަކައެވެ.

ޑިޒްނީގެ އެހެނިހެން ކާޓޫނުތަކެކޭ އެއްގޮތަށް މި ކާޓޫނުގައިވެސް ޝައުގުވެރިކުރުވާ ގިނަ ލަވަތަކެއް ހިމެނެއެވެ.

ކާޓޫނުގެ ވާހަކަ ފެށިގެން އަންނަނީ ކޮލަމްބިއާގެ މިޑްރަގެލް އާއިލާއަށް ނިސްބަތްވާ މިރަބެލް އިންނެވެ. މިރަބެލް ދިރިއުޅެމުން އަންނަނީ އާއިލާގެ ގިނަ ބަޔަކާއެކު އާދަޔާ ހިލާފު ބާރުތަކެއް އެގެއަކަށްވެސް ލިބިގެންވާ ގެއެއްގައެވެ. މިޑްރަގެލްގެ އާއިލާގެ ކޮންމެ މީހަކީވެސް ހާއްސަ ކަމެއް އެއިން ކޮންމެ މީހަކަށް ލިބިގެންވާ ބައެކެވެ. އުމުރުން 5 އަހަރުން ފެށިގެން އެ އާއިލާގެ ކޮންމެ ކުއްޖަކަށްވެސް ލިބިފައިވާ އާދަޔާ ހިލާފު ބާރު ތަޖުރިބާ ކުރެއެވެ. އޭގެ ތެރޭގައި ސޫރު ބަދަލުކުރުމާއި، ޖަނަވާރުންނާ ވާހަކަ ދެއްކުމުގެ ކުޅަދާނަމާއި އަޑު އެހުމުގެ ބާރު ލިބިފައިވާއިރު އެ ހުރިހާކަމެއް އާއިލާ އިން ބޭނުން ކުރަނީ މުޖުތަމައަށް އެހީތެރިވުމުގެ ގޮތުންނެވެ.

ނަމަވެސް މިރަބެލް އަށް މިކަހަލަ ހާއްސަ ކަމެއް ލިބިގެނެއް ނުވެއެވެ. މިރަބެލްއަށް އާދަޔާ ހިލާފު ބާރެއް ލިބިފައި ނުވި ނަމަވެސް އާއިލާއަށާއި މުޖުތަމައަށް އޭނާއަށް ވީވަރަކުން އެހީވާން މިރަބެލް މަސައްކަތްކުރެއެވެ.

އުފާވެރިކަމާއެކު ދިރިއުޅެމުން އަންނަ މި އާދަޔާ ހިލާފު އާއިލާއަށް މައްސަލަތަކާ ކުރިމަތިވާން ފަށަނީ އެ ބާރުތައް ކެނޑެން ފެށުމުންނެވެ. ދިރިއުޅެމުން އަންނަ ގެއަށާއި އާއިލާއަށް ލިބިދީފައިވާ އާދަޔާ ހިލާފު ކަންކަމުގެ ފަހަތުގައި ވަނީ ކޮންތައްތަކެއްތޯ އާއި އަދި އެ ހުރިހާ ކަމެއް ކެނޑެން މެދުވެރިވާ ސަބަބު ބަލައި ހޯދުމަށް މިރަބެލް މަސައްކަތް ފަށައެވެ. ކާޓޫނުގައި ދެން ދައްކައިދެނީ މިކަންތައްތައް ހޯދައި އާއިލާ ސަލާމަތްކުރުމަށް މިރަބެލް ކުރާ މަސައްކަތެވެ.

ޖާދޫ އިން ފުރިގެންވާ މި އާއިލާ ދިރިއުޅެމުން އަންނަ ގޭގައި އުފާވެރި ދިރިއުޅުމެއް އުޅެމުން އަންނަ އާއިލާއަށް ބަދުނަސީބާ ކުރިމަތިވި ނަމަވެސް މި ވާހަކައިގައި ނުބައިބައި ކެރެކްޓާއެއް ނުހިމެނެއެވެ.

ޑިޒްނީ ޕްރިންސެސް ކާޓޫނުތަކާ ހިލާފަށް މި ކާޓޫނުން ނެރެދޭ ކެރެކްޓާ މިރަބެލް ފެނިގެން ދަނީ ވަރަށް އާދައިގެ ގޮތަކަށެވެ.

އެންކާންޓޯގެ ވާހަކައިގައި މިީހުންގެ އުއްމީދުތަކާއި އެއްވަރަށް ދިރިއުޅުމަށް ކުރާ ޕްރެޝަރާއި އޭގެ ސަބަބުން އުނިކަންކަން ފޮރުވައި ފަސްޖެހޭތަން ދައްކައިދިން ނަމަވެސް ހަމައެއާއެކު އާދަޔާ ހިލާފު ބާރެއް ލިބިފައި ނުވިނަމަވެސް ކޮންމެ މީހަކީވެސް ހާއްސަ މީހެއް ކަން ބުނެދޭ މެސެޖު މި ކާޓޫނުން ފޯރުކޮށްދެއެވެ.

ޖޯން ލިގިޒާމޯ، ވިލްމާ ވެލްޑެރާމާ، މަލޫމާ، އަޑާސާ، މާލާ ސިސީލިއާ ބޮޓޭރޯ، އެންޖީ ސެޕީޑާ، ޑަޔޭން ގެރޭރޯ އަދި ޖެސިކާ ޑެރޯ ''އެންކާންޓޯ'' އަށް އަޑު އަޅައިދީފައިވާއިރު ޑައިރެކްޓް ކޮށްފައިވަނީ ބައިރަން ހަވާޑް، ޖެއާޑް ބުޝް އަދި ޗެރީސް ކާސްޓްރޯ ސްމިތެވެ.