ޚަބަރު

ހިޔާ މަޝްރޫއުގެ ދަށުން އަލަތު ކައިވެންޏަށް އަމާޒުކޮށްގެން ހެދި އެއް ކޮޓަރީގެ ފްލެޓުތައް ދޫކުރާނެ: މިނިސްޓަރު އަސްލަމް

6

ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު (ހިޔާ މަޝްރޫއު)ގެ ދަށުން އަލަތު ކައިވެނީގެ ކެޓަގަރީއަށް އަމާޒުކޮށްގެން ދައުލަތުގެ ކުންފުނިތަކާ ހަވާލުކޮށްގެން އިމާރާތްކޮށްފައިވާ އެއް ކޮޓަރީގެ ފްލެޓުތައް ދޫކުރާނެ ކަމަށް ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މިއަދުގެ ބައްދަލުވުމުގައި އެ ފްލެޓުތަކާ ބެހޭގޮތުން ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، އެއް ކޮޓަރީގެ އެޕާޓްމަންޓުތަކަށް މީގެ ކުރިން ސަރުކާރުން ގޮތެއް ނިންމާފައިވީ ނަމަވެސް، ހިޔާ މަޝްރޫއުގެ ދަށުން އެ ފްލެޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކަށް އެތަންތަން ދީ ނިންމާލުމަށް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ހިޔާ މަޝްރޫއުގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމަންޓުތައް އިމާރާތްކުރުމަށް ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ސަރުކާރުގެ ކުންފުނިތަކަށެވެ. އެއީ އެ ކުންފުނިތަކުގެ މުވައްްޒަފުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓު އިމާރާތްކުރުމަށް ހިންގާ ޕްރޮޖެކްޓުގައި ހިމަނައިގެންނެވެ.

އެސްއޯއީ ކޮމިޓީގެ މުގައްރިރު، ހުޅުދޫ ދާއިރާގެ މެންބަރު އިލިޔާސް ލަބީބު ވިދާޅުވީ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ކުރީ ސަރުކާރުން އެސްއޯއީތަކާ ހަވާލުކުރި ފްލެޓް ޕްރޮޖެކްޓުތަކުގެ ތެރެއިން މަަސައްކަތް ކުރިއަށްގެންދަނީ ހަމައެކަނި އެމްޑަބްލިއުއެސްސީ އާއި އެމްއޭސީއެލް އާއި ސްޓެލްކޯ އާއި އެމްޕީއެލުން ކަމަށެވެ. އެސްޓީއޯއިން ދެ ފަންގިފިލާގެ މަަސައްކަތް ފެށި ނަމަވެސް، އެ ހިސާބުން މަަސައްކަތް ހުއްޓިފައިވާ ކަމަށާއި އެމްޓީސީސީގެ ޕްރޮޖެކްޓް ފައުންޑޭޝަން އެޅިގޮތަށް ހުއްޓިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެސްއޯއީތަކާ ހަވާލުކޮށްގެން ކުރީ ސަރުކާރުން އިމާރާތްކުރަން ފަށާފައިވާ ފްލެޓް އިމާރާތްތަކުގެ މަސައްކަތް ހުއްޓުވުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. ނަމަވެސް އިތުރު ކުންފުނިތަކާ ހަވާލުކޮށްގެން ފްލެޓް އިމާރާތްކުރުމުގެ ޕްރޮޖެކްޓެއް މި ސަރުކާރުން ނުހިންގާނެ ކަމަށާއި އެއީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. އަދި އާއިލާތަކަށް އަމާޒުކޮށްގެން އެއް ކޮޓަރީގެ އެޕާޓްމަންޓުތައް އެޅުމަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއް ކޮޓަރީގެ ފްލެޓުތައް ދޭން ނިންމި ނަމަވެސް އެތަންތަން ދޫކުރާނެ ގޮތަކާ މެދު ކަންތައްތައް ކުރުމަށް ފްލެޓުތައް އިމާރާތް ކުރި ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް މިއަހަރުގެ ފެބްރުއަރީމަހު ސަރުކާރުން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީތަކުން ފްލެޓް ނުދިނުމަށް ނިންމައި އެ ކެޓަގަރީ އުވާލާފައިވާ ކަމަށެވެ.