އިސްލާމީ ތާރީޚު

މިޒަމާނަށްވެސް ބޭނުންވަނީ ނަބަވީ ސީރަތުގެ ނަމޫނާއެވެ 4

އަބްދުﷲ ފާރޫގް ހަސަން

(19 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ދެވަނަޔަށް އަޅުގަނޑު މިލިޔަނީވެސް أبــو جـهـل ގެ ވާހަކައެކެވެ. އޭނާގެ ބެލެނިވެރިކަމުގެ ދަށަށްވަން ޔަތީމުކުއްޖެއްގެ މުދަލުގެ މައްސަލައިގެ ވާހަކައެވެ. އެކުއްޖާ ބޮޑުވެ ބާލިޣުވިއިރު أبــو جـهـل ވަނީ އެކުއްޖާގެ މުދަލުގައިޖެހި ކައިހުސްކޮށްފައެވެ. އެކުއްޖާ ބޮޑުވުމުން އެކަމުގެ ޝަކުވާއާއިގެން އެކިދިމަދިމާއަށް ހިނގާންފަށައިފިއެވެ. ޤުރައިޝުންގެ ބޮޑުން އެފަހަރުވެސް އެކުއްޖާއަށް ނަސޭހަތްދީގެން ފޮނުވީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހަށެވެ. އެކުއްޖާ އައިސް ޝަކުވާކުރުމުން ހަމައެވަގުތު ތެދުވެވަޑައިގެން أبــو جـهـل ގެ ގާތަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އޭ عـمــرو އެވެ! މީނާގެ ޙައްޤު އަދާކުރަން ދަމާއަންނާށެވެ." أبــو جـهـل ސިހިގެން ފުންމައިގެން ތެދުވެފައި ދެންނެވިއެވެ. "އާދޭހެވެ. ހިންގަވާށެވެ. އެކަމަކު ތިޔައިގެ ބައެއްތަކެތީގައި އަޅުގަނޑަށް ޖެހެވިއްޖެއެވެ. ޙަދީޘްކުރެއްވިއެވެ. "ތިޔަތަން ކަލޭގެ މުދަލުންލައި ހަމަޖައްސައި މީނާ ރުއްސައިލާނީއެވެ." އިތުރު ސާހިބާ އެކުއްޖާ ގޮވައިގެން أبــو جـهـل ގެ ގޭދޮށަށް ވަޑައިގެން އެކުއްޖާގެ ހުރިތަކެތި ނެރެދެއްވައި މަދުވާތަކެތީގެ ބަދަލުހޯއްދަވައިދެއްވައި އެކުއްޖާ ރުއްސަވައި ހަމަޖައްސަވައިދެއްވައިފިއެވެ.

ތިންވަނަ ހާދިސާއަކީ މައްކާއަށް ވިޔަފާރިކަމުގައި އައި ޒަބީދުގެ މީހެއްގެ މައްސަލައެވެ. އޭނާ ޝަކުވާއާއިގެން އައީ ކައުސާހިބާ صلّــى اللّـه عليـه وسلّـم އެމާތް ސާހިބާގެ ޞަޙާބީންގެ ބައެއް ބޭކަލުންނާއެކު ޙަރަމްފުޅުގައި އިންނަވަނިކޮށެވެ. އޭނާ ޙަރަމްފުޅުގެ ތެރެޔަށްވަދެ އެތާނގައި އެއްވެފައިއޮތްހައި މަޖިލިސް މަޖިލިސްގެ ކައިރިޔަށް ވަކިވަކީން ހިނގަހިނގައިފައި ޝަކުވާކުރަމުން ދިޔައެވެ.

"ތިޔަބައިމީހުންގެ ކައިރިޔަށް ބޭރުން މީހަކު އެއްޗެއް ހިފައިގެންއައިސް ވިޔަފާރިޔެއްކޮށް މިރަށަށް ތިޔާގިކަމެއް އަންނާނީ ކޮންގޮތަކުންހެއްޔެވެ؟ ތިޔަބައިމީހުންގެ ކައިރިޔަށް މިފަދަ މާތް ޙަރަމަށް ވިޔަފާރިވެރިޔަކުއަޔަސް ކުރަނީ އަނިޔާއެވެ. އެއްޗެއް ހިފައިގެން މީހަކު އަތުވެއްޖެއްޔާ ކުރަނީ ޖެއްސުމެވެ." އޭނާ މިހެންކިޔަމުން ހިނގަމުންދިޔައިރު އެއްވެސްމީހަކު ޖަވާބެއް ނުދެއެވެ. އޭނާ ހިނގަމުންގޮސް އިތުރު ސާހިބާގެ މަޖިލިސަށްއައިސް އެވާހަކަތައް ދައްކައިގަތުމުން ޙަދީޘްކުރެއްވިއެވެ. "ތިޔަކިޔަނީ ކީކޭހެއްޔެވެ؟ އަނިޔާއެއްކުޅައީ ކާކުހެއްޔެވެ؟" އޭނާ ދަންނަވައިފިއެވެ. "އަޅުގަނޑު މިރަށަށްއައިއިރު ގެނައިތަކެތީގެ ތެރޭގައި މާރީތި ތިން ޖަމަލު ގެނައީމެވެ. އެ ތިން ޖަމަލު ގެނެސްފައިއޮއްވައި މިއުޅޭ أبــوالحـكم بــن هشــام ގޮސް އެޖަމަލުތައް ގަންނަން އަގުއަހައި މާކުޑަ އަގެއްކިޔައިފައި ދިޔުމުން އެހެން އެކަކުވެސް އޭގެ އަގުއަހައިވެސް ނުލިއެވެ. އަޅުގަނޑު މިވީ އެއަގަށް އޭނާއަށް ވިއްކާށޯލައެވެ. އޭނާކީ އަގަކީ އެތަކެތި ގަތްއަގުގެ ތިންބައިކުޅައެއްބައިވެސް ހަމަވާވަރުގެ އަގެއްނޫނެވެ. މިއީވެސް އޭނާގެ ޢިއްޒަތާއި ޤަދަރާގުޅޭ ކަމެކޯލައެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ކަލޭގެ ތިޔަބުނީ ޖަމަލުތައްހުރީ ކޮންތަނެއްގައިހެއްޔެވެ؟" އެކަލޭގެ ދެންނެވިއެވެ. "ޙަޒޫރަތެވެ ކިޔާތަނުގައި ބާޒާރުގައި އެހެރީއެވެ."

ކައުސާހިބާ صلّــى اللّـه عليـه وسلّـم ތެދުވެވަޑައިގެން އެކަލޭގެއާއެކުގައި ވަޑައިގެން ބައްލަވައިލެއްވިއިރު ޙަޤީޤަތުގައިވެސް އެއީ ވަރަށްރީތި ޖަމަލުތަކެކެވެ. އިތުރު ސާހިބާ އެޖަމަލުތަކުގެ އަގުއަރުއްވައި އެކަލޭގެ ރުހޭއަގަކާ ހަމަޔަށް ގެންދަވައި ބައްލަވައިގެންފައި އޭގެތެރެއިން ދެޖަމަލު ވިއްކަވައިފައި އެކަލޭގެ ކީއަގު ހަމަޔަށް ދެއްވައިފިއެވެ. އަނެއް ޖަމަލު ވިއްކަވައިފައި އޭގެ އަގު عبـدالمطّـلب ގެފާނުގެ ދަރިކޮޅުގެ ހުވަފަތް އަންހެންބޭފުޅުންނަށް ބައްސަވައިލައްވައިފިއެވެ. މިހުރިހައިކަމެއް ކުރެއްވިއިރު أبــو جـهـل އެބާޒާރުގެ އެއްފަރާތެއްގެ ފިހާރައެއްގައި ބަލަހައްޓައިގެން އިނެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އެނބުރި ވަޑައިގަންނަވަމުން އޭނާގެ ކައިރިޔަށް ހުއްޓިވަޑައިގެން ވިދާޅުވިއެވެ. "އޭ عـمــرو އެވެ. މިކަލޭގެޔަށް ތިޔަކުރިކަހަލަކަމެއް މީގެފަހުން އެހެންމީހަކަށް ނުކުރާށެވެ. ކޮށްފިކަމުގައިވާނަމަ ކަލޭގެ ނުރުހޭނެ މާގިނަކަންތައް ފެންނާނެއެވެ." (ޞަލާޙުއްދީން)

جــابـــر بــن عـبـداللّـه رضى اللّـه عنــه ރިވާކުރައްވައިފައިވެއެވެ. މަދީނާގައި އުޅުނު ޔަހޫދީއެއްގެ އަތުން އަހަރެން ދަރަންޏަށް އެއްޗެހި ނަގައިއުޅެމެވެ. އެއްއަހަރަކު އިއްތިފާޤުން ދިމާވިކަމަކީ އޭނާގެ ދަރަނި އަދާކުރާންވީއިރަކު ކަދުރެއް ނޭޅިއެވެ. މުޅިއަހަރު ދިޔައީ އެގޮތުގައެވެ. ބަހާރުމޫސުން ފެށުމާއެކު ޔަހޫދީކަލޭގެ ދަރަނި އަނބުރާދައްކަން ބާރުއަޅަން ފަށައިފިއެވެ. އެފަހަރުވެސް ކަދުރުއެޅީ ވަރަށް މަދުންނެވެ. އަހަރެން ދެންއަންނަ މޫސުން އަންނަންދެން މުހުލަތުދިނުންއެދި ވާހަކަދެއްކީމެވެ. އެކަމަކު ޔަހޫދީކަލޭގެ އެކަން ގަބޫލެއް ނުކުރިއެވެ. އަހަރެން ގޮތްހުސްވެގެން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި ހުރިހައި ވާހަކައެއް ދަންނަވައިފީމެވެ. ކައުސާހިބާ އެޔަހޫދީކަލޭގެއާ ވާހަކަފުޅުދައްކަވަން ޔަހޫދީކަލޭގެ ގެޔަށް ވަޑައިގެންނެވިއެވެ. އިތުރު ސާހިބާ ވަޑައިގެންނެވީ ޞަޙާބީންގެ ބޭކަލުންކޮޅެއް ގޮވައިގެންނެވެ. އެ ޔަހޫދީކަލޭގެ ގެޔަށްވަޑައިގެން އޭނާއާ ވާހަކަފުޅުދައްކަވައި އަހަންނަށް މުހުލަތެއްދޭން ވިސްނައިދެއްވިއެވެ. އެކަމަކު ޔަހޫދީންގެމީހާ ގަބޫލެއް ނުކުރިއެވެ. އިތުރު ސާހިބާ އަހަރެން ގޮވައިގެން އަހަރެންގެ ކަދުރުދަނޑަށް ވަޑައިގެން ދަނޑުގެ މެދުގައި ހުއްޓިވަޑައިގެން އަހަރެންގެ ގާތުގައި ވިދާޅުވިއެވެ. ކަދުރު ބިންނަންފަށާށެވެ. އަހަރެންގެ މީހުން ކަދުރު ބިންނާން ފަށައިފިއެވެ. މާތް اللّـه ގެ ރަޙުމަތްފުޅާއެކު އިތުރު ސާހިބާގެ ބަރަކާތުން ވަރަށްގިނަ ކަދުރު ބިނދެވިއްޖެއެވެ. ޔަހޫދީކަލޭގެ ދަރަނި އަދާކޮށްފައިވެސް ކަދުރު ބާކީހުއްޓެވެ. (ބުޚާރީ)

ހިތްޕުޅު ހެޔޮކަމާއި ކުލުނުވެރިކަން

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ މާތް ނަންފުޅު ތާރީޚުގައި ފާހަގަވެފައިވަނީ އެންމެ ހިތްޕުޅުމަޑު އެންމެ ހިތްޕުޅުހެޔޮ އެންމެ ކުލުނުވެރި މާތް ސާހިބާގެ ހައިސިއްޔަތުންނެވެ. އަރަހުށި މާތް اللّـه އެމާތް ސާހިބާ ފޮނުއްވީ ޢާލަމްތަކަށް ރަޙުމަތެއް ކަމުގައެވެ. އެމާތް
ސާހިބާގެ މުޅިއުމުރުފުޅު ހޭދަކުރެއްވީ މީސްތަކުންނަށް ހަމްދަރުދީވެވަޑައިގެންނެވުމުގައެވެ. ހެޔޮއެދިވަޑައިގެންނެވުމުގައެވެ. އިތުރު ސާހިބާ ވިދާޅުވެފައިވެއެވެ. "މަޚުލޫޤުންނަކީ اللّـه ގެ ޢާއިލާއެވެ. އެކަލާނގެ ޢާއިލާއާމެދު ރިވެތި ޚުލުޤުން އަޚުލާޤު ބަހައްޓާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ." (އަޙްމަދު) "ބިމުގެ އަހުލުވެރީންނަށް ރަޙުމުކުރާށެވެ. ޢަރުޝީގައި ވޮޑިގެންވާ اللّـه ތިބާގެމައްޗަށް އޯގާވަންތަވެވޮޑިގަންނަވާނެއެވެ." (އަބޫދާއޫދު) "އިންސާނުންގެ މައްޗަށް ރަޙުމުވެރިނުވާ މީހަކަށް اللّـه ރަޙުމެއް ނުކުރައްވައެވެ." (އަޙްމަދު) ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އެއްދުވަހަކު މީހަކު ދެންނެވިއެވެ. މިވެނި މީހާގެ މައްޗަށް ބަދުދުޢާ ކުރައްވާށެވެ. އިތުރު ސާހިބާ ކޯފާއިސްކުރައްވައި ޙަދީޘްކުރެއްވިއެވެ. "އަހުރެން ދުނިޔެއަށް ފޮނުއްވީ ދުނިޔޭގެ އަހުލުވެރީންގެ މައްޗަށް ލަޢުނަތެއްގެ ގޮތުގައެއް ނޫނެވެ." (އަބޫދާއޫދު)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހަށް އެއްފަހަރަކުއައި ޔަހޫދީއެއް އެކަލޭގެފާނަށް ސަލާމްދެންނެވިއިރު ސަލާމުގެ ލަފުޒު ބަދަލުކޮށްލައިފައި السّــلام عليكم ގެ ބަދަލުގައި ދެންނެވީ السّـام عليكم (ކަލޭގެފާނުގެ މައްޗަށް މަރުހުއްޓެވެ.) މިފަދައިންނެވެ. أمّ المـؤمـنــيـن السّـيّدة عـائـشــة رضى اللّـه عنـهــا ކޯފާއިސްކުރައްވައި އެކަލޭގެއަށް ހަރުކަށިފުޅުކޮށް ޖަވާބުދެއްވިއެވެ. އިތުރު ސާހިބާ އެކަން މަނާކުރައްވައި ވިދާޅުވިއެވެ. "އޭ عـائـشــة އެވެ. ދޫނުބައި ނުކުރައްވާށެވެ. މާތް اللّـه ލޯބިކުރައްވަނީ ކޮންމެކަމެއްގައިވެސް އޯގާވެރިކަމާއި މައިތިރިކަމަށެވެ."

ކައުސާހިބާ صلّــى اللّـه عليـه وسلّـم އޯގާވެރިކަމާއި ރަޙުމުވެރިކަމުގެ މާމެލާމެލި އޮއްސެވީ ހަމައެކަނި އިންސާނުންގެ މައްޗަށް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. އިތުރު ސާހިބާގެ ރަޙުމަތުގެ އާރުންވަނީ ދޫނިސޫފާސޫތްޕާއި ނަޢަމުސޫފިތަކުގެ ހިތްތަކަށްވެސް ފިނިކަން ހޯއްދަވައިދެއްވައިފައެވެ. ألإمـــام بخــارى الأدب المـفــرد ގައި ބަޔާންކުރައްވައިފައިވެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ކުރެއްވި ދަތުރުފުޅެއްގެމަތީގައި ތަނެއްގައި މަޑުކުރެއްވިއެވެ. އެތަނާ ކައިރިހިސާބަކަށް ދޫންޏެއް ބިސްއަޅައިފިއެވެ. ޞަޙާބީންގެ ބޭކަލެއް އެބިސް ނަންގަވައިފިއެވެ. ދޫނި އެކަމާ ކަންބޮޑުވެގެން އެހިސާބުގަނޑުގައި ފިޔަތަޅަތަޅައިފައި ގޮވަމުން އުދުހޭންފަށައިފިއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެމަންޒަރު ފެނިވަޑައިގެންނެވުމުން ސުވާލުކުރެއްވިއެވެ. "އެ ދޫންޏަށް ގޯނާކުރީ ކާކުހެއްޔެވެ؟" ބިސްތައް ނެންގެވި ޞަޙާބީ އެވާހަކަ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. "އެދޫނީގެ ބިސްތައް އެހުރިތާނގައި ބަހައްޓަވާށެވެ."

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އެއްފަހަރަކު އަންޞާރިއްޔަބޭކަލެއްގެ ބަގީޗާއަކަށް ވެދެވަޑައިގެންނެވިއިރު އެބަގީޗާގެ އެއްފަރާތެއްގައި ވަރަށްހިކި އަނަރޫފަ ޖަމަލެއް އޮތެވެ. އެޖަމަލު އިތުރު ސާހިބާ ފެނުމާއެކު މޮޅިވެރިގޮތަކަށް ގޮވާންފަށައިފިއެވެ. އިތުރު ސާހިބާ އެޖަމަލުގެ ކައިރިޔަށް ވަޑައިގެން ނުހަނު އޯގާވެރިކަމާއެކު އެސޮރުގެ ގައިގައި ލޯބިފުޅުން ފިރުންމަވައިލެއްވިއެވެ. އެއަށްފަހު އެއީ ކާކުގެ ޖަމަލެއްތޯ ސުވާލުކުރެއްވިއެވެ. ޞަޙާބީން އެއީ މިވެނި މީހެއްގެ ޖަމަލެކޭ ދެންނެވުމުން އޭނާ ބަލައިފޮނުއްވައިގެން ގެންނަވައި ޙަދީޘްކުރެއްވިއެވެ. "މި ސޫފީގެ މައްސަލައިގައި މާތް اللّـه އަށް ބިރުވެތިވާށެވެ." (އަބޫދާއޫދު)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހަށް ޒިޔާރަތްކުރައްވާ ޞަޙާބީން ސަވާރުވެވަޑައިގެން ވަޑައިގަންނަވާ އަސްތަކާއި ޖަމަލުފަދަ ސޫފިތަކަށް ވަރަށް ފަރުވާތެރިވެވަޑައިގެން ބައްލަވައެވެ. އެއިން ސޫތްޕެއް އާދަޔާޚިލާފަށް އަނަރޫފަވެފައިވާނަމަ ނުވަތަ ވަރުބަލިވެފައިވާނަމަ އެކަމާ ސުވާލުކުރައްވައެވެ. އެކަމުގައި އެ ޞަޙާބީއެއްގެ ޒިންމާއެއް އޮތްކަމުގައިވާނަމަ އެކަމާ ހިތްޕުޅާ ހަމަނުކުރައްވާކަން ފާޅުކުރައްވައެވެ. ސޫފިތަކުގެ ޙައްޤު އަދާކުރައްވަން ޞަޙާބީންނަށް އަންގަވައެވެ.

ސޫފިތައް ކަތިލާއިރުވެސް އިންތިހާޔަށް އޯގާވެރިވުމަށްވަނީ އަމުރު ކުރައްވައިފައެވެ. ވީހައިވެސް ވޭން ކުޑަވާނެގޮތަކަށް ކަތިލަންވަނީ އަންގަވައިފައެވެ. އެއް ސޫތްޕެއްގެ ކުރިމަތީގައި އަނެއް ސޫތްޕެއް ކަތިލުން ވަނީ މަނާކުރައްވައިފައެވެ.

އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އިރުޝާދު ދެއްވައިފައިވެއެވެ. "އަރަހުށި މާތް اللّـه ވަނީ ކޮންމެއެއްޗަކަށްވެސް އިޙުސާންތެރިވުމަށް ލިޔުއްވައިފައެވެ. ތިޔަބައިމީހުން އެއްޗެއް ޤަތުލުކުރި ކަމުގައިވިޔަސް އެއެއްޗަކަށްވެސް އިޙުސާންތެރިވާށެވެ. އެއްޗެއް ކަތިލާނަމަވެސް ރަނގަޅުގޮތުގައި ކަތިލާށެވެ. ކަތިލާ ވަޅި ތޫނުކުރުމަށްފަހު ކަތިލާއެއްޗަކަށް ވީހައިވެސް ތަކުލީފު ނުލިބޭގޮތަށް ކަތިލާށެވެ." (މުސްލިމު)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަނީ ދޫނިސޫފާސޫފީގެ ޙައްޤުތައްވެސް ބަޔާންކޮށްދެއްވައިފައެވެ. ދޫނިސޫފާސޫތްޕަށް ގެއްލުންދިނުމާއި، އެތަކެތި ބަންދުކުރުން ވަނީ މަނާކުރައްވައިފައެވެ. އިތުރު ސާހިބާ އިރުޝާދު ދެއްވައިފައިވެއެވެ. ހުއްދަނޫން ގޮތެއްގައި އެންމެ ދޫންޏެއް މަރައިލިކަމުގައިވިޔަސް މާތް اللّـه ގެ ޙަޟުރަތުގައި ޖަވާބުދާރީވުމަކުން މިންޖެއް ނުވެވޭނެއެވެ. (މިރޮނގުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅު ބޭފުޅުން އަޅުގަނޑު ލިޔެފައިވާ ފޮތެއްކަމުގައިވާ "ނަބަވީ ސީރަތާއި މިޒަމާނުގެ މައްސަލަތައް" މިފޮތް ބެއްލެވުން އެދެމެވެ.)

އާދޭހެވެ. ނިންމައިލަން ހިފަމުންވެސް ދަންނަވަމެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަކީ އަރަހުށި މާތް اللّـه އިންސާނުންނަށްޓަކައި ލައްވައިފައިވާ އެންމެ ރީތި ނަމޫނާއެވެ. އެމާތް ސާހިބާ ވަނީ އެންމެ ރީތި އެންމެ މާތް ޚުލުޤުފުޅުގެ މަތީގައެވެ. އެމާތް ސާހިބާ ދެއްކެވި މަތިވެރި ނަމޫނާގެ ސަބަބުން އިންސާނިއްޔަތުވަނީ މުޅީން ބަދަލުވެފައެވެ. އެމާތް ސާހިބާގެ ތޭވީސްއަހަރުގެ ބުރަ މަސައްކަތްޕުޅުން ޖަޒީރަތުލްޢަރަބު ވަނީ މުޅީން ބަދަލުކޮށްލައްވައިފައެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ނުބުއްވަތުގެ މަތިވެރި މަގާމަށް އާނާންދަވެވޮޑިގެންނެވުމުގެ ކުރީން ޢަރަބީންނަކީ ދުނިޔޭގައިވާ އެންމެ ނާތަހުޒީބު އެންމެ ޖާހިލު ޤައުމެވެ. އެބައިމީހުންގެ ތެރޭގައިވަނީ މަގުފޭރުމާއި އަންހެންދަރީން ދިރިތިއްބައި ވަޅުލައި މެރުން އާންމުވެފައެވެ. އެމީހުންނަކީ ރޯމާދުވާލު އަނެކުންގެ ޙައްޤުތައް ފޭރޭމީހުންނެވެ. އެކަމަކު އިތުރު ސާހިބާގެ އިޞްލާޙީ މަސައްކަތްޕުޅަށްފަހު އެއީ ދުނިޔޭގައިއޮތް އެންމެ ތަހުޒީބު ޤައުމެވެ. އެންމެ ތަޢުލީމުޔާފިތާ ޤައުމެވެ. އެއީ އެންމެ އަޚުލާޤު ރަނގަޅު މީހުންނެވެ. ޚުލުޤުހެޔޮ މީހުންނެވެ. އެންމެ ޒަމާނީ ޚިޔާލުގެ އެންމެ ޞުލްޙަމަސަލަސްކަމަށް ލޯބިކުރާ މީހުންނެވެ. އެއީ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާ އަދި އެޙައްޤުތަކުގެ ފާރަވެރީންނެވެ. (މުޙައްމަދު ޝިއުޘު އިދުރީސް ތައިމީ)

ތިރީގައިމިވަނީ ކައުސާހިބާގެ ރީތި ސީރަތާއި ހެޔޮ ޚުލުޤުފުޅުގެ ހިޔާވަހިކަމުގައި ތަރުބިޔަތުވި ޤައުމު އާންމު މަލަމަތި ބަދަލުވެފައިވާގޮތުގެ މިސާލެކެވެ. އާދެ، أميـرالمـؤمـنــيـن أبــوبكرالصّـدّيــق رضى اللّـه عـنــه މުސްލިމުންގެ ޚަލީފާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު عمـر الفــاروق رضى اللّـه عنــه އަށް މަދީނާގެ ޤާޟީކަން ދެއްވިއެވެ. އޭގެ އެއްއަހަރު ފަހުން عمـرގެފާނު ޚިލާފަތުގެ ދަރުބާރަށް ހާޒިރުވެވަޑައިގެން އިސްތިޢުފާ ހުށަހެޅުއްވިއެވެ. أميـرالمـؤمـنــيـن ވިދާޅުވެއެވެ. "އޭ الخطّــاب ގެ ދަރިކަލުންނޭވެ. ކަލޭގެފާނަށް އޮބެހެއްޓެވޭ ވަރަށްވުރެ ޤާޟީކަމުގެ މަސައްކަތްޕުޅު މާބުރަވަނީތޯއެވެ؟" عمـرގެފާނު ޖަވާބު ދެއްވިއެވެ. "އޭ أميـرالمـؤمـنــيـن އެވެ. ކަންތައްހުރީ ތިޔަވިދާޅުވި ގޮތަކަށެއްނޫނެވެ. ވޭތުވެދިޔަ އެއްއަހަރުގެ ތެރޭގައި އަޅުގަނޑުގެގާތަށް އެންމެ މައްސަލައެއްވެސް ހުށައެއް ނޭޅެއެވެ. ޤާޟީއެއްގެ މަގާމަކީ މިފަދަ މުޖުތަމަޢަކަށް އެއްގޮތަކަށްވެސް ބޭނުން މަގާމެއް ނޫނެވެ. މި މުޖުތަމަޢުގެ ކޮންމެ ފަރުދެއްވެސް ތިމާގެ ޙައްޤު ދަނެއެވެ. އެއަށްވުރެ އިތުރަށް ހޯދާކަށެއް ނުއުޅެއެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ވާޖިބު އެނގެއެވެ. އެކަންކަން އަދާކުރުމުގައި ބަލިބުރަކަމެއް ނުދައްކައެވެ. ފޫހިކަމެއް ނުގެންގުޅެއެވެ. ފަރުވާކުޑައެއް ނުކުރެއެވެ. މި މުޖުތަމަޢުގެ ކޮންމެ ފަރުދަކުވެސް ޚުދު ތިމާއަށްވެސް އެކަންކަން ބޭނުންވާ ކަންކަން ތިމާގެ އަޚުންނަށް ލިބުން އެދެއެވެ. މިތާނގެ ކޮންމެ މީހަކުވެސް ތިމާގެ އަޚާއާ ބައްދަލުނުވެ ދުވަސްކޮޅެއް ފާއިތުވެއްޖެނަމަ އޭނާ ހޯދައި ހާލުއަހުވާލު ބަލައި އުޅެއެވެ. އެކަކު ބައްޔެއްވެއްޖެނަމަ އެހެންމީހުން އޭނާގެ ބަލިހާލުބަލައި ހޭހަންކުރެއެވެ. އެކެއްގެ އަތްމަތި ދަތިވެއްޖެނަމަ އެހެންމީހުން އޭނާއަށް އެހީތެރިވެއެވެ. އޭނާގެ މުހުތާދުތައް ފުއްދައިދެއެވެ. އެކަކަށް މުސީބަތެއް ޖެހިއްޖެނަމަ އެންމެން އޭނާއަށް އެހީތެރިވެ އަތްބާރު އަޅައިދެއެވެ. އެންމެންގެވެސް ދީން ބިނާވެފައިވަނީ އަނެކުންނަށް ހެޔޮއެދުމުގެ މައްޗަށެވެ. އެންމެންގެވެސް އަޚުލާޤަކީ ހެޔޮކަންކަމަށް އަމުރުކުރުމެވެ. މުންކަރާތުތައް ނަހީކުރުމެވެ. ކޮންމެމީހަކީވެސް އޭގެ ޢަމަލީ ތަފްސީރެކެވެ. އެހެންވީއިރު އެފަދަ ބަޔެއްގެތެރޭގައި އޮންނާނީ ކޮން އަރައިރުމެއްތޯއެވެ؟ ކޮން ދެކޮޅުވެރިކަމެއްތޯއެވެ؟ އެފަދަ ބަޔެއްގެ ތެރޭގައި ބަހައްޓަވަންވީ ކޮން ޤާޟީއެއްތޯއެވެ؟ (ޢިއްދަތުލް މުސްލިމީން)

އާދެ މިއަދު އަނެއްކާވެސް އިންސާނުންގެ ތެރެޔަށް ބޭނުންވެފައިވަނީ ނަބަވީ ސީރަތު އާންމުކުރާށެވެ. މިޒަމާނުގެ ދުނިޔެ މާއްދީ ތަރައްޤީއާއެކު ރޫޙާނީ އަދި އަޚުލާޤީ ތަރައްޤީ ބޭނުންކަމުގައިވާނަމައެވެ. ޞުލްޙަމަސަލަސްކަމާއެކު އަމާންކަމުގައި ދިރިއުޅެން ބޭނުންކަމުގައިވާނަމައެވެ. އެންމެންވެސް ލޮބުވެތި ސާހިބާގެ އުސްވަތާމެދު ބަލަންވީ ތިމާގެ ލޮލުގައިއަޅާ އަނދުންކަމުގައެވެ. ޝައްކެއްނެތެވެ. މިއަދުގެ ދުނިޔެ ކުރިމަތިލާންޖެހިފައިވާ ކޮންމެ ތުރާލެއްގެވެސް ޙައްލު، ނަބަވީ ސީރަތުން ފެންނާން އެބައޮތެވެ. ކޮންމެ ޒަމާނެއްގައިވެސް އިންސާނުންވަނީ ނަބަވީ ސީރަތުގެ ރީތި ނަމޫނާއަށް ބޭނުންވެފައެވެ.

(ނިމުނީ)