ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކާ ދެކޮޅަށް ޔޫރަޕުގައި ހިންގާ ހަމަނުޖެހުންތައް އިތުރުވަމުން އެބަދެއެވެ.
ބެލްޖިއަމްގެ ބްރަސެލްސްގައި އާދިއްތަ ދުވަހު ސުލްހަވެރިވެރިކޮށް ކުރިއަށް ގެންދަން ފެށި މުޒާހަރާގައި ހަމަނުޖެހުން ހިނގައި ފުލުހުން ވަނީ މުޒާހަރާ ރޫޅައިލުމަށް ފެނާއި ކަރުނަ ގޭސް ބޭނުން ކޮށްފައެވެ. ހަމަނުޖެހުން ހިނގަން މެދުވެރިވީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ފުލުހުންނާ ދިމާލަށް އެއްޗެތި އުކަން ފެށި ހިސާބުން ކަމުގައި އެތަނުގައި ހަރަކާތްތެރިވި އޭއެފްޕީގެ ފޮޓޯގުރާފަރަކު އެ ނޫހަށް ވަނީ މައުލޫމާތު ދީފައެވެ.
އޭއެފްޕީ އިން މައުލޫމާތު ދީފައިވާގޮތުގައި މި ހަމަނުޖެހުމުގައި ފުލުހުންގެ ދެ މީހަކަށް ވަނީ އަނިޔާވެފައެވެ. ބެލްޖިއަމްގައި ކޮވިޑުން ރައްކާތެރިކުރުމުގެ ގޮތުން ސަރުކާރުން ފިޔަވަޅުތައް ވަރުގަދަ ކޮށް ބުދަ ދުވަހު އިއުލާނު ކުރުމާއެކު ކުރިއަށް ގެންދިޔަ މުޒާހަރާގައި 35،000 މީހުން ވަނީ ބައިވެރިވެފައެވެ.
އެގައުމުގައި ކޮވިޑު ފާހާއެކު ރެސްޓޯރަންޓުތަކަށް ވަންނަ މީހުން މާސްކު އަޅަން ޖެހޭ ގޮތަށް އުސޫލުތައް އެކުލަވާލާފައިވާއިރު ވަޒީފާ އަދާކުރާ މުވައްޒަފުން ޑިސެމްބަރުމަހުގެ މެދާއި ހަމައަށް ހަފުތާގެ ހަތަރު ދުވަހު ގެއިން މަސައްކަތް ކުރާ ގޮތަށް ވަނީ ބަދަލު ގެނެވިފައެވެ. މީގެ އިތުރުން ހެލްތު ވޯކަރުން ވެކްސިން ޖެހުން މަޖުބޫރު ކުރާ ގޮތަށް އުސޫލުތައް އަންނަނީ އެކުލަވައިލަމުންނެވެ
ނެދަލޭންޑުގައި ފުރަބަންދުކޮށް ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު ވެކްސިން ނުޖަހާ މީހުންނަށް ރެސްޓޯރަންޓުތަކަށާއި ބާ ތަކަށް ވަނުން ވަނީ މަނާކޮށްފައެވެ. މިކަންތައްތަކާ ދެކޮޅަށް ހޮނިހިރުދުވަހު ހޭގް ގައި ކުރިއަށް ދިޔަ މުޒާހަރާގައި ފުލުހުންނާ ދިމާލަށް ބަޑިބޭސް އުކައި ބައިސްކަލުތަކުގައި ރޯކޮށް ހެދުމުން ފުލުހުން ވަނީ މުޒާހަރާ ކޮންޓްރޯލު ކުރަން ބަޑިވެސް ޖަހާފައެވެ.
ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ވަރުގަދަކުރުމާ ދެކޮޅަށް އެތައް ހާސް ބަޔަކު ވަނީ އޮސްޓްރިއާ، ކްރޮއޭޝިއާ އަދި އިޓަލީގައިވެސް މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.
މީގެކުރިން ޑަބްލިއުއެޗްއޯ އިން ވަނީ ޔޫރަޕުގައި ކޮވިޑުގެ ހާލަތު ގޯސްވަމުން ދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ރީޖަނަލް ޑިރެކްޓަރު ޑރ. ހާންސް ކްލޫގަ ވަނީ ކޮވިޑުގެ ހާލަތު ކޮންޓުރޯލު ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ނުކޮށްފިނަމަ ބައި މިލިއަނެއްހައި މީހުން މިބަލީގައި މަރުވެދާނެކަމުގެ އިންޒާރު ދެއްވައިފައެވެ.
ނެދަލޭންޑުގައި ހަރުކަށިކޮށްފައިވާ ފިޔަވަޅުތަކާ ދެކޮޅަށް ހިންގާ މުޒާހަރާތައް ދެވަނަ ދުވަހަށް ދެމިގެންގޮސް ހޮނިހިރު ދުވަހު އެގައުމުގެ ސިޓީތަކާއި ޓައުން ތަކުގައި ވަނީ ހަމަނުޖެހުންތައް އިތުރު ވެފައެވެ. ހޭގް ގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން ކުއްލި ހާލަތު އިއުލާނު ކޮށް ފުލުހުން ވަނީ 7 މީހަކު ހައްޔަރުކޮށްފައެވެ. ފުލުހުން ޓުވިޓާ މެދުވެރިކޮށް މައުލޫމާތު ދިން ގޮތުގައި މުޒާހަރާގެ ބައިވެރިޔަކު އެއްލި ގާބުރިއަކުން ވަނީ ބަލިމީހަކު އުފުލަމުން ދިޔަ އެމްބިއުލާންސުގެ ބިއްލޫރިގަނޑު ތަޅާލައިފައެވެ. މި ހަމަނުޖެހުންތަކުގައި 5 ފުލުހަކަށް އަނިޔާވެ، އެކެއްގެ ކަކުލަށް ލިބުނު އަނިޔާގައި އެމްބިއުލާންސުގައިވަނީ ފަރުވާއަށް ގެންދެވިފައެވެ.
ނެދަލެންޑުގެ އިތުރު ސަރަހައްދެއްގައި ކުރިއަށްދިޔަ ފުޓުބޯޅަ މުބާރާތެއްވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވުމުގެ ސަބަބުން ހުއްޓާލަން ޖެހިފައެވެ. ކޮވިޑުން ރައްކާތެރިވުމަށް ހަރުކަށި ކޮށްފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ސްޓޭޑިއަމްތަކަށް ވަނުން މަނާކުރެވިފައި ވަނިކޮށް ސަޕޯޓަރުންވަނީ ސްޓޭޑިއަމަށް ވަދެ ދަނޑުމައްޗަށް އަރާފައެވެ.
ނެދަލެންޑުގައި ކޮވިޑުގެ އަދަދުތައް މައްޗަށް ދިއުމާއި ތިން ހަފުތާގެ މުއްދަތަށް ބައެއް ސަރަހައްދުތައް ފުރަބަންދު ކޮށް، ރެސްޓޯރަންޓުތަކާއި ބާ ތައް 20.00 ގައި ބަންދުކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުޅިވަރު އިވެންޓުތައް ބެލުމަށް މީހުންނަށް ނުވަދެވޭ ގޮތަށްވެސް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.
ކްރޮއޭޝިއާގެ ވެރިރަށް ޒަގްރެބްގައި ވަނީ ޕަބްލިކް ސެކްޓަރުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ޖެހުން މަޖުބޫރުކޮށްފައިވާތީ އެކަމާ ދެކޮޅަށް މުޒާހަރާކޮށްފައެވެ.
އިޓަލީގައި ވަޒީފާއަށާއި ރެސްޓޯރަންޓުތައް އަދި ޕަބްލިކް ޓްރާންސްޕޯޓު ހިދުމަތް ހޯދުމަށް ''ގްރީން ޕާސް'' ބޭނުން ކުރަން އޮންނަ އުސޫލާ ދެކޮޅަށް ވަނީ މުޒާހަރާކޮށްފައެވެ.
ފްރާންސްގެ ސަރުކާރުން ވަނީ އެ ގައުމުގެ ބެލުމުގެ ދަށުގައި ކެރިބީއަންގައި އޮންނަ ގްވާޑަލޫޕުގައި ހިނގަމުން އަންނަ ހަމަނުޖެހުންތައް ކޮންޓުރޯލު ކުރުމަށް ފުލުހުންގެ ޓީމެއް ފޮނުވާފައެވެ. ފުރާންސުން އެކުލަވައިލައިފައިވާ ކޮވިޑު ފާހާ ދެކޮޅަށް ހިންގަމުންދިޔަ މުޒާހަރާތައް ވަނީ ކޮންޓްރޯލުން ނެއްޓި ހަމަނުޖެހުންތައް ބޮޑުވެފައެވެ.