މުނިފޫހިފިލުވުން

އަނޫޕަމާގެ މަންމަގެ ބައި ކުޅެމުން އައި މަދަވީ ކޮވިޑް ޖެހިގެން މަރުވެއްޖެ

އިންޑިއާގެ މަގުބޫލު ޓީވީ ސީރީސް ''އަނޫޕަމާ'' ޑްރާމާގައި އަނޫޕަމާގެ މަންމަގެ ބައި ކުޅެމުން އައި މަދަވީ ގޮގާޓޭ ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

ކޮވިޑު ޖެހިގެން މީގެ ދުވަސްކޮޅެއް ކުރިން ހޮސްޕިޓަލުގައި އެނދުމަތި ކުރެވި ފަރުވާ ދެމުން އަންނަނިކޮށް އުމުރުން 58 އަހަރުގައި މަދަވީ މަރުވެފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މަދަވީ މަރުވުމާ ގުޅިގެން އަނޫޕަމާގެ ކެރެކްޓާ ކުޅެމުން އަންނަ ރުޕާލީ ގަންގުލީ ވަނީ އެކަމާ ހިތާމަ ފާޅުކޮށް އިންސްޓަގްރާމު ޕޯސްޓެއް ކޮށްފައެވެ. ރުޕާލީގެ އިތުރުން ގިނަ ބަޔަކު އަންނަނީ އޭނާއަށް ތައުޒިޔާ ކިޔައި ޕޯސްޓުތައް ކުރަމުންނެވެ.

މަދަވީއަށް ކޮވިޑް ޖެހިގެން ހާލު ބޮޑުވެ ފަރުވާ ހޯދަމުން ދިޔައީ މުމްބާއީގެ ސެވެން ހިލްސް ހޮސްޕިޓަލުގައެވެ. އޭނާގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމުގެ ހަބަރުތަކެއް އުޅުނު ނަމަވެސް ހާލަތު އިތުރަށް ގޯސްވެ މަރުވީ އިއްޔެ މެންދުރެއްހާއިރު އެވެ.

މަދަވީ މަޝްހޫރުކަން ހޯދާފައިވަނީ މަރާތީ ފިލްމު ''ގަންޗަކަރް'' އިންނެވެ. އޭނާގެ ފާހަގަކޮށްލެވޭ ޑްރާމާތަކުގެ ތެރޭގައި ''ބްރަމަޗާރާ ބޮޕާލާ'' ''ގޭލާ މާދަވް ކުނިކަޑެ'' ހިމެނެއެވެ. މަދަވީ ވަނީ ވަރަށްފަހުން މަރާތީ ޓީވީ ޑުރާމާ ''ތުޒާ މާޒާ ޖަމްތޭ'' ގައި ހަރަކާތްތެރިވާން ފަށާފައެވެ.

މަދަވީ ކުޅެފައިވާ މަގުބޫލު ހިންދީ ޓީވީ ޝޯ ތަކުގެ ތެރޭގައި ''ކޮއި އަޕްނާ ސާ'' ''އެއިސާ ކަބީ ސޯޗާ ނަ ތާ'' ''ކަހީން ތޯ ހޯ ގާ'' ފަދަ އެތައް ސީރީސް އެއް ހިމެނެއެވެ.