ޚަބަރު

އެލާޖިކުވެ އިންޖެކްޝަން ދިން ގޮތުން ހާލު ގޯސްވި މަރީގެ މައްސަލައިގައި ފިޔަވަޅު އަޅައިފި

ކްރީމްޖެހި ބަނަހެއް ކޭ ފަހުން އެލާޖިކުވެގެން އައިޖީއެމްއެޗަށް ގެންދިޔަ ޒުވާނާއަށް އިންޖެކްޝަނެއް ނުބައިކޮށް ދިން މައްސަލައިގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންނަށް ފިޔަވަޅު އަޅައިފިއެވެ.

މަރިޔަމް ޒައީމާ، (މަރީ) ކެންޓީނުން ކެއި ބަހަނަކަށް އެލާޖިކު ވެގެން އައިޖީއެމްއެޗަށް ގެންދިޔައީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުއެވެ. ޑޮކްޓަރުންނާ ހަވާލަދީ އާއިލާއިން ބުނެފައިވަނީ މަރީ އެލާޖިކުވީ ކޭ ބަނަހުގައި ޕީނަޓު ބަޓަރު ހުރުމުގެ ސަބަބުން ކަމަށެވެ. އަދި މަރީގެ ހާލު ބޮޑުވެ، އިމަޖެންސީގައި ފަރުވާދީފައިވާ އިރު، އޭނާގެ ހާލު ބޮޑުވީ އައިޖީއެމްއެޗުން ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އާއިލާގެ ފަރާތުން އެދިގެން އައިޖީއެމްއެޗް ހޮސްޕިޓަލުން ވަނީ އެ މައްސަލައިގެ ތަހުގީގެއް ކުރިއަށް ގެންގޮސްފައެވެ. ތަހުގީގަށް ފަހު މިދިޔަ ޖުލައި މަހު އާއިލާއަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިމަޖެންސީގައި މަރީއަށް ފަރުވާ ދިން އިރު، އެލާޖިކުވުމުން އާންމުކޮށް ދީ އުޅޭ އިންޖެކްޝަނެއް ކަމަށްވާ ހައިޑްރޯކޯޓިސޯން ދީފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ރަނގަޅު ނުވުމުން އެލާޖިކުވުމުން ދޭ އެހެން އިންޖެކްޝަނެއް ކަމަށްވާ އެޑްރެނަލިން ދީފައިވާ ކަމަށެވެ. ނަމަވެސް އެޑްރެނަލިން ދީފައިވަނީ އުސޫލާ ހިލާފަށް ކަމަށް އައިޖީއެމްއެޗްގެ ސިޓީގައިވެއެވެ.

އެލާޖިކުވެ ފުރާނާއަށް ނުރައްކާވާ ހާލަތްތަކުގައި އެޑްރެނަލިން ދޭން އޮންނަ އުސޫލަކީ މަސްގަނޑުގެ އެތެރެއަށް އިންޖެކްޝަން ޖަހައި، ކަނޑައެޅިފައިވާ މިންވަރަކަށް ޑައިލިއުޓްކޮށްގެން ސްލޯ އިންފިއުޝަނެއް ގޮތަށް އައިވީ ގުޅައިގެންނެވެ.

އައިޖީއެމްއެޗުން ބުނީ އެ އިންޖެކްޝަން ޖެހުމުން މަރީގެ ހިތް ހުއްޓުނު ކަމަށާއި ނަމަވެސް އެކަން ޑޮކްޓަރުން އާއިލާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި ޕޭޝަންޓަކަށް ފަރުވާދިނުމުގައި ގޯސްކޮށް ކަމެއް ހިނގައިފި ނަމަ އެކަމެއް އާއިލާއަށް އެންގުމަކީ ފަރުވާދޭ ޑޮކްޓަރުގެ ޒިންމާއެއް ނަމަވެސް އެކަން އަދާކޮށްފައި ނުވާ ކަމަށް ވެސް ސިޓީގައިވެއެވެ.

އައިޖީއެމްއެޗުން މިއަދު "ވަން" އަށް ބުނީ މި މައްސަލައާ ގުޅިގެން އެންމެ މަތީ ދަރަޖައިގެން ކުށެއްގެ ގޮތުގައި ކަނޑައަޅައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފުސީލު ހާމަކޮށްފައެއް ނުވެއެވެ. އެއީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމުގައި ވަކި ގަވާއިދުތަކެއް ހުންނާތީ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

މަރީގެ ކޮއްކޮ އައިޝަތު ޒައީމާ މީގެ ކުރިން "ވަން" އަށް ކިޔައިދިން ގޮތުގައި އޭނާގެ ދައްތަ ބަނޑުހައިވެގެން ގޮސް ކެއީ ކުރީމް ޖެހި ބަނަހެއް ކަމަށާއި އެ ކެއި ފަހުން އެލާޖިކުވެ، ގައި ކަހައި ނޭވާލާން އުނދަގޫވި ކަމަށެވެ. ހޮސްޕިޓަލުގެ އިމަޖެންސީއަށް މަރީ ދިޔައީ އަމިއްލައަށް ހިނގާފައި ކަމަށާއި ނަމަވެސް އިންޖެކްޝަނެއް ޖެހިތަނުން ހިތް ހުއްޓުނު ކަމަށެވެ. އަދި ހުއްޓުނުތާ 30 މިނިޓު ފަހުން އަލުން ވިންދު ޖަހަން ފެށި ކަމަށާއި އޭގެ ފަހުން ވެންޓިލޭޓަރަށް ލައިގެން ވަގުތުން އައިސީޔޫއަށް ގެންދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.

އައިސީޔޫގައި މަރީއަށް ފަރުވާ ދެމުން އަންނަތާ ފަސް ވަނައަށްވީ ދުވަހު އޭނާގެ ހާލަތު ކުޑަކޮށް ރަނގަޅުވުމުން ސީޓީ ސްކޭނެއް ހެދި ކަމަށާއި އޭނާގެ ސިކުނޑި ދުޅަވަމުން އަންނަކަން އެ ސްކޭނުން އެނގުނު ކަމަށެވެ. އޭގެ ތިން ހަފުތާއަށްފަހު ވޯޑަށް ބަދަލުކުރި ނަމަވެސް ހާލަތަށް ހެޔޮ ބަދަލެއް ނައި ކަމަށާއި އެހެންކަމުން އާސަންދައިގެ އެހީއާއެކު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔަ ކަމަށް ބުންޏެވެ.

މަރީ މިހާރު ފަރުވާ ހޯދަމުން އަންނަނީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައެވެ. އޭނާ އެ ހޮސްޕިޓަލަށް ގެންދިޔައީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

ޒައީމާ ބުނީ އަމްރިތާއަށް ގެންދިޔަ ފަހުން ހެދި ސްކޭނުންނާއި ޓެސްޓުތަކުން ސިކުނޑީގައި ފެން އުފެދިފައި ހުރިކަން އެނގުމުން އެ އެއްޗިހި ބޭރު ކުރުމަށްޓަކައި އޮޕަރޭޝަންތަކެއް ކުރަން ޖެހުނު ކަމަށެވެ. މި އޮޕަރޭޝަންތައް ކުރަން ޖެހުމުންވެސް އެންމެ ބޮޑަށް ދިމާވި ގޮންޖެހުމަކީ ގިނަ ބޭސްތަކާއި އިންޖެކްޝަންތަކަށް އެލާޖިކުވުން ކަމަށް އޭނާ ބުންޏެވެ.

އަމްރިތާގައި މަރީއަށް ފިޒިއޯތެރަޕީ އާއި އޮކްސިޖަން ތެރަޕީ މިހާރު އަންނަނީ ދެމުންނެވެ. އޮކްސިޖަން ތެރަޕީގައި 40 ސެޝަން ހިމެނެއެވެ. އޭގެ ބާކީ 10 ސެޝަން އޮތްއިރު، ރޯގާ ނުވަތަ އިންފެކްޝަނެއް ޖެހުނަސް މަރީ ރަނގަޅުވާން ވަރަށް ގިނަ ދުވަސް ނަގާތީ އާއި ގިނަ އެންޓިބަޔޮޓިކަށް ވެސް އެލާޖިކު ވާތީ މިކަހަލަ އިތުރު ފަރުވާތައް ދޭން އުނދަގޫވާ ކަމަށް އައިޝާ ބުންޏެވެ.

އައިޝާ ބުނީ މި ސެޝަންތަކާއި ބޭސްތަކަށްފަހު މަޑުމަޑުން ހާލަތު ރަނގަޅުވާން ފަށާފައިވާ ކަމަށާއި އެގޮތުން މިހާރު ގައިގައި އަތްލުމުން ސިއްސައިގެން ދިޔުން ފަދަ ކަންކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ކައިރީގައި ތިބޭ މީހުން ދައްކާ ވާހަކަ މަރީއަށް އަޑު އިވޭނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އެކަމަކު ލިބިފައިވާ ގެއްލުމުގެ ސަބަބުން އަދި ރެސްޕޮންޑް ކުރަން އުނދަގޫވާ ކަމަށް ބުނެފައިވާ ކަމަށް ވެސް ބުންޏެވެ.

އާއިލާއިން ވަނީ މި މައްސަލަ ކޯޓަށާއި ކަމާގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ނިންމައިފައެވެ.