ޚަބަރު

ށ.ފޭދޫ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމުމަކާ ގާތަށް

އައިޝަތު ނިއުޝާ

ށ ފޭދޫ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ނިމުމަކާގާތަށް ހިނގައްޖެ އެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން މިއަދު ބުނީ ފޭދޫ ބަނދަރު ބޭސިން ފުންކުރުމުގެ 98 ޕަސެންޓް މަސައްކަތް މިހާރު ނިންމާލެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 27,500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، އަދި 378 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން، 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

އޭގެ އިތުރުން 276 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، އަދި 1,380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމުގެ އިތުރުން، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުންވެސް ހިމެނޭ ކަމަށް އެ ކުންފުނީން ބުނެ އެވެ.

މި މަޝްރޫއަކީ 33.1 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.