މުނިފޫހިފިލުވުން

އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ: އަހަރުގެ ޝަޚުސިއްޔަތުގެ އެވޯޑު ހެމާ އަށް

އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް އޮފް އިންޑިއާ، (އައިއެފްއެފްއައި2021) ގެ އަހަރުގެ އެންމެ މޮޅު ޝަހުސިއްޔަތުގެ އެވޯޑު ހެމާ މާލިނީއަށް ލިބިއްޖެ އެވެ.

52 ވަނަ އައިއެފްއެފްއައި ފިލްމް ފެސްޓިވަލް ކުރިޔަށް ދާނީ އިއްޔެއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގޯއާގަ އެވެ.

މި ހަފުލާ ހުޅުވުމުގެ އިއްޔެ ބާއްވާފައިވަނީ ގޯއާގެ ޕާނާޖީގައި ޑރ. ޝިޔާމާ ޕްރަސާދު މުކެރްޖީ އިންޑޯ ސްޓޭޑިއަމްގަ އެވެ. މި ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތުގައި ސީބީއެފްސީގެ ޗެއާމަން އަދި ލިރިސިސްޓް ޕްރަސޫން ޖޯޝީއަށް ވެސް އިންޑިއަން ފިލްމުގެ ޝަހުސިއްޔަތު އެވޯޑު އެރުވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވި ތަރިންގެ ތެރޭގައި ކަރަން ޖޯހަރު އަދި ސަލްމާން ހާން ހިމެނެއެވެ. މި ފިލްމު ފެސްޓިވަލަކީ އިންޑިއާގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑުކާސްޓިންގެ ދަށުން ހިންގަމުން އަންނަ ޑިރެކްޓޮރޭޓް އޮފް ފިލްމް ފެސްޓިވަލްސް އަދި އެންޓަޓެއިންމަންޓް ސޮސައިޓީ އޮފް ގޯއާ އާ ގުޅިގެން އިންތިޒާމު ކުރަމުން އަންނަ އިވެންޓެކެވެ

މި ފެސްޓިވަލުގައި ދުނިޔޭގެ އެކި ގައުމުތަކުން 300 އަށްވުރެ ގިނަ ފިލްމު ވަނީ ބައިވެރިކޮށްފައެވެ.

އެގޮތުން 73 ގައުމަކުން ހިމަނާފައިވާ 148 ފިލްމެއް އިންޓަނޭޝަނަލް ސެކްޝަނުގައި ބައިވެރިކޮށްފައިވާއިރު އޭގެ ތެރެއިން 12 ވޯލްޑް ޕްރިމިއާ، 7 އިންޓަނޭޝަނަލް ޕްރިމިއާ، 26 އޭޝިއާ ޕްރިމިއާ އަދި 64 އިންޑިއާ ޕްރިމިއާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑުގެ ސަބަބުން މިއަހަރުގެ އައިއެފްއެފްއައި ފެސްޓިވަލް އިންތިޒާމުކުރެވިފައިވަނީ ބައިވެރިން ބޭނުން ނަމަ ހަފުލާއަށް ހާޒިރުވެގެން އަދި ވާޗުއަލްކޮށް ވެސް ބައިވެރި ވެވޭ ގޮތަށް ހައިބްރިޑްކޮށެވެ.