މިދިޔަ 24 ގަޑިއިރު ތެރޭ 137 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 90,601 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 17 މީހަކާއި އަތޮޅުތެރެއިން 109 މީހަކާއި ރިސޯޓުތަކުން 11 މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 196 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 88،315 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 2،040 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 15 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 248 މީހަކު ވަނީ މަރުވެފައެވެ. އެއީ 231 ދިވެހީންނާއި 17 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.