ލައިފް ސްޓައިލް

އެޕްލިކޭޝަން ޑައުންވެ ޓެސްލާ ކާރު ދުއްވާ މީހުންނަށް ކާރު ބޭނުން ނުކުރެވޭ ގޮތަށް ތަޅުލެވިއްޖެ

އެޕްލިކޭޝަން ޑައުން ވެ ޓެސްލާ ކާރު ދުއްވާ ފަރާތްތަކަށް ކާރު ބޭނުން ނުކުރެވޭ ގޮތަށް ތަޅުލެވިއްޖެއެވެ.

ޓެސްލާ ކާރުގެ ވެރީން ކާރު ބޭނުންކުރުމަށް އަންނަނީ ސްމާޓްފޯން އެޕްލިކޭޝަނެއް ބޭނުން ކުރަމުންނެވެ. ޓެސްލާ އެޕްގެ އެހީގައި ފޯނުން ކާރުގެ ގިނަ ކަންތައްތަކެއް ކޮންޓްރޯލު ކުރުމުގެ ބާރު ކާރު ދުއްވާ ފަރާތްތަކަށް ލިބިދީފައިވާއިރު، މި އެޕްލިކޭޝަން ޑައުން ވެ ކާރުގެ ވެރިންނަށް ވަނީ ކާރަށް ނުވަދެވޭ ގޮތަށް ތަޅުލެވުމުގެ ސަބަބުން އެތައް އިރަކު މަޑުކުރަން ޖެހިފައެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މި މައްސަލަ އެންމެ ފުރަތަމަ ދިމާވި ކަމަށް ބެލެވުނީ ހަމައެކަނި މި ހިދުމަތް ބޭނުން ކުރާ އުތުރު އެމެރިކާގެ ރައްޔިތުންނަށް އެކަންޏެވެ. ނަމަވެސް ސައުތު ކޮރެއާގެ ސޯލްގެ ރައްޔިތަކު ވަނީ ސާވާ އެރާގައި މައްސަލަ އުޅޭ ކަމަށާއި އެކަން ސަމާލުކަމަށް ގެނައުމަށް އިލޮން މަސްކު ޓެގުކޮށް ޓުވީޓު ކޮށްފައެވެ. އޭގެ ޖަވާބުގައި ޖެހިގެން އުޅޭ މައްސަލަ ބަލަމުން އަންނަ ކަމުގައި މަސްކު ވަނީ ބުނެފައެވެ.

މިމައްސަލަ ޖެހިފައިމިވަނީ ޓެސްލާގެ މޯބައިލް އެޕް މިދިޔަ ހަފުތާގައި އަޕްޑޭޓް ކޮށް އާ ފީޗާތަކެއް އިތުރުކޮށްފައިވަނިކޮށެވެ. ޓެސްލާ ސިސްޓަމުތަކުގައި މައްސަލަތަކާ ކުރިމަތިވުމަކީ ނާދިރުކަމެއް ނަމަވެސް މިފަދަ ކުދި ކުދި މައްސަލަތަކާ މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް ދިމާވެފައި އެބަހުރި ކަމަށާއި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައި ކަސްޓަމަރުން ބޭނުންކުރާ ސާވާތަކުންނާއި އިންޓާނަލް ސިސްޓަމުތައް އެތައް ގަޑިއިރަކަށް ޑައުން ވި ކަމަށް ބައެއް ރިޕޯޓުތައް ބުނެ އެވެ.

ކާރު އުފައްދާ ގިނަ ކުންފުނިތަކުން ކްލައުޑް ސާވިސަސް ބޭނުންކޮށްގެން ސްމާޓްފޯން އެޕްލިކޭޝަންތައް ތަރައްގީކުރުމަށް އަމާޒު ހިފާފައިވުމާއެކު މިފަދަ މައްސަލަތައް ކުރިއަށް އޮތްތަނުގައި އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެގޮތުން މިފަދަ ހިދުމަތްތައް ބޭނުންކުރާ ކާރުގެ ވެރިން ބެކަޕެއްގެ ގޮތުގައި ތަޅުދަނޑިއެއް ގެންގުޅުމަކީ ބުއްދިވެރި ކަމެއް ކަމުގައި ވެސް ރިޕޯޓުތައް ބުނެ އެވެ.