ވާހަކަ

ވަކިވާން ޖެހުމުން - 17

3

އުމުރާއެކު ހެދިބޮޑުވަމުން އައި ހަށިގަނޑާ އެއްވަރަށް ނުވަތަ އެއަށްވުރެ މާކުރިއަށް، ހެދިބޮޑުވެ، ތޫނުފިލިވެ، ހަރުވަމުން އައި ޝައުފާގެ ސިކުނޑިއަށް، އޭނާގެ އާއިލާ ތެރޭގައި އޭނާއަށް ދެވިފައި އޮންނަ ދަރަޖަ ދެނެގަނެ، އެގޮތަށް އެދަރަޖައިގައި އޭނާ އުޅެން ޖެހޭ ސަބަބު ވިސްނައި ދެނެގަތުމަށް، އެއްވެސް މީހެއްގެ އެހީތެރިކަމެއް ބޭނުމެއް ނުވިއެވެ.

ބައްޕަ އޭނާއަށް ކަންތައް ކުރާ އިހާނެތި ގޮތުގެ އަސްލަކީ ކޮބައިކަން އެނގުމުން ހިތް ފަޅައިގެން ދާވަރަށް އެމައުސޫމުގެ ހިތުގައި ޖެހި ރޮވުނެވެ.

މަންމަ އާއި ބައްޕަގެ ލޯބިން ކުރެވުނު ކައިވެނީގައި ޖެހުނު ކުންޏެއްގައި، ވަރިވެގެން ދޮށްޓަށް ހުރި ދަރިފުޅު ގޮވައިގެން އައިސް މަންމަ، މާމަ ގާތުގައި އުޅެމުން ދިޔަ ދުވަސްތަކުގައި ދެވަނަ ކައިވެންޏެއް ވަނީ ކޮށްފައެވެ. އެކައިވެންޏަށް ހަމަ އެންމެ ހަތަރު ދުވަހަށްފަހު އަނެއްކާވެސް ބައްޕަ އާއި މަންމަގެ ގުޅުން ބަދަހިވެއްޖެއެވެ. ހަތަރުދުވަހަށްފަހު މަންމަ ދެވަނަ ކައިވެނިން މިނިވަންވެ ބައްޕަގެ މީހަކަށް ވުމަށް ހުސްވެގަތެވެ. އިއްދައިގެ ތިންމަސް ދުވަހު ކެތްކޮށްގެން ބައްޕައާ ބައްދަލު ނުވެ ކުރަން ޖެހުނު އިންތިޒާރު ދިގުލައިގެން ދިޔައީ ނުވަމަހާއި އަދި އިތުރު ހަތަރު މަސް ދުވަހުގެ މުއްދަތަކަށް އެއިއްދަ ބަދަލުވުމުންނެވެ.

އާއެކެވެ. މަންމަ އިނީ ބަލިވެއެވެ. އެއީ ޝާއުފާގެ އުފަން ބައްޕަ ކަމުގައި ހެދިގެން އެގޮތަށް ބައްޕަ އެމީހާއަށް ކިޔުއްވައިގެން ބައްޕައެއްގެ ގޮތުގައި ޝައުފާ ބަލާބޮޑު ކުރަމުން އައި މީހާއަކީ ހަގީގަތުގައި ޝައުފާގެ ދޮންބައްޕައެވެ. ދޮށްޓަށްވެސް ހަގަށްވެސް އެބައްޕަގެ ދަރިން ތިބުމުން ޝައުފާއަކީ ދޮންދަރިއެއް ކަމަށް ފާހަގަ ކުރާކަށް މީހުންނަކަށްވެސް ފަސޭހައެއް ނޫނެވެ. އަމުދުން ޝައުފާގެ އުފަން ބައްޕައަކީ ރާއްޖެއިން ބޭރުގައި ރަށްވެހިވެގެން އުޅޭ މީހެއްކަމުން އެ ސިއްރު އެގޮތަކަށް ފާޅުނުވެ، އަޅާނުލެވިފައި އޮތީއެވެ.

ދޮންބައްޕައަކަށް ވިއްޔާ ވާނީ ކީއް ހެއްޔެވެ. ބައްޕައެއްގެ ލޯތްބާއި އަޅާލުން ދީ އޯގާތެރިކަމާއި ހިމާޔަތް ދޭނަމަ އުފަން ބައްޕައެކޭ ދޮންބައްޕައެކޭ އެއްވެސް ތަފާތެއް ނެތްތާއެވެ. އެހެންނަމަވެސް.....

ޝައުފާގެ ދޮންބައްޕައަކީ އެފަދަ އޯގާތެރި އިހުލާސްތެރިއެއް ނޫނެވެ. މިއަދު އަމިއްލަ ރަށާއި ގެދޮރުން ވަކިވެ މާލޭގައި، ކުލީ ކޮޓަރިއެއްގައި ދުވަސްތައް ގުނަމުން ދާ ޝައުފާ މިދިރިއުޅުން ހިޔާރު ކުރަން ޖެހުނީ ދެވަނަ އެހެން ސަބަބެއް އޮވެގެނެއް ނޫނެވެ.

ޝައުފާ، އޭނާގެ މަންމަދެކެ އިންތިހާއަށް ލޯބިވެއެވެ. މަންމަގެ ދިރިއުޅުން ބަރުބާދުވެ ހަލާކުވާކަށް އޭނާއަކަށް ކެތެއް ނުވާނެއެވެ. ނިދީގައި ސިއްސަ ސިއްސައިގެން ދިޔުމާއި، ނިދިފައި އޮއްވައި އެއްވެސް މީހަކު އެންމެ އިނގިއްޔަކުން ވިޔަސް ގައިގައި ބީހިލައިފިނަމަ، ޝައުފާއަށް އެވާ ގޮތަކީ އަމިއްލަ އިހުތިޔާރުގައި ގަސްތުގައި ކުރާ ކަމެއް ނޫނެވެ. އެއީ އޭނާގެ ޅަފުރާގައި ކުށެއްނެތި ލިބިފައިވާ ވޭނުން ފުރިފައިވާ އަނިޔާގެ ސަބަބުން ދިމާވާ ކަމެކެވެ. އަދިވެސް މިއަދުގެ މިއުމުރުގައިވެސް ޝައުފާއަށް ނިދީގައި ފެންނަ ބިރުވެރި ހުވަފެންތައް އޭނާއަށް އުދަނގޫ ކުރުމެއް ނުހުއްޓައެވެ. ނިދީގައި ގިސްލާފައި ރޮވުމަކީ ނުހުއްޓުނު އާދައެކެވެ. ބީރައްޓެހި ނުދަންނަ މީހުންނަށް އިތުބާރު ކުރަން އަދިވެސް ނުހަނު އުނދަގޫކަމަކަށް ވެފައިވާ އިރު، ޒަވާޖީ ހަޔާތެއް ފަށައި ފިރިމީހާއާއެކު ވަގުތު ހޭދަ ކުރުމަކީ އޭނާއަށްޓަކައި ބޮޑުވެގެންވާ ބިރެކެވެ.

ހަމައެހެންމެ އެއްވެސް ފިރިހެނަކަށް އިތުބާރު ކުރުމަށް އޭނާއަކަށް ފަސޭހައެއް ނޫނެވެ. އަދި އެއްވެސް އަންހެނަކަށްވެސް ޔަގީންކަމާއެކު އިތުބާރު ކުރާނެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.

ފުރާވަރުގެ ދުވަސްތަކުގައިވެސް އަދި ޒުވާންވެ ފުރިހަމަ އަންހެނަކަށް ވެފައި ހުރި އިރުވެސް ޝައުފާއަށް ލޯބި ހުށަހެޅި މީހަކަށް އާނބަސް ބުނެ ގުޅުން ބަދަހި ކުރާނެ ހިތްވަރަކާއި ބާރެއް ޝައުފާއަށް ލިބިފައެއް ނެތެވެ. އެއްވެސް މީހެއްގެ ހުށަހެޅުމަށް އާނބަސް ބުނެ އެމީހަކާއެކު ކައިވެންޏަކާ ހިސާބަށް ދާނެ ފިކުރެއް އޭނާއަކަށް ނުކުރެވެއެވެ.

ބިރު... .ހިތުގެ އެންމެ ފުންމިނުން ބިރު ފިލާނުދެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ނިދިފައި އޮއްވައި އޭނާއަށް ތަދުކޮށްފާނެ ހެނެވެ.

ނިދީގައި ހޫނުވެ އުދަނގުލެއް ވާން ފެށުމުން އޭނާއަށް ތެޅިގަނެވެއެވެ. ކޮންމެވެސް ވަރުގަދަ އަތްތިލައެއްގެ ބީހުން އިހުސާސް ކުރެވޭއިރު އެއިނގިލިތަކުގެ ތޫނު ނިޔަފަތިން އޭނާއަށް ތޫނު ތަދެއްވެސް އިހުސާސް ކުރެވެއެވެ. ހޭލެވޭއިރު ގައިގެ ތެރެއިން ދެމިގެންދާ އަތުގައި ހިފެހެއްޓި ނަމަވެސް އޭނާގެ ކުޑަކުޑަ އަތުގެ ތެރެއިން އެ ވަރުގަދަ އަތް ދެމިގަނެއެވެ.

ނިދާ އެނދާ ޖެހިގެން ހުންނަ ކުޑަދޮރުން އެއަތް ބޭރަށް ދެމިގަނެގެން ގެއްލިދެއެވެ. ދެން އިހުސާސް ކުރެވެނީ ތޫނު ތަދެކެވެ. ޖެހިގެން އަންނަ ހެނދުނު ފާހާނާގައި އިނދެ ބާރުބާރަށް ރޯން ޖެހެއެވެ. ދިލައާއި ތަދަށް ކެތް ނުވެގެންނެވެ.

ޑޮކްޓަރަށް ދައްކަން ދިޔައީ ދޮންބައްޕައެވެ. ވެގެން އުޅޭ ގޮތް އޮޅުން ފިލުވަން ޑޮކްޓަރާ މަޝްވަރާ ކުރީ ދޮންބައްޕައެވެ. ޑޮކްޓަރު ދެއްވި އިރުޝާދާ އެއްގޮތަށް ބޭސް ބޭނުން ކުރަން އޭނާއަށް އެހީތެރިވާކަށް މަންމައެއް ނާދެއެވެ. ކުޑަކޮއްކޮގެ ކަންތަކުގައި މަންމަ ވަރަށް ބުރަކޮށް އުޅޭތީވެ، އެމަސައްކަތާ ހަވާލުވީ ދޮންބައްޕައެވެ. ވަރަށް އޯގާތެރިކަމާއެކު ބޭސް އުނގުޅައި ބޭސް ކާންދިނުމަށްފަހު އޭނާ ނިންދެވުމަށް އެނދުގައި ބޭއްވީވެސް ދޮންބައްޕައެވެ.

ރޭގަނޑުގެ ނިދިން މަހުރޫމްވެގެން އޭނާއަށް ހޭހަން ކުރުމަށް ދޮންބައްޕަ އެރޭ ހަތަރުދަމު އޭނާގެ ކޮޓަރީގައި އިން ވާހަކަ ވަރަށް ފަހުރުވެރިކަމާއެކު އެންމެން ގާތުގައިވެސް މަންމަ ދެއްކިއެވެ. މަންމައަށް ނޭނގުނީ ނުވަތަ ނުވިސްނުނީ މަންމަގެ ގުލްޝަނުގައި ފޮޅެން ތައްޔާރުވެފައި އިން މަލަށް ބަގީޗާ ބަލަހައްޓާ މީހާގެ އަމިއްލަ އަތުން ގޯނާކުރަމުން އައިސް އެލިބުނު ފުރުސަތުގައި އެމަލުގެ ފިޔަތަކަށް ދާނދެން، މާ ފޮޅުމުގެ ކުރިން، ހަލާކުކޮށް ޗިސްކޮށްލައި ވަރުކޮށްލިކަމެވެ. މަންމަގެ މިގަމާރުކަން ނުވަތަ މައުސޫމު ކަމުގެ ނުބައި ފައިދާ ދޮންބައްޕަ ނެގީ ވަރަށް ފުރިހަމައަކަށެވެ.

އެރޭގެ ފަހުން އެތައް ރެއެއް ވަންދެން ޝައުފާއަށް ޑޮކްޓަރީ ބޭސް ދެވެމުން ދިޔައެވެ. ބޭސް ކެއުމާއެކު މާގިނަ އިރެއް ނުވެ، ވަރުގަދަ ނިންޖެއްގެ ތެރެއަށް އޭނާ ގެބިގެންދެއެވެ. އެއަށްފަހު ދެންވަނީ ކިހިނެއްކަމެއް ނޭނގެއެވެ. ހެނދުނު ހޭލައިގެން ގައިގެ އެންމެ ނާޒުކު ގުނަވަންތަކުގައި އާދަޔާ ހިލާފަށް ރިއްސާތީވެ، އެކަމާ ކަންބޮޑުވެ ހަދާނެ ގޮތެއް ނޭނގިގެން ރޯން ޖެހެއެވެ. އެކަމަކު އެރުއިމުގެ އަޑުއަހައި އެކަމަށް ފަރުވާއެއް ދޭނެ އެއްވެސް މީހަކު އެގޭތެރެއަކު ނޫޅެއެވެ. އެގޮތަށް އެކަންތައް ތަކުރާރުވަމުން ގޮސް، ބޭސް ހުސްވި ފަހުން ނިދުމަށް އުދަނގޫވި ކިތަންމެ ރެއެއް ވޭތުވިއެވެ. އެރޭތަކުގައި އެއްވެސް މީހެއްގެ އެއްވެސް އުދަގުލެއް ޝައުފާއަކަށް ނުވެއެވެ.

އެހެންނަމަވެސް، އާދައިގެ މަތިން ނިދެން ފެށުމާއެކު އެއްކަލަ ތަދު، އެއަތް އެކުޑަދޮރުން ދެމިގެންދާ އަތުގެ ހިޔަނި އަނެއްކާވެސް އޭނާއަށް އުދަނގޫ ކުރަން ފެށިއެވެ. ރަށުން ވަކިވެގެން މާލެ އައުމަށް ޝައުފާ ނެގި ފުރަތަމަ ފިޔަވަޅާއެކު އެކަމަށް އެންމެ ފުރަތަމަ ހުރަސް އެޅި މީހަކީ ދޮންބައްޕައެވެ.

އޭރު ޝައުފާގެ އުމުރު އޮތީ ސޯޅަ އަހަރަށް އަޅައިގެންފައެވެ. ރަށުން ކިޔެވެން ހުރި އެންމެ މައްޗަކަށް ކިޔެވުމަށްފަހު ރަށުގައި އިތުރަށް ތައުލީމު ހާސިލުކުރެވޭނެ މަގު ނެތުމާއި އަދި ރަނގަޅު ވަޒީފާއެއްވެސް ނުލިބޭނެކަމުގެ ބަހަނާއާ ދެކޮޅަށް ވާހަކަ ދެއްކި ދޮންބައްޕައާ ފުރަތަމަ ފަހަރަށް މަންމަ ދެކޮޅު ހެދި ފަހަރަކީ މިއީއެވެ. މަންމަ އެގޮތަށް ދެކޮޅުހެދީ ކޮންމެހެން އަމިއްލަ ދަރިފުޅު ދެކެ ލޯބި ވާތީއެއް ނޫނެވެ. އެކަމަކު އިތުރަށް އެބުރަ އުފުލަން ބޭނުން ނުވާތީ އެބުރައިން ސަލާމަތްވުމަށް މަންމަ ކުރި ކަމަކީ ބައްޕައާ ދެކޮޅަށް ޝައުފާއަށް މާލެ ދެވޭނެ މަގު ފަހިކޮށް ދިނުމެވެ.

ގިސްލަމުން ގޮސް ހިނދެން ކައިރި ވެފައި ހުރި ޝައުފާގެ ގައިގައި ހިފަހައްޓައިގެން ހުރި ޝާމިންގެ ހިތް ހަމްދަރުދީން ފުރެމުން ދިޔައެވެ. ދުނިޔޭގައި އުޅޭ ބައެއް މީހުންނަކީ ކޮންފަދަ އަމިއްލަ އެދުން ބޮޑު ނުބައި ނުލަފާ ބައެއް ހެއްޔެވެ.

ޝައިތާނީ ފިކުރުތަކާއި ޝަހުވަތުގެ ނުބައިވެގެންވާ އަމަލުތަކުގެ ވަހުޝީ ވަކިތަކުން ތިމަތިމާމެންގެ އަމިއްލަ ލެޔަށްވެސް ސަލާމަތް ނުވެވޭ ފަހަރު މަދެއް ނޫނެވެ. މާތްﷲ މިބިންމަތީގައި ލައްވާފައިވާ ރައްކާތެރިކަމާއި އަމާންކަމުގެ ގާނޫނަށް ބޯލަނބާނެ ހިތްވަރެއް އެމީހުންގެ ގަޔަކު ނުހުރެއެވެ. މުސްލިމުންގެ ނަމުގައި އިސްލާމުކަމުގެ ތޮށްޓެއްގެ ތެރޭގައި މުނާފިގުން ފޮރުވިގެން ތިބެނީ މަދެއްކޮށް ނޫނެވެ. ތިމާގެ އަމިއްލަ އުފަން ދަރިއެކޭ ދޮންދަރިއެކޭ ވަކި ހުރީ ކޮން ތަފާތެއް ހެއްޔެވެ. ހަމައެހެންމެ ދަރިންނެކޭ ދޮންދަރިންނެކޭ އެހެން މީހެއްގެ ދަރިންނާވެސް ހުރީ ކޮން ތަފާތެއް ހެއްޔެވެ. ކޮންމެ ދަރިއަކީވެސް ކޮންމެވެސް ބަފައެއްގެ ލެއާއި ފެނުން އުފެދިގެން، ކޮންމެވެސް މަޔެއްގެ ރަޙިމުގައި ގަރުބަ ގަނެގެން ދުނިޔެއަށް އަންނަ ދަރިއެއް ނޫން ހެއްޔެވެ. ވީއިރު ހައިވާނީ ފިކުރުގައި ޝަހުވަތުގެ ނަޒަރުން ބަލާއިރު ތިމާގެ ދަރިއެކޭ އެހެން މީހެއްގެ ދަރިއެކޭ ދޮންދަރިއެކޭ ހުންނާނީ ކޮން ފަރަގެއް ހެއްޔެވެ.

ޝަރުއީ ކައިވެންޏެއް ކޮށްގެން އަންނަ އިރު ތިމާގެ އަނބިމީހާގެ އަލަތު ފިރިއަކީ ތިމާ ކަމުގައި ނުވާނަމަ، އެމީހާގެ އެހެން ކައިވެންޏަކަށް، ނުވަތަ އެހެން ފިރިހެނަކަށް ދަރިން ތިބިނަމަ އެއީ ހުދު ތިމާގެ އަމިއްލަ ދަރިންކަމަށް އެއްބަސްވެ ރުހިގެން އައިސް މުޅިން އެހެން ސިފައެއްގައި އެދަރިންނާ ކުރިމަތިލާން އޮންނަނީ ކޮން ފޮތެއްގައި ހެއްޔެވެ. ދެން ބުނަންވީ އެއީ ކޮންމެވެސް ސިކުނޑީގެ އުނިކަމެއް ހުރި މީހެކޭ ހެއްޔެވެ. މުޖުތަމައުގައި އެފަދަ މީހުންނަށް ދެވޭ ގަދަރު މާބޮޑެވެ.

ޝައުފާގެ އެއްވެސް ކުށެއް ނެތް މައުސޫމު ޅަފުރާ ވޭނާއި ބިރުން ކަޅު ކުރި މީހަކަށް އެއްވެސް އަދަބެއް ނުދެވެއެވެ. އެހެނީ އެކަން އޮތީ ފަރުދާއެއްގެ ފުރަގަހުގައި ނިވާވެ ފޮރުވިފައެވެ. ވަންހަނާ ކުރެވިފައެވެ.

މި މުޖުތަމައުގައި އެކަހަލަ ކިތަންމެ ބަޔަކު އަބުރުވެރިންގެ ގޮތުގައި ދިރިއުޅެމުން ދެއެވެ. އިއްޒަތްތެރިންގެ ސަފުގައި ގުނެވޭ އެފަދަ އެތައް ބަޔަކު އެބަތިއްބެވެ. ލަދުގެ ކަންފުޅެއްވެސް ނުހުންނަނީއެވެ. ބިރެއް އަމުދުން ނުގަނެއެވެ. ދުނިޔެ މިއީ ދާއިމީ ތަނެއް ކަމުގައި ހަދައިގެން މަރާމެދު ފިކުރެއް ނެތި އެފަދަ ހުތުރުކަން ބޮޑު އަނިޔާވެރި ފާފަތަކަށް ޖެހިލުމެއް ނެތި އަރައިގަނެ ރޭގަނޑުގެ އަދިރީގައި ތިމާގެ ހައިވާނިއްޔަތު ވަންހަނާ ކުރާއިރު ހުރިހާ ކަމެއްމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ ކިތަންމެ ކަނު އަނދިރިއަކަސް ޣާފިލުވެވޮޑިގެން ނުވާކަން އެމީހުންނަށް ހަމަ ނޭނގެނީއެވެ. މިބިންމަތީގައި އިންސާފު ނުލިބި ހައްގު ވެގެންވާ ނިޔާ ނުލިބި ވޭނުގައި ތެޅޭ ފުރާނަތަކަށް އެކަލާނގެ އިންސާފުގެ ދަރުބާރު ހުޅުވާލެވޭ ވަގުތު އަންނާނެ ކަމާމެދު އެފަދަ މީހުން ތިބެނީ ޣާފިލުވެފައެވެ. އެދުވަހަކުން ފިލަން ދުވާނެ ތަނެއް ނުވަތަ ސަލާމަތްކޮށްދޭނެ ފައިސާތަކެއް ނުވާނެކަން ހަމަ އެއްގޮތަކަށްވެސް އެފަދަ މީހުންނަކަށް ނޭނގެއެވެ.

"މަންމަ ގާތު އެއްފަހަރުވެސް ބުނެލިނަމަ...."

ޝާމިން ބުނަން ބޭނުންވި އެބަސްތައް ދުލާ ހަމައަކަށް ނައެވެ. އަތުގެ ތެރޭގައި އޮތް ޝައުފާގެ ތުރުތުރުއަޅަމުން ދިޔަ ހަށިގަނޑުގައި ބާރަށް ހިފަހައްޓައިގެން އެނދާ ގާތަށް ޖެހި، އޭނާ ޝައުފާ އެނދުގައި ބޭންދިއެވެ.

ރޮމުންރޮމުން ގޮސް ރަތްވެ ދުޅަވެފައި ހުރި ޝައުފާގެ ލޮލުން އަދިވެސް ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ.

"ދެން ހުއްޓާލާ.... މިހާރު ވަރަށް ރޮވިއްޖެއެއްނު.... އިތުރަށް ޝައު ދެނެއް ރޯކަށް ނުޖެހޭނެ.... ޕްރޮމިސް....!" ޝާމިން ޝައުފާގެ ފިނިވެފައިވާ އިނގިލިތަކުގައި ހިފާލިއެވެ.

"ތީ އެހާ ފިނޑި މީހެއް ނޫން.... ތިހާ ސްޓްރޯންގް.... ޓަފް ވުމަން އެއް އަހަރެން ދުވަހަކުވެސް ނުދެކެން...." އޭނާ ބުނީ ހަގީގަތުގައިވެސް ތެދަށެވެ.

ޝައުފާ ކަހަލަ މާޒީއެއް އޮތް، އެފަދަ ހިތި ވޭނެއް ތަހަންމަލުކޮށްފައި، އެތައް ފަހަރެއްގެ މަތިން އެތައް ހިތާމައަކާއި ބިރާއި ކުރިމަތިލުމަށްފަހު، ހިތްވަރު އެލުވާލުމަކާ ނުލައި އަމިއްލަ ފައިމައްޗަށް ތެދުވެ ކެރިހުރެ، ދުނިޔޭގެ ހަގީގަތާ ކުރިމަތިލައި ހިތްވަރާއެކު ކާމިޔާބު އަންހެނަކަށްވުމުގައި ސާބިތުވެފައިވާ އަންހެނުން ވަރަށް މަދުވާނެއެވެ. މާޔޫސްވެގެން ތެދުމަގުން އެއްކިބާވެ މަގުއޮޅިގެން ދިއުމާއި އަމިއްލައަށް މަރުވުން ފަދަ ނޭދެވޭ އަމަލުތަކުން ސަލާމަތްވުމަކީ އެފަދަ ހާދިސާތައް ދިމާވެފައި ތިބޭ އަންހެންކުދިންނަށް އެއްވެސް ވަރަކަށް ފަސޭހަ ކަމެއް ނޫނެވެ. ޝައުފާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަހަލަ ހިތްވަރު ގަދަ އަންހެނެކެވެ.

ޝައުފާ އޭނާގެ ކުރމަތީގައި އިން ޝާމިންއަށް ކަރުނައިން ފުރިފައިވާ ލޮލުން ބަލައިލިއެވެ. އޭނާއާ ބެހޭ ގޮތުން އެފަދަ ތައުރީފުގެ ބަހެއް ހެޔޮ ރަނގަޅު ނިޔަތެއްގައި އެއްވެސް މީހަކު މީގެ ކުރިން ބުނެފައެއް ނުވެއެވެ.

ޝާމިނަކީ އޭނާއާ ދިމާވިއިރު އޭނާ އެންމެ ނުރުހޭ އެންމެ ނަފުރަތު ކުރާ ކަހަލަ އާދައަކަށް ދެވިހިފާފައި ހުރި މީހެކޭ ބުނެވޭނެ އެއްވެސް ޖާގައެއް މިއަދު ނެތެވެ. މިއީ މުޅިން އެހެން ޝާމިނެކެވެ. އެއްވެސް ޝަރުތަކާއި އެއްވެސް އަގަކާ ނުލައި އޭނާއަށް ހެޔޮހިތުން އޯގާތެރިވި ރަނގަޅު ރަހުމަތްތެރިއެކެވެ. އެއްވެސް ފިރިހެނެއްގެ ފަރާތުން ދުވަހަކުވެސް ލިބިދާނެކަމަށް ހީނުކުރާވަރުގެ ހެޔޮކަމަކާއި އޯގާތެރިކަމެއް އޭނާއަށް ޝާމިންގެ ފަރާތުން ލިބެއެވެ. އެއީ ހިތްހެޔޮ އިހުލާސްތެރި ޒުވާނެކެވެ. އޭނާއަށް އަމިއްލަ ހަޔާތުގެ ސިއްރުތައް ކިޔައިދިނުމަކީ ފަހަރެއްގައިވެސް ފަސޭހަކަމެއް ނޫނެވެ. އެވާހަކަތައް ޖުމްލައެއްގެ ސިފައިގައި ބަސްތަކަކުން ގުޅުވައިގެން ކިޔުމަށް އެތައް އަހަރެއް ވޭތުވެގެން ގޮއްސިއެވެ. އެހާ ބޮޑު ސިއްރުތަކެއް އެހާ އުދަނގޫ ވާހަކަތަކެއް ޝާމިނަށް ކިޔައިދެވުނީ އެތައް ގިނަ ވަގުތުތަކެއް އެކުގައި ހޭދަކުރެވުމަށްފަހުގައެވެ. އެ ވާހަކަތައް ހިއްސާކުރުމުގެ ހިތްވަރު ލިބުނީ ޝާމިންގެ ފަރާތުން ލިބުނު އިތުބާރާއި ދިން އިތުބާރުގެ ސަބަބުންނެވެ. އަދި އެކުގައި ހޭދަވަމުން ދިޔަ ވަގުތުތަކުގައި އޭނާއަށް ދިން އަޅާލުމާއި ރައްކާތެރިކަމާއި އަމާންކަމުގެ އިހުސާސް ޝާމިންގެ ފަރާތުން ލިބުނީތީވެސްމެއެވެ.

(ނުނިމޭ)