ދުނިޔެ

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާއި ވެކްސިނާ ގުޅިގެން އޮސްޓްރިލާގައި މުޒާހަރާކޮށްފި

ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށާއި ވެކްސިނާ ގުޅިގެން އެތައް ހާސް ބަޔަކު އޮސްޓްރިލާގައި މުޒާހަރާކޮށްފިއެވެ. ވެކްސިން ޖެހުމާ ދެކޮޅަށް އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން ގޮސްފައިވާއިރު ވެކްސިން ޖެހުމާ އެއްކޮޅަށް އަދި ފިޔަވަޅުތައް ދެމެހެއްޓުމަށް ގޮވާލައި ވެސް އެތައް ބަޔަކު ވަނީ މުޒާހަރާކޮށްފައެވެ.

ނިސްބަތުން އާބާދީގެ ބޮޑު އިންސައްތައެއް ވެކްސިން ފުރިހަމަކޮށްފައިވާ އޮސްޓްރޭލިއާގައި އިއްޔެގެ ނިޔަލަށް އުމުރުން 16 އަހަރުން މަތީގެ 85 ޕަސެންޓް މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

ވެކްސިން ޖެހުން އެއީ އިހުތިޔާރީ ކަމެއްގެ ގޮތުގައި އެ ގައުމުގައި ކަނޑައަޅާފައި އޮތް ނަމަވެސް ބައެއް ސްޓޭޓްތަކާއި ސަރަހައްދުތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކަށް ވެކްސިން ޖެހުން ވަނީ މަޖުބޫރު ކޮށްފައެވެ. ވެކްސިން ނުޖަހާ މީހުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު ރެސްޓޯރަންޓުތަކަށް ދިއުމާއި ކޮންސެޓުތަކަށް ވަނުން ފަދަ ކަންތައްތަކުން އެފަދަ މީހުން ވަނީ މަހުރޫމު ކުރެވިފައެވެ. މި ކަންކަމާ ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން މުޒާހަރާ ކުރަމުންދިޔަ ބައިވެރިން ވަނީ ވެކްސިން ނުޖަހާ މީހުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށާއި އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލައިފައެވެ. އަދި ވެކްސިން ނުޖަހާ ފަރާތްތަކަށް ވަޒީފާ ގެއްލޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށްވެސް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

އެންޓި-ވެކްސަރުން ނުވަތަ ވެކްސިނާއި ދެކޮޅު ހަދާ ގިނަ ބަޔަކު މެލްބަންގެ މަގުތައް މައްޗަށް ނުކުމެ މުޒާހަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކުރިއަށް ކްރިސްމަސް އަށް ފިހާރަތަކުގައި ސޭލްތައް އަޅުވަމުންދާ ދުވަސްވަރެއްގައެވެ. މެލްބަންގެ އިތުރުން ސިޑްނީ، ބްރިސްބަން އަދި ޕާތުގައި ވެސް ވަނީ އިދިކޮޅު މުޒާހަރާތައް ކުރިއަށް ގެންގޮސްފައެވެ.

ވެކްސިނާ ދެކޮޅު މުޒާހަރާކުރާ ފަރާތްތަކަކީ އާބާދީގެ ނިސްބަތުން ބަލާއިރު ކުޑަ އަދަދެއްކަމުގައި އެގައުމުގެ ޖާނަލިސްޓެއް ކަމަށްވާ ޑޭނާ މޯސް ވަނީ އަލްޖަޒީރާގައި ބުނެފައެވެ. މެލްބަން ގައި އެ ސްޓޭޓުގެ އާބާދީގެ 5 މިލިއަން މީހުންނާ އަޅައިބަލާއިރު، މުޒާހަރާގައި ހިމެނޭ 10،000 އާ ގާތްކުރާ އަދަދުތަކަކީ ނިސްބަތުން ކުޑަ އަދަދެއް ނަމަވެސް ވެކްސިނާ ދެކޮޅަށް އުފުލަމުން ދާ އަޑުތަކަކީ ކަންބޮޑުވުން ހުރި ކަމެއް ކަމުގައި އޭނާ ފާހަގަކުރެއެވެ.

ކޮވިޑު ވެކްސިނާ ދެކޮޅު މުޒާހަރާތައް ބާއްވަމުން ގެންދާއިރު ވެކްސިނާ އެއްކޮޅަށްވެސް އެއްވުންތައް އަންނަނީ ބާއްވަމުންނެވެ. މެލްބަންގައި އެތައް ސަތޭކަ ބަޔަކު އެއްވެ ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި ވެކްސިން ޖެހުމާ އެއްކޮޅަށް ވަނީ އަޑު އުފުލާފައެވެ. މިފަދަ މުޒާހަރާއެއް އިންތިޒާމުކޮށް ރާވައި ހިންގާ ބައިވެރިއެއް ކަމަށްވާ ނަހުއި ޖެމިނިޒް އޮސްޓްރޭލިއާގެ ބްރޯޑްކާސްޓު ކޮމްޕެނީ އޭބީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެ އެއްވުމަކީ އެގައުމުގެ ހެލްތު ވޯކަރުންގެ ދިފާއުގައި ކުރިއަށް ގެންދިޔަ އެއްވުމެއް ކަމަށެވެ. ''ސަރުކާރުން އަޅަމުން އަންނަ ސިއްހީ ފިޔަވަޅުތަކުގެ ސަބަބުން އެތަކެއް ހާސް މީހުންނެއް ކޮވިޑުން ރައްކާތެރިކޮށްދޭކަމަށް އާބާދީގެ ބޮޑު ބަޔަކު ގަބޫލުކުރޭ.'' ޖިމެނެޒް ބުނެފައިވެއެވެ.

އޮސްޓްރޭލިއާގެ މެލްބަންގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގްރޭންޑް ސްލޭމް ޓެނިސް ޓޯނަމަންޓު އިންތިޒާމުކުރާ އޮސްޓްރޭލިއާ އޯޕަން ޓޯނަމެންޓުގެ ޗީފް ބުނިގޮތުގައި އެ މުބާރާތުގައި ބައިވެރިވާ ހުރިހާ ކުޅުންތެރިންވެސް ވެކްސިން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.

އޮސްޓްރޭލިއާގައި ހަލުވިކަމާއެކު ފެތުރުނު ޑެލްޓާ ވޭރިއަންޓު ކޮވިޑުގެ ސަބަބުން ސިޑްނީ އަދި މެލްބަން ދިގު މުއްދަތަކަށް ފުރަބަންދުކޮށްފައިވާއިރު ކޮންމެ 100،000 މީހެއްގެ ތެރެއިން 760 މީހަކަށް ކޮވިޑު ޖެހި 7.5 މީހަކު މަރުވެފައިވާ ކަމުގައި ޑަބްލިއުއެޗްއޯގެ ރެކޯޑުތަކުން ދައްކައެވެ. މިއީ ތަރައްގީވެފައިވާ ގައުމުތަކުގައި ކޮވިޑުގެ ހާލަތު ހުރިގޮތަށް ބަލާއިރު ދަށް އަދަދުތަކެއް ކަމުގައި އެ ޑަބްލިއުއެޗްއޯން ބުނެއެވެ. އިނގިރޭސިވިލާތުގައި ކޮވިޑުގެ ހާލަތު ގޯސްވެ ކޮންމެ 100،0000 މީހެއްގެ ތެރެއިން 14،000 މީހަކަށް ކޮވިޑު ޖެހި 211 މީހުން މަރުވިކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.