މުނިފޫހިފިލުވުން

އާމިރު ހާންގެ ''ލާލް ސިންގް ޗައްދާ'' ރިލީސްކުރުން އަނެއްކާވެސް ފަސްކޮށްފި

އާމިރު ހާންގެ ''ލާލް ސިންގް ޗައްދާ'' ރިލީސްކުރުން އަނެއްކާވެސް ފަސްކޮށްފިއެވެ.

އާ ޕޯސްޓަރަކާއެކު ''ލާލް ސިންގް ޗައްދާ'' ރިލީސްކުރުން އަންނަ އަހަރުގެ އެޕްރިލް މަހުގެ 14 އަށް ލަސްކުރި ހަބަރު ފިލްމުގައި އާމިރު އާއެކު ހަރަކާތްތެރިވާ ކަރީނާ ކަޕޫރު ހާން ވަނީ އޭނާގެ އިންސްޓަގްރާމު އެކައުންޓުގައި ހިއްސާކޮށްފައެވެ.

''ލާލް ސިންގް ޗައްދާ'' ރިލީސްކުރަން ފުރަތަމަ ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ ކްރިސްމަސް ދުވަހާ ދިމާކޮށެވެ. ނަމަވެސް އެ ތާރީހު ފަހުން އަންނަ އަހަރުގެ ވެލައިންޓައިންސް ޑޭ އާ ގުޅުވައި ފެބްރުއަރީ 14 އަށް ލަސްކުރަން ނިންމި ހަބަރު ފިލްމުގެ ޓީމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އިއުލާނުކޮށްފައެވެ.

ފިލްމުގެ ބަތަލާ ކަރީނާ ވަނީ އޭނާއަށް މިއަހަރުގެ ފެބްރުއަރީ މަހު ލިބުނު ދެވަނަ ދަރިފުޅު ޖެހް އަށް ބަލިވެ އިން އިރު މި ފިލްމުގެ ޝޫޓިންތައް ނިންމާލައިފައެވެ.

މީގެ ކުރިން ދިން އިންޓަވިއުއެއްގައި ކަރީނާ ބުނެފައިވަނީ މިދިޔަ އަހަރު ޕެންޑެމިކްގައި އިންޑިއާގައި ކޮވިޑުގެ ހާލަތު ބޮޑުވެފައިވާ ދުވަސްވަރުގައި މި ފިލްމުގެ ޝޫޓިންތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އެއީ ޕެންޑެމިކްގައި ފުރަތަމަ ފަހަރަށް ޝޫޓިންއަކަށް ދިޔަ ފިލްމު ކަމަށް ބުނެފައެވެ. އަދި ފިލްމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްގެން ކަމުގައި ކަރީނާ ވަނީ ބުނެފައެވެ.

އަދްވައިތު ޗަންދަން ޑައިރެކްޓުކޮށް އާމިރު ހާން އަދި ކަރީނާ ކަޕޫރު ހާން ފެނިގެންދާ ''ލާލް ސިންގް ޗައްދާ'' އަކީ ޓޮމް ހޭންކްސް ކުޅެފައިވާ ކާމިޔާބު ހޮލީވުޑް ފިލްމު ''ފޮރެސްޓް ގަމްޕް'' އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.