ކުޅިވަރު

ސާއިދާއި ހިމްނާއަށް އިތުރު ރަން މެޑަލް، ޖައިޝާއަށް ވެސް ދެ ރަން މެޑަލް

ގައުމީ އެތުލެޓިކްސް މުބާރާތުގެ ދެވަނަ ދުވަހުގައިވެސް ރާއްޖޭގެ އެންމެ ބާރު ފިރިހެން ދުވުންތެރިޔާ ހަސަން ސާއިދާއި، އަންހެން ތަރީން ކަމަށްވާ އައިޝަތު ހިމްނާ ހަސަން އަދި ޖައިޝާ ޖުނީޒް ވެސް ރަން މެޑަލްތައް ހޯދައިފިއެވެ.

މީގެ ދެ ދުވަސްކުރިން ގައުމީ އެތުލެޓިކްސް މުބާރާތް ފެށިގެން ކުރިއަށްދާ އިރު، ޓްރެކް އަދި ފީލްޑް އިވެންޓްތައްވެސް ކުރިއަށް ދަނީ މާލޭ އެކުވެނި ޓްރެކް ސަރަހައްދުގައެވެ. މިއީ އެކުވެނީގެ ދުވާ ޓްރެކް ސިންތެޓިކް ރަބަރަށް ބަދަލު ކުރި ފަހުން ކުރިއަށްދާ ފުރަތަމަ ގައުމީ އެތުލެޓިކްސް މުބާރާތް ވެސް މެއެވެ.

ފުރަތަމަ ދުވަހު ދުވުންތެރިޔާ ސާއިދު ވަނީ ދެ ރަން މެޑަލް ނަގައިފައެވެ. ސާއިދު ފުރަތަމަ ދުވަހު ރަން މެޑަލް ހޯދީ 100 މީޓަރު ދުވުމާއި ހަތަރެއް ގުނަ 400 ރިލޭ އިވެންޓުންނެވެ. އެ ދެ ރަން މެޑަލްއާ އެކު ރަނގަޅަށް ފެށި ސާއިދު އިއްޔެ ވަނީ 200 މީޓަރު ރޭސް ވެސް ކާމިޔާބު ކޮށް، އިތުރު ރަން މެޑެއްޔެއް ނަގައިފައެވެ. 200 މީޓަރު ދުވުން ސާއިދު ނިންމީ 21.88 ސިކުންތުންނެވެ. ފައިނަލް ހީޓްގެ ދެވަނައަށް ދިޔައީ ސާއިދު އެކަޑެމީގައި ތަމްރީނުވަމުން އަންނަ އިބާދުﷲ އާދަމްއެވެ. އޭނާ ރޭސް ނިންމީ 22.45 އިންނެވެ. ތިން ވަނަ އަށް ދިޔަ ނުޖޫމް ހަސަންއެވެ. އޭނާ ރޭސް ނިންމީ 23.02 ސިކުންތުންނެވެ.

ގައުމީ އެތުލެޓިކްސް މުބާރާތުގެ ފުރަތަމަ ދުވަހު 100 މީޓަރު އަންހެން ދުވުމުން ރަން މެޑަލް ހޯދި ހިމްނާ އިއްޔެ ވަނީ 200 މީޓަރުގެ ރޭސް ކާމިޔާބުކޮށް އިތުރު ރަން މެޑެއްޔެއް ހޯދައިފައެވެ. އިއްޔެގެ ރޭސް ހިމްނާ ނިންމީ 26.13 ސިކުންތުންނެވެ. ދެވަނަ އަށް ދިޔަ މަރިޔަމް ރޫޔާ އަލީގެ ޓައިމިން އަކީ 26.86 ސިކުންތެވެ. ތިންވަނައަށް ރޭސް ނިންމި އަހްނާ ނިޒާރު ރޭސް ނިންމީ 27.35 ސިކުންތުންނެވެ.

ދެން އިއްޔެ ވިދާލި އަންހެން ތަރިޔަކީ ގައުމީ ދުވާ ޓީމުގެ ޖައިޝާއެވެ. އިއްޔެ ބޭއްވި ފައިނަލް ހީޓުތަކުގެ ތެރެއިން ޖާއިޝާ ވަނީ 800 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، އޭނާ ގައުމީ މުބާރާތްތަކުގައި ހޯދަމުން އަންނަ ކާމިޔާބީތަކަށް އިތުރު ބޮޅެއް ގުޅުވާލައިފައެވެ.

އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި އެތުލެޓިކްސް މުބާރާތުގައިވެސް 800 މީޓަރު އަންހެން ދުވުމުގެ ރަން މެޑަލް އަޅާލި ޖާއިޝާ އޭނާގެ މެޑަލް ދިފާއު ކުރީ ދެ މިނިޓް 30.95 ސިކުންތުން ރޭސް ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔަ ސާއިދު ސްޕޯޓްސްގެ އައިޝަތު ސަމްހާ ޝަރީފްގެ ޓައިމިން އަކީ ދެ މިނިޓް 43.66 ސިކުންތެވެ. ތިން ވަނަ ހޯދި އައިޝަތު ރާނިޔާ ރޭސް ނިންމީ ދެ މިނިޓް 46.53 ސިކުންތުންނެވެ.

އިއްޔެ ކުރިއަށް ދިޔަ 5000 މީޓަރުގެ ދުވުމުގައި ޖާއިޝާ ރަން މެޑަލް ހޯދީ 21 މިނިޓް 22.61 ސިކުންތުން ރޭސް ނިންމައިގެންނެވެ. ތަޖުރިބާކާރު ދުވުންތެރިޔާ މަރިޔަމް އަބްދުލްކަރީމް (މަރީ) އިއްޔެގެ ރޭހުގެ ދެވަނައަށް ދިޔަ އިރު، އޭނާ ރޭސް ނިންމީ 21 މިނިޓް 30.71 ސިކުންތެވެ. އަދި ތިން ވަނަ އަށް ދިޔަ މެރަތަން ރަނާސް މޯލްޑިވްސްގެ އައިޝަތު ރާނިޔާ ރޭސް ނިންމީ 22 މިނިޓް 05.36 ސިކުންތުންނެވެ.

އިއްޔެ ބޭއްވި ފިރިހެން މިޑިލް ޑިސްޓެންސް ދެ ކެޓަގަރީގެ ފައިނަލް ހީޓުތަކުގައި ހުސެއިން ރިޒާ (ކުޑަރިޒާ) އާއި މުހައްމަދު ރަޝީދު (މޯޑު) ވެސް ވަނީ ރަން މެޑަލްތައް ހޯދައިފައެވެ. ކުޑަރިޒާ ރަން މެޑަލް ހޯދީ ފިރިހެން 800 މީޓަރު ދުވުމުންނެވެ. ފުރަތަމަ ދުވަހު 10،000 މީޓަރުގެ ރޭސް ކާމިޔާބުކުރި މޯޑު ވަނީ، އިއްޔެ ބޭއްވި 5000 މީޓަރުގެ ދުވުމުންވެސް ރަން މެޑަލް ހޯދައިފައެވެ.

ޓްރެކްގެ ބޭރުން ފީލްޑް އިވެންޓުތަކަށް ބަލައިލާއިރު، ހަސަން ޝައްމޫން ވަނީ އިއްޔެ ބޭއްވި ޝޮޓްޕުޓް އުކުމާއި ޖެވެއިލިން އުކުމުގެ އިވެންޓުން ރަން މެޑަލް ހޯދައިފައެވެ. ޝައްމޫނަކީ ފީލްޑް އެތުލީޓެއްގެ ގޮތުގައި ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލެޓީކުގެ މަގާމު ހޯދި ފުރަތަމަ އެތުލީޓެވެ. އޭނާ އެ މަގާމު ހޯދީ 2016 ވަނަ އަހަރުއެވެ.