ޚަބަރު

ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު އިފްތިތާހުކޮށްފި

އައިޝަތު ނިއުޝާ

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އިފްތިތާހު ކުރެއްވި މި ރަސްމިއްޔާތުގައި މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އާއިޝަތު ނަހުލާ އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. އޭގެ އިތުރުން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި، އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

އެމްޓީސީސީން އިތުރަށް ބުނީ، ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 5303 މީޓަރުގެ ތާރުއެޅި 11 މަގު ތަރައްގީ ކުރާނެ ކަމަށެވެ. އަދި 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ތައްޔާރު ކުރުމާއި، 25،909 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމުގެ އިތުރުން، 11،113.80 އަކަ މީޓަރުގެ ސަރަހައްދެއްގައި ފުޓްޕާތް ހެދުން ހިމެނޭ ކަމަށެވެ.

އޭގެ އިތުރުންވެސް ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުތަކުން ނިޝާން ހަރުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމުގެ އިތުރުން، މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަސައްކަތް ނިންމާ ހަވާލުކުރުމަށް ދީފައިވަނީ 470 ދުވަހެވެ.