ލައިފް ސްޓައިލް

ފިރިހެނުންގެ ދުވަހެއް ފާހަގަ ކުރަނީ ކީއްވެ؟

އިއްޔެ އަކީ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެވެ. މިދުވަސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުގައެވެ.

ވަރަށް ގިނަ ފިރިހެނުން ބުނާ ވާހަކައެކެވެ. ފިރިހެނުންގެ ހައްގުތަކުގެ ވާހަކަ ނުދައްކަނީ ކީއްވެތޯއެވެ؟ ފިރިހެނުންގެ ހަމަހަމަކަމުގެ ވާހަކައާއި ތަފާތުކުރުންތަކާއި ލިބޭ އެކިކަހަލަ އަނިޔާތަކުގެ ވާހަކަތައް މުޖުތަމައުގައި ސިއްރު ވެފައި އޮންނަނީ ކީއްވެތޯއެވެ. ދަންނަވަންތޯއެވެ. އެފަދަ ވާހަކަތައް ފުޅާ ދާއިރާއެއްގައި ދެކެވިގެން ނުދަނީ ތިޔައިގެ ތެރެއިން ގިނަ ފިރިހެނުންގެ ތަބީއަތުގައި އެފަދަ ކަންކަމާމެދު ވާހަކަ ދައްކަން ޖެހިލުން ވުމުގެ ސިފަ ހުންނާތީއެވެ. ތިބާއީ ދެރަ މީހެއް ކަމަށް އަނެކާއަށް އެނގެން ބޭނުން ނުވާތީ އެފަދަ ވާހަކަތައް ސިއްރުކުރާތީއެވެ.

ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެއް ކަނޑައެޅުނީ މިކަހަލަ ކަންތައްތަކަށް ސަމާލުކަން ދިނުމުގެ ބޭނުމުގައިކަން އެނގޭހެއްޔެވެ؟ ނަފުސާނީ މައްސަލަތަކާއި، ވޭނާއި އަނިޔާއާއި ތަފާތުކުރުންތައް އަދި ފުރައްސާރަ މިއީ ފިރިހެނުންވެސް ތަހައްމަލުކުރާނެ ކަންތައްތަކެވެ. ނަމަވެސް މުޖުތަމައުގައި އެކަމަށް ފާޅުގައި ފިރިހެނުން ވާހަކަ ދައްކަން ބޭނުމެއް ނުވެއެވެ. އަމިއްލަ ހައިބަތަށް އުނިކަމެއް އައިސްދާނެ ކަމަށް ގަބޫލުކޮށް މިއިން ކަމަކާ ފާޅުގައި ވާހަކަ ދައްކަން ކެރެނީ މަދު މީހަކަށެވެ.

ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެއް އެންމެ ފުރަތަމަ ކަނޑައެޅީ 1999ވަނަ އަހަރު ޑރ. ޖެރޯމް ޓީލަކްސިންގް ކިޔާ މީހެކެވެ. ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ވެސްޓް އިންޑީސް ޔުނިވަރސިޓީގައި ހިސްޓަރީ ކިޔަވައިދެމުންދިޔަ މި ޓީޗަރު ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހުގެ ގޮތުގައި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަސް ހަމަޖެއްސީ އޭނާގެ ބައްޕަގެ އުފަން ތާރީހާ ގުޅުވައިގެންނެވެ. ފިރިހެނުންގެ ދުވަހެއް ކަނޑައަޅައި އެދުވަހު ފިރިހެނުންނަށާއި ފިރިހެން ކުދިންނަށް މުޖުތަމައުގައި ދިމާވާ މައްސަލަތަކުގެ ވާހަކަތައް ދައްކަން އޭނާ ހިތްވަރު ދިނެވެ. އަދި އެ އަހަރުން ފެށިގެން ކެރިބީއަންގައި ފާހަގަކުރަމުންދިޔަ ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހަށް ލިބެމުންދިޔަ ސަމާލުކަން ވަނީ ބޮޑުވާން ފަށާފައެވެ.

މިއަހަރުގެ ފިރިހެނުންގެ ދުވަހުގެ ޝިއާރަކީ ދެޖިންސުގެ މެދުގައި މުއާމަލާތުކުރުންތައް ރަނގަޅުކުރުމެވެ.

ޑަބްލިއުއެޗްއޯގެ ހޯދުންތަކުން ދައްކާގޮތުގައި 45 އަހަރުން ދަށުގެ ފިރިހެނުންގެ މަރު ތަކުގެ ތެރެއިން އަމިއްލައަށް މަރުވާ ފިރިހެނުންގެ އަދަދަ ނިސްބަތުން ވަނީ ގިނަވެފައެވެ. ދުނިޔޭގެ ގިނަ ގައުމުތަކަށް މިމައްސަލަ ކުރިމަތިވެފައިވާއިރު އެމެރިކާ، އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ރަޝިއާ ފަދަ ގައުމުތަކުގައި މިމައްސަލަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

އެންމެ ކުރިން ފެށިގެންވެސް މުޖުތަމައުގައި ވިސްނައިދެވިފައި އޮންނަނީ ފިރިހެނުންނަކީ ބަލިކަށި ބައެއް ނޫން ކަމެވެ. އެގޮތުން ރުއިމަކީ ފިނޑި އަމަލެއް ކަމަށް ގަބޫލުކުރާ މީހުން މިހާރުވެސް މިމުޖުތަމައުގައި އުޅޭކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. އޭގެ ސަބަބުން ނަފުސާނީ މައްސަލަތަކުގައި އެހީތެރިކަން ހޯދުމަށް ގިނަ ފިރިހެނުން ފަސްޖެހެމުން ދެއެވެ. އަދި އެފަދަ ކަންކަމާ މަޝްވަރާ ކޮށް ހިޔާލު ހޯދުމުގެ ބަދަލުގައި އަމިއްލައަށް ނަފުސާނީ މައްސަލަތައް ހިންދާލުމުގެ ނަތީޖާ ގޯސްވެގެން ދެއެވެ.

ބައިނަލްއަގުވާމީ ފިރިހެނުންގެ ދުވަހެއް ފާހަގަކުރަނީ އެއްވެސް ހާލެއްގައި އަންހެނުންނަށް ކުޑައިމީސްކޮށް ދެރަކޮށްލުމުގެ ބޭނުމުގައެއް ނޫނެވެ. އޭގެ ބަދަލުގައި ކަންކަމާ މަޝްވަރާކޮށް ހިޔާލު ހޯދުމާއި އެފަދަ މައްސަލަތަކުގައި ފާޅުގައި އެކަކު އަނެކަކާ ވާހަކަ ދެއްކުމަށް ހިތްވަރު ދިނުމުގެ ގޮތުން މިފަދަ ދުވަހެއް ކަނޑައެޅި ފާހަގަކުރެވިގެން ދާކަމީ އުފާކުރަން ޖެހޭ ކަމެކެވެ.