އިސްލާމީ ތާރީޚު

މިޒަމާނަށްވެސް ބޭނުންވަނީ ނަބަވީ ސީރަތުގެ ނަމޫނާއެވެ 3

އަބްދުﷲ ފާރޫގް ހަސަން

(15ނޮވެމްބަރުގެ އަދަދާ ގުޅޭ)

އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އިންސާނާގެ ފުރާނަޔަކީ ނުހަނު ޙުރުމަތްތެރި އަދި އެހައިމެ ޤަދަރު އުފުލިގެންވާ އެއްޗެކެވެ. އެހެންކަމުން ދީނުގައި ބަޔާންވެގެންވާ ގޮތުގެމަތީން މެނުވީ އިންސާނެއްގެ ފުރާނަ ހިފުމަކީ ބޮޑު ފާފައެއްކަމުގައި ކަނޑައެޅުއްވިއެވެ. (ބުޚާރީ، މުސްލިމް) އަދި ކީއްތޯއެވެ؟ އެންމެމީހަކު ޤަތުލުކުރުމަކީ މުޅި އިންސާނިއްޔަތު ޤަތުލުކުރުންފަދަ ކަމެއްކަމުގައި ހަމަޖެއްސެވިއެވެ. (الـمـائـدة: 32) ޚުޠުބަތުލްވަދާޢުގައި (ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި) އިންސާނީ ފުރާނަތަކަކީ ޙުރުމަތްތެރި އެއްޗެއްކަން ބަޔާންކުރައްވަމުން ޙަދީޘްކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ލެޔާއި ތިޔަބައިމީހުންގެ މުދާ ވަނީ އެކަކު އަނެކެއްގެ މައްޗަށް ޙަރާމުވެގެންނެވެ. ތިޔަބައިމީހުންގެ މިއަދާއި، ތިޔަބައިމީހުންގެ މިމައްސަރާއި ތިޔަބައިމީހުންގެ މިރަށް ޙުރުމަތްތެރިވެގެންވާ ފަދައިންނެވެ." (އިބްނު ހިޝާމް)

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން

އިންސާނާގެ ޚިޔާލާއި އޭނާގެ ޒަމީރުގެ މިނިވަންކަމަކީ އޭނާގެ އަސާސީ ޙައްޤެކެވެ. އެ ޙަޤީޤަތް ދުނިޔެއަށް މޭރުންވީ އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم ގެ ބިޢުޘަތަށްފަހުގައެވެ. އިންސާނަކަށް އޭނާ ބޭނުން ދީނަކަށް އުޅެވިދާނެއެވެ. ބޭނުން ފަލްސަފާއެއް ލިބިގަނެ އަމިއްލަ ކުރެވިދާނެއެވެ. (މިދެންނެވީ މުސްލިމަކު ދީން ދޫކޮށްލައި މުރުތައްދުވުމުގެ ހުއްދައޮންނަ ވާހަކައެއް ނޫނެވެ. މުސްލިމަކަށް ތިމާގެ ދަރިފުޅު އޭލިޔަނެއްގެ ގޮތުގައި - ޣައިރު މުސްލިމެއްގެ ގޮތުގައި ތަރުބިޔަތުކުރެވިދާނެ ވާހަކައެއްވެސް ނޫނެވެ. އެއީ އެއްވެސް ތަހުޒީބަކުވެސް އެއްވެސް މުޖުތަމަޢަކުންވެސް ހުއްދަކުރާނެ ކަމެއްނޫނެވެ.) އިންސާނީ ޙައްޤުތަކުގެ ވާހަކަ އެންމެފުރަތަމަ ދެއްކެވީ ކައުސާހިބާ صلّــى اللّـه عليـه وسلّـم އެވެ. އިސްލާމްދީނުގައިވާގޮތުން ދީނަށް ވެއްދުމުގައި މަޖުބޫރު ކުރުވުމެއްނެތެވެ. (الـبقــرة: 256) ދީނާއި ޢަޤީދާގެ މައްސަލައިގައި ހަރުކަށިކަމުގެ މަގު ޚިޔާރުކުރުމަކީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ރުހިވަޑައިގަންނަވާ ކަމެއްނޫނެވެ.

އެއްފަހަރަކު ދިމާވި ހާދިސާއެކެވެ. ޔަހޫދީންގެ މީހެއް މަދީނާގެ ބާޒާރެއްގެމަތީގައިހުރެ ހުވައެއްކުރިއެވެ. އޭނާގެ ހުވާގައި ބުންޏެވެ. "ހުރިހައި ނަބީބޭކަލުންގެ މައްޗަށް مــوسـى عـليــه السّـلام މާތްކުރެއްވި ޒާތުފުޅު ގަންދީބުނަމެވެ." އޭރު ޞަޙާބީންގެ ބޭކަލެއް އެ އަޑުއައްސަވަން ހުންނެވިއެވެ. އެކަލޭގެފާނަކަށް އެއްޗެކޭ ވިދާޅުނުވެއެއް ނުހުންނެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "محمّد صلّــى اللّـه عليـه وسلّـم އަށްވުރެވެސްހެއްޔެވެ؟" ޔަހޫދީންގެ މީހާ އާނއެކޭ ބުނުމުން ޞަޙާބީ ކޯފާއިސްވިއެވެ. ޔަހޫދީންގެ މީހާގެ ގައިގައި ޖެއްސެވިއްޖެއެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم އަށް އެޚަބަރު ލިބިވަޑައިގެންނެވުމުން އެކަމާ ހިތްޕުޅާ ހަމަނުކުރައްވައި އެ ޞަޙާބީއާ ވާހަކަފުޅު ދެއްކެވިއެވެ. (ބުޚާރީ) އިތުރު ސާހިބާގެ އިރުޝާދަކީ އެއްވެސްބަޔަކު އަޅުކަންކުރާ ފަރާތަކަށްވެސް އެއްވެސްބައެއްގެ ދީނީ އިމާމަކަށްވެސް ކުޑައިމީސްބަހެއް ނުބުނުމެވެ. (الأنـعـام: 108) އޭރުން ދެފަރާތުގައިވެސް ނަފުރަތު އުފެދޭނެތީއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ވަޑައިގެންނެވީ ހިތްތައް ގުޅުއްވައި އެކުވެރިކުރެއްވުމަށްޓަކައެވެ. އެމާތް ސާހިބާ އެންމެބޮޑަށް އެދިވަޑައިގަންނަވަނީ މީސްތަކުން ޤަބީލާތަކާއި، ބަހާއި، ޤައުމާއި ދީނުގެ ނުރަނގަޅު ތަޢައްޞުބުގެ ޙިޞާރުންނެއްޓި އިންސާނީ ވަޙުދަތުގެ ގިލަފަތީގައި އެމުނުމެވެ. އެހެންކަމުން އެމާތް ސާހިބާ އަހުލުކިތާބީންނަށް ދަޢުވަތުދެއްވީ ދެބައިމީހުންވެސް ގަބޫލުކުރާ ކަލިމަތަކާމެދު އެއްބަސްވުމަކަށް އައުމަށެވެ. (آل عـمــران: 64)

ކައުސާހިބާ صلّــى اللّـه عليـه وسلّـم މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާގެ ޔަހޫދީންނާއި ޢަރަބި މުޝްރިކުންނާވެސް ޞުލްޙަވެރިކަމުގައި އެކުއުޅުމުގެ މުޢާހަދާއެއް ކުރެއްވިއެވެ. މަދީނާގެ އެންމެންނަކީ ސިޔާސީގޮތުން އެއްޤައުމެއްކަމުގައި ހަމަޖެއްސެވިއެވެ. (އިބްނު ހިޝާމް) އެކަމަކު ހިތާމަޔަކީ މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި ދީނީއަރައިރުމުގެ ބާޒާރު ޗާލޫވެފައިވާކަމެވެ. އިންސާނީ އިއްތިހާދުގެ ދާޢީގެ މިއްލަތުގެ މީހުންވެސް ބައިބައިވުމުގެ ކިސަޑުގަނޑުގައި ހައްޔަރުވެފައިވާކަމެވެ. އެންމެންވެސް ޝަހާދަތުގެ ގޮތުގައި އެއްކަލިމަފުޅެއް ކިޔަމުން އެއްޤިބުލަޔަކަށް ކުރިމަތިލަމުންދާއިރުވެސްމެއެވެ.

މިއަދުގެ ދުނިޔޭގައި އަންހެނުންގެ މިނިވަންކަމާއި އަންހެނުންގެ ޙައްޤުތަކާމެދު އެކިވިލިތަކުން ހިތްގައިމު އަދި ރީތި ނަޢުރާތައް ކުރަމުންގެންދެއެވެ. އެހެންކަމާއެކުވެސް އެބައިމީހުންގެ ޙައްޤުތައް ފައިދަށުލެވެމުންދާ ދިޔުމާއި އެބައިމީހުންގެ ކިބައިން ހުއްދަނޫން ބޭނުންތައް ފުއްދަމުންދާ ދިޔުމަކީ އެކަކުވެސް ނުދެނެހުރިކަމެއް ނޫނެވެ. އަންހެނުންގެ ޙާލަތު މިހާރު ދަށަށްގޮސްފައިވަނީ އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم ގެ ބިޢުޘަތުގެ ކުރީން އެކަން އޮތްވަރާ ދާދިއެއްވަރަކަށޭ ދެންނެވިދާނެއެވެ. އޭރު އަންހެނުންނަކަށް އެބައިމީހުންގެ އިޚްތިޔާރުގައި ދިރިއުޅެވޭކަށެއް ނޯވެއެވެ. އަންހެންދަރީން ދިރިތިއްބައި ވަޅުލުމަކީ ޢަރަބީންގެ ވަރަށްގިނަ ޤަބީލާތަކެއްގެ މީހުންގެ އާދައެކެވެ. އިންޑިޔާގައި ފިރިމީހާ މަރުވުމުން އޭނާގެ ޗިތާގައި އަނބިމީހާ އަންދައިލެވެއެވެ. އަންހެނުންނަށް ދިރިތިބުމުގެ ޙައްޤު ހޯއްދަވައިދެއްވީ ރަޙުމަތުގެ ނަބިއްޔާ صلّــى اللّـه عليـه وسلّـم އެވެ. އަންހެނާއަކީ ޢާއިލާގެ މަލަކާ ކަމުގައި އިރުޝާދު ދެއްވީ އެމާތް ސާހިބާއެވެ. އަންހެނުންނަށް ތަޢުލީމުދިނުމާއި ރަނގަޅު ތަރުބިޔަތު ދިނުމުގެ މާތްކަމާއި ސަވާބު ބަޔާންކޮށްދެއްވީ އެމަތިވެރި ރަސޫލާއެވެ. އިތުރު ސާހިބާ އިރުޝާދު ދެއްވައިފައިވެއެވެ. ތިން އަންހެންދަރީން ބަލައިބޮޑުކޮށް އެކުދީންނަށް ތަޢުލީމާއި ތަރުބިޔަތުދީ އެކުދީންގެ ކާވެނިކުރުވައި އެކުދީންނަށް ހެޔޮކޮށްހިތައިފި މީހަކަށްހުރީ ސުވަރުގެއެވެ. (ބުޚާރީ) އަދިވެސް އިރުޝާދު ދެއްވިއެވެ. އެމީހެއްގެ އުޚުތަކު ނުވަތަ އަންހެން ދަރިޔަކު ހުރިމީހަކު އެކުއްޖާ ދިރިހުއްޓައި ވަޅުލުމަކާނުލައި (ޖިންސު ބެލުމަށްފަހު އަންހެންދަރީން ވައްޓައިލުންވެސް ހިމެނެނީ މީގެތެރޭގައެވެ.) އެކުއްޖާއަށް ނިކަމެތިކޮށް ނުހިތައި، އެކުއްޖާގެ މައްޗަށް ފިރިހެންކުދީންނަށް އިސްކަންނުދީ ގެންގުޅެފިކަމުގައިވާނަމަ އަރަހުށި މާތް اللّـه އެމީހަކު ސުވަރުގެ ވައްދަވާނެއެވެ. (އަބޫދާއޫދު)

ޢަދުލުއިންޞާފުގެ ތިލަފަތް ހަމަކުރެއްވުން

އިސްލާމްދީން އައުމުގެ ކުރިން ދުނިޔޭގައި އާންމުކޮށް ޢަދުލުވެރިކަމާއި ހަމަހަމަކަންއޮތީ ޤަބީލާތަކުގެ ފެންވަރުގައެވެ. ކުލަޔާއި ނަސްލުގެ މައްޗަށް ބިނާވެފައެވެ. ނިޔާކަނޑައެޅެމުންދިޔައީ އެގޮތްތަކަށް ރިޢާޔަތްކޮށްގެންނެވެ. ނަމަވެސް ކައުސާހިބާ صلّــى اللّـه عليـه وسلّـم ވަޑައިގެން އެހުރިހައި ނަހަމަކަމެއް ނައްތައިލެއްވިއެވެ. އެނިޒާމެއްގެ ހިޔާވަހިކަމުގައި އެންމެންނަށްވެސް ހަމަހަމަކަމާއެކު އިންސާފުލިބޭނެ ނިޒާމެއް ޤާއިމުކުރެއްވިއެވެ. އެނިޒާމު ހިންގައިލެއްވުމުގައި އެއްވެސްމީހެއްގެ ނަސަބާއި ހަސަބެއް ހުރަހަކަށްވިޔަކަ ނުދެއްވައެވެ. މުއްސަނދިކަމަކަށް ނުވަތަ ފަގީރުކަމަކަށް ނުބައްލަވައެވެ. އެކެއްގެވެސް ޤައުމިއްޔަތަކަށް ނުވަތަ ވަޠަނިއްޔަތަކަށް ފަރުވާލެއް ނުބަހައްޓަވައެވެ.

މިދެންނެވި ބަރަކާތްތެރި ނިޒާމު ތަންފީޒުކުރައްވަން ފައްޓަވައިގެންނެވި ދުވަސްވަރު فـاطمـة އެވެ ކިޔުނު އަންހެނަކު ވައްކަންކުރުމުގެ ކުށުގައި ނަބަވީ ދަރުބާރަށް ހާޒިރުކުރެވުނެވެ. ނަބަވީ ޢަދާލަތުގެ ޙުކުމަކީ އިސްލާމީ ޝަރީޢަތުގައިވާ ފަދައިން فـاطمـة ގެ އަތްކެނޑުއްވުމެވެ. فـاطمـة އަކީ ޤުރައިޝުންގެ ޝަރަފުވެރި ވަންހައެއްކަމުގައިވާ މަޚްޒޫމުވަންހައިގެ ބޭކަނބަލެކެވެ. އެހެންކަމުން ބައެއްމީހުން އެ ޙުކުމާމެދަކު ހިތްހަމައެއް ނުޖެހުނެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހުގައި އިންތިހާދަރަޖައިގެ ލޮބުވެތި ޞަޙާބީއެއްކަމުގައިވާ أسـامــة بــن زيــد رضى اللّـه عنــه އެ މައްސަލައިގައި ސަކާކުރުވަން ކައުސާހިބާގެ އަރިހަށް ފޮނުވިއެވެ. އެކަލޭގެފާނު ވަޑައިގެން ވިދާޅުވިއެވެ. "އޭ މާތް اللّـه ގެ ރަސޫލާއެވެ! فـاطمـة ފަދަ ޝަރަފުވެރި ބޭކަނބަލަކަށް ތިޔަފަދަ ބޮޑު އަދަބެއް ނުދެއްވުން ކީއްތޯއެވެ؟" ކައުސާހިބާ صلّــى اللّـه عليـه وسلّـم، أسـامــة ދެކެ ވަރަށްބޮޑަށް ކޯފާއިސްވިއެވެ. ޙަދީޘްކުރެއްވިއެވެ. "މާތް اللّـه ކަނޑައަޅުއްވައިފައިވާ ޙައްދެއް ޤާއިމުކުރިޔަނުދެއްވަން ކަލޭގެފާނު ސަކާކުރައްވަނީތޯއެވެ؟" އިތުރު ސާހިބާ އެހެން ޙަދީޘްކުރެއްވުމަށްފަހު ޞަޙާބީންގެ އާންމު ބައްދަލުވެވަޑައިގެންނެވުމެއް ބޭއްވެވިއެވެ. އެ ބައްދަލުވެވަޑައިގެންނެވުމާ މުޚާޠަބުކުރައްވައި ޙަދީޘްކުރެއްވިއެވެ.

"އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށްވުރެ ކުރީގެ އުންމަތްތަކުގެ މީހުން މަގުފުރެދިގެން ދިޔުމުގެ އެއްސަބަބަކީ އުންމަތުގެ އަޝްރާފުންގެ މައްޗަށް ޙައްދުތައް ޤާއިމުނުކުރުމެވެ. މުޖުތަމަޢުގެ ޢިއްޒަތްތެރި ފަންތީގެ މީހަކު ވައްކަންކުރި ކަމުގައިވިޔަސް އެމީހަކު ދޫކޮށްލަނީއެވެ. ބަލިކަށި މީހަކު ވައްކަންކޮށްފިނަމަ އެމީހެއްގެ މައްޗަށް ޙައްދު ތަންފީޒު ކުރެއެވެ. މާތް اللّـه ގަންދެއްވައި ވިދާޅުވަމެވެ. އަހުރެންގެ ދަރިފުޅު فـاطمـة ވައްކަންކުރި ކަމުގައިވިޔަސް އަހުރެން އެކަމަނާގެ އަތްކަނޑާނަމެވެ." (ބުޚާރީ)

ޚަލްޤުތަކުންނަށް ޚިދުމަތްކުރެއްވުން

ޝައްކެއްނެތެވެ. ކައުސާހިބާ صلّــى اللّـه عليـه وسلّـم ރީތި ސީރަތުގެ ކޮންމެ ބާބަކީވެސް ރަނުން ގިރިޓީކުރެވިފައިވާ ބާބެކެވެ. އިތުރު ސާހިބާ ރީތި ސީރަތުގައި ހިމެނޭ ޚަލްޤުތަކުންނަށް ޚިދުމަތްކުރެއްވުމުގެ ބާބަކީވެސް ރަތުރަންފަތްތަކެއްފަދަ ބާބެކެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އަކީ ހުސްއެކަނި އިންޤިލާބީ ދާޢީއެއް ނޫނެވެ. ހަމައެކަނި މުރައްބީއެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ؟ އެމާތް ސާހިބާއަކީ އިޖުތިމާޢީ ޚިދުމަތްތެރިޔެކެވެ. އިންސާނީ އާންމު ޚިދުމަތްތެރީންގެ އިސްވާރެކެވެ. އެމާތް ސާހިބާގެ އިންސާނީ ޚިދުމަތުގެ މަންފާ ލިބުނީ ހަމައެކަނި މުސްލިމުންނަކަށެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ޣައިރު މުސްލިމުންނަށްވެސްވަނީ އެމަސައްކަތްޕުޅުގެ މަންފާ ލިބިފައެވެ. އެމާތް ސާހިބާގެ ދީލަތިފުޅުކަމާއި ހިތްޕުޅު ހެޔޮކަމާއި ކުލުނުވެރިކަމުގެ ވިލާގަނޑުންވަނީ ބަގީޗާތަކަށާއި ސަހަރާތަކަށްވެސް ތަފާތުކުރެއްވުމެއްނެތި ރަޙުމަތުގެ ވާރޭ ވެއްސަވައިފައެވެ. މާތަކަށާއި ކަށިތަކަށް އެއްވަރަކަށް ފެންދެއްވައިފައެވެ. އެއްވެސްމީހަކު ކަމަކާމެދު ފިކުރުބޮޑުވެ ހަދާނެގޮތް ހުސްވެފައިހުއްޓައި އެމާތް ސާހިބާއަށް ފެނިވަޑައިގެންފިނަމަ ވަގުތުން އެކަމަކަށް ސަމާލުކަން ދެއްވައެވެ. އެމީހަކަށް ދިމާވެފައިވާ އުނދަގުލެއް ނުވަތަ ތުރާލެއް ފިލުއްވައިދެއްވަން ތެދުވެވަޑައިގަންނަވައެވެ. (މުޙައްމަދުލައިޘު އިދްރީސް ތައިމީ)

ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ ނަބީކަމުގެ މައްކީ ދައުރުގައިވެސް މިދެންނެވި ރޮނގުން ވަރަށްގިނަ އެހީފުޅުތަކެއް މީހުންނަށް ވެވަޑައިގެންދެއްވިއެވެ. އޭގެތެރެއިން އެއްމައްސަލައަކީ މައްކާއަށް ވިޔަފާރިކަމުއައި އަރާޝީ ޤަބީލާގެ މީހެއްގެ މައްސަލައެވެ. أبــو جـهـل އޭނާގެ އަތުން އެއްޗެހިތަކެއް ގެންފައި އަގުނުދީ ހުންނާންފެށުމުން ކުރިމަތިވި މައްސަލައެކެވެ. އަރާޝީ އެކަމާބެހޭގޮތުން أبــو جـهـل އާ ވާހަކަދެއްކުމުގެ ތެރޭގައި އޭނާއަށް ބުނެވުނު ބަހަކުން أبــو جـهـل ގެ ގާތަށް ރުޅިއައިސްގެން ބުންޏެވެ. "ދެން އެއްގޮތަކަށްވެސް އަގެއް ނުދޭނަމެވެ. ދާންއޮތްތަނަކަށް ދާށެވެ. ތިމަންނާއަކީ أبــوالحـكم بــن هشــام އެވެ." އަރާޝީ ޙަރަމްފުޅުގެ ތެރެއަށްގޮސް އޭނާގެ ޝަކުވާއާއިގެން ޤުރައިޝުވަންހައިގެ މަޖިލިސް މަޖިލީހަށް ހިނގާންފެށިއެވެ. އޭނާ ގޮވަމުންދިޔައެވެ. "އޭ ޤުރައިޝުވަންހައިގެ މާތް މީހުންނެވެ! އަހަންނަކީ ބީރައްޓެއްސަކީމެވެ. އިބްނު ސަބީލަކީމެވެ. أبــوالحـكم بــن هشــام އަހަރެންގެ މުދައުހިފައި އަގުނުދީ އަނިޔާކޮށްފިއެވެ. އޭނާގެ އަތުން އަހަރެންގެ ޙައްޤު އަތުލައިދިން މީހަކަށް މާތްރަސްކަލާނގެ ރަޙުމަތް ލައްވާނެއެވެ." ޤުރައިޝުންގެ ބޮޑުންކުރެ އެކަކަށްވެސް އެމައްސަލަޔާބެހި أبــو جـهـل ގެ ކިބައިން އަރާޝީގެ ޙައްޤު އަތުލައިދޭން އުޅޭކަށެއް ނުކެރުނެވެ. ޤުރައިޝުން ޖެއްސުންކުރުމުގެގޮތުން ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހަށް އޭނާ ފޮނުވިއެވެ. އިތުރު ސާހިބާ صلّــى اللّـه عليـه وسلّـم އޭރު ޙަރަމްފުޅުގައި އިންނެވިއެވެ.

އަރާޝީ އައިސް އިތުރު ސާހިބާގެ އަރިހުގައި އޭނާގެ ހާލުގެ ވާހަކަ ދަންނަވައި ޝަކުވާ އުފުލިއެވެ. އޭނާ ދެންނެވިއެވެ. "މިތާނގެ މީހުން އިންސާފުވެރިޔެއްކަމުގައި ދައްކަނީ ކަލޭގެފާނެވެ. ކަލޭގެފާނުގެ އަރިހަށް މިއައުދެވުނީ އެހެންވެގެންނެވެ." އޭނާ އެހެން ދެންނެވުމުން އިތުރު ސާހިބާ ހަމައެވަގުތު ތެދުވެވަޑައިގެން އަރާޝީގެ ގާތުގައި އަންނާށޭ ވިދާޅުވެފައި އޭނާ ގޮވައިގެން ވަޑައިގެންނެވީ أبــو جـهـل ގެ ގެޔަށެވެ. އެގެޔަށް ވަޑައިގެން އަރާޝީގެ ޙައްޤު ހަމަޔަށް ލިބިދެއްވިއެވެ. އަރާޝީ އެނބުރި ޙަރަމްފުޅުގެ ތެރެޔަށްއައިސް އޭނާގެ ޙައްޤު ލިބުނުކަން މީހުންނަށް އަންގައި އިތުރު ސާހިބާއަށް ތާރީފުކޮށްފައި ހިނގައްޖެއެވެ.

ދެވަނަޔަށް އަޅުގަނޑު މިލިޔަނީވެސް أبــو جـهـل ގެ ވާހަކައެކެވެ. އޭނާގެ ބެލެނިވެރިކަމުގެ ދަށަށްވަން ޔަތީމުކުއްޖެއްގެ މުދަލުގެ މައްސަލައިގެ ވާހަކައެވެ. އެކުއްޖާ ބޮޑުވެ ބާލިޣުވިއިރު أبــو جـهـل ވަނީ އެކުއްޖާގެ މުދަލުގައިޖެހި ކައިހުސްކޮށްފައެވެ. އެކުއްޖާ ބޮޑުވުމުން އެކަމުގެ ޝަކުވާއާއިގެން އެކިދިމަދިމާއަށް ހިނގާންފަށައިފިއެވެ. ޤުރައިޝުންގެ ބޮޑުން އެފަހަރުވެސް އެކުއްޖާއަށް ނަސޭހަތްދީގެން ފޮނުވީ ކައުސާހިބާ صلّــى اللّـه عليـه وسلّـم ގެ އަރިހަށެވެ. އެކުއްޖާ އައިސް ޝަކުވާކުރުމުން ހަމައެވަގުތު ތެދުވެވަޑައިގެން أبــو جـهـل ގެ ގާތަށް ވަޑައިގެން ޙަދީޘްކުރެއްވިއެވެ. "އޭ عـمــرو އެވެ! މީނާގެ ޙައްޤު އަދާކުރަން ދަމާއަންނާށެވެ." أبــو جـهـل ސިހިގެން ފުންމައިގެން ތެދުވެފައި ދެންނެވިއެވެ. "އާދޭހެވެ. ހިންގަވާށެވެ. އެކަމަކު ތިޔައިގެ ބައެއްތަކެތީގައި އަޅުގަނޑަށް ޖެހެވިއްޖެއެވެ. ޙަދީޘްކުރެއްވިއެވެ. "ތިޔަތަން ކަލޭގެ މުދަލުންލައި ހަމަޖައްސައި މީނާ ރުއްސައިލާނީއެވެ." އިތުރު ސާހިބާ އެކުއްޖާ ގޮވައިގެން أبــو جـهـل ގެ ގޭދޮށަށް ވަޑައިގެން އެކުއްޖާގެ ހުރިތަކެތި ނެރެދެއްވައި މަދުވާތަކެތީގެ ބަދަލުހޯއްދަވައިދެއްވައި އެކުއްޖާ ރުއްސަވައި ހަމަޖައްސަވައިދެއްވައިފިއެވެ.

(ނުނިމޭ)