މުނިފޫހިފިލުވުން

އައިއެމްޑީބީ ރޭޓިންގެ އެންމެ ކުރިއަށް ތަމަޅަ ފިލްމު ''ޖައިބިމް''، އެކްޓަރު ފުލުހުންގެ ހިމާޔަތަށް!

އައިއެމްބީޑީގެ ރޭންކުން އެންމެ ކުރިއަށް ތަމަޅަ ފިލްމު ''ޖައި ބިމް'' ދަތުރުކޮށްފިއެވެ. އައިއެމްޑީބީގައި މި ފިލްމުގެ ރޭޓިން އުޅެނީ 9.6/10 ގައެވެ.

އައިއެމްޑީބީ ގެ އެންމެ ކުރިއަށް ''ޖައިބިމް'' ޖެހިލާފައި މިވަނީ ''ގޯޑް ފާދާ'' އަދި ''ޝޯޝޭންކް ރިޑެމްޕްޝަން'' ވައްޓާލުމަށްފަހުގައެވެ. މީގެ ކުރިން 1.7 މިލިއަން މީހުންގެ ތާއިދާއެކު ''ގޯޑްފާދާ''އަށް 9.2 ގެ ރޭޓިން ލިބިފައިވާއިރު 2.5 މިލިއަން މީހުންނާއެކު ''ޝޯ ޝޭންކް'' މިހާތަނަށް އައި 9.3ގެ ރޭޓިންގައި ރަސްކަން ކުރަމުންނެވެ. ނަމަވެސް ''ޖައިބިމް''އިން މިވަނީ 9.6 ގެ ރޭޓިންގައި މައްޗަށް ޖެހިލާފައެވެ. މިއީ ތަމަޅަ ފިލްމަކަށް މިހިސާބަށް އާދެވުނު ފުރަތަމަ ފަހަރެވެ.

ސައުތު ފިލްމީތަރި ސޫރިޔާ ސިވާކުމާރު ކުޅެފައިވާ މިފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މިމަހުގެ ދެވަނަ ދުވަހު ރިލީސްކުރި މި ފިލްމަކީ 1993 ވަނަ އަހަރު ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. އާދައިގެ މުޖުތަމައުއެއްގައި ދިރިއުޅެމުން ދިޔަ ސަންގެންނި އަދި ރާޖަކަންނު ކިޔާ ދެމަފިރިންނަށް ކުރިމަތިވި ކަންތައްތަކެއް ކިޔައިދޭ މިވާހަކައިގައި ގާނޫނީ އިމުގެ ތެރެއިން ދެވޭ އަނިޔާގެ ވާހަކަތައް ވަނީ ގެނެސްދީފައެވެ.

މި ފިލްމުގައި އިރޫލާ ގަބީލާއަށް ނިސްބަތްވާ ރާޖަކަންނުގެ މައްޗަށް ވައްކަމުގެ ދޮގު ތުހުމަތުތަކެއް ކުރެވި ފުލުހުން އޭނާ ހައްޔަރުކުރެއެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާއަށް ދެމުންގެންދިޔަ އަނިޔާތަކުގެ ސަބަބުން އޭނާ މަރުވާއިރު ފުލުހުން އެކަން ސިއްރުކޮށް ހަގީގަތް އޮޅުވާލައެވެ. ފުލުހުންގެ ހިމާޔަތުގައި ހުއްޓާ ފިރިމީހާ ރާޖަކަންނު ގެއްލިފައިވާތީ އޭގެ ހަގީގަތަށް ވާސިލުވުމަށް ޗަންދުރޫ ކިޔާ މީހެއްގެ ގާނޫނީ އެހީތެރިކަން ސަންގެންނު ހޯދާތަން ފިލްމުގައި ފެނިގެންދެއެވެ. ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އާއްމު މުޖުތަމައެއްގައި ދިރުއުޅެމުން އަންނަ މީހުންނާމެދު ފުލުހުން ބޭނުންވެއްޖެ ނަމަ، އެއްވެސް ގާނޫނީ ލިޔެކިޔުމެއް ނެތި މީހަކު ފްރޭމުކޮށް އަނިޔާ ދެވޭ މައްސަލަތަކަށެވެ.

މި ފިލްމުގެ ސަބަބުން އޭގެ ކާސްޓުންނަށް ވެސް އަންނަނީ ތަފާތު ފިއްތުންތައް ކުރިމަވަމުންނެވެ. ފިލްމުގައި ދައްކައިދީފައިވާ ވަންނިޔަރު ކޮމިއުނިޓީގެ ވާހަކަތައް ގެނެސްދީފައިވާ ގޮތާމެދު ހިތްހަމަ ނުޖެހިގެން ވަންނިޔަރު ސަންގަމް އިން ސޫރިޔާ އަދި ނަންނަވެލްއަށް ކޯޓު މެދުވެރިކޮށް ވަނީ ޗިޓު ވެސް ފޮނުވާފައެވެ.

އޭގެ އިތުރުން ޕީއެމްކޭ ޕާޓީގެ މެންބަރު ޕަނީރުސެލްވަމް ވަނީ ސޫރިޔާއަށް ބިރުދެއްކި މައްސަލައިގައި ޓެމިލްނާޑޫ ފުލުހަށް ހާޒިރުކުރަން އަންގާފައެވެ.

ޕަނީރުސެލްވަމް ވަނީ ސޫރިޔާއަށް ހަމަލާ ދޭ މީހަކަށް ފައިސާގެ އިނާމެއް ދޭނެ ކަމަށް ބުނެފައެވެ. ސޫރިޔާ އަށް ލިބެމުންދާ އިންޒާރުތަކުގެ ސަބަބުން އޭނާ އަންނަނީ ފުލުހުންގެ ހިމާޔަތަށް އެދި 16 ނޮވެމްބަރުން ފެށިގެން ފުލުހުންގެ ހިމާޔަތް ހޯދަމުންނެވެ. އަދި ސޫރިޔާގެ ދިފާއުގައި ފިލްމު އިންޑަސްޓްރީގެ ގިނަ ފަންނާނުން އަންނަނީ އޭނާއަށް ހިތްވަރުދީ ޝުއޫރުތައް ފާޅުކުރަމުންނެވެ.