މުނިފޫހިފިލުވުން

ޕްރިތީ ޒިންތާވެސް މަންމައަކަށް، ސަރޮގަސީ މެދުވެރިކޮށް އެއްމާބަނޑު ދެކުދިން

ފިލްމީތަރި ޕްރިތީ ޒިންތާ އަދި ފިރިމީހާ ޖީން ގުޑްއިނަފް އަށް އެއްމާބަނޑު ދެކުދިން ލިބިއްޖެއެވެ. ސަރޮގަސީ މެދުވެރިކޮށް މި ދެމަފިރިންނަށް ދަރިން ލިބިފައިވާކަމުގެ އުފާވެރި ހަބަރު ހިއްސާކޮށް ޕްރިތީ ޒިންތާ ވަނީ އިއްޔެ ޓުވީޓުކޮށްފައެވެ.

އެއްމާބަނޑު އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައިވާއިރު އެ ކުދިންނަށްވަނީ ޖިޔާ ޒިންތާ ގުޑްއިނަފް އަދި ޖައި ޒިންތާ ގުޑްއިނަފްގެ ނަން ކިޔާފައިކަމަށް ޕްރިތީ ކުރި ޓުވީޓުގައި ވަނީ ބުނެފައެވެ. ޕްރިތީ ވަނީ މިކަމުގައި އެހީތެރިވެދިން ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސަރޮގޭޓަށް ހިތުގެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

2016 ވަނަ އަހަރު ޖީން ގުޑްއިނަފް އާ ކައިވެނި ކުރުމަށްފަހު މި ދެމަފިރިން ދިރިއުޅެމުން އަންނަނީ އެމެރިކާގައެވެ. ސަރޮގަސީ މެދުވެރިކޮށް އަލަށް މައިންބަފައިންނަށް ވެފައިވާއިރު ޕްރިތީ އަދި ޖީން އަންނަނީ އުމުރުން 40 ގެ އަހަރުތައް ހޭދަކުރަމުންނެވެ.

ޕްރިތީގެ ޓުވީޓު----

ޕްރިތީ ޒިންތާ އަކީ ބޮލީވުޑްގައި ވިދާލި ކާމިޔާބު ބަތަލާއެކެވެ. 1998ވަނަ އަހަރު ''ދިލް ސޭ'' އިން ބޮލީވުޑަށް ނުކުތް މި ބަތަލާގެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ''ސޯލްޖާ'' ''ކިޔާ ކެހެނާ'' ''ދިލް ޗާހްތާ ހޭ'' ''ކަލް ހޯ ނާ ހޯ'' އަދި ''ވީރް ޒާރާ'' ފަދަ އެތައް ފިލްމުތައް ހިމެނެއެވެ. އެކްޓިން އާ ދުރުގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު ޕްރިތީ ވަނީ 7 އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ފިލްމު ކުޅެން ފަށާފައެވެ. ދިގު ބުރޭކަކަށްފަހު ޕްރިތީ ވަނީ 2018 ވަނަ އަހަރު ނުކުތް ''ބައްޔާޖީ ސުޕަހިޓް'' އިން ފެނިގެން ގޮސްފައެވެ.