މުނިފޫހިފިލުވުން

އަހަރެން ކުރުވެފައި ކުރެކި އަޑެއް ހުއްޓަސް އިންޑަސްޓްރީގައި 25 އަހަރު ހިފަހައްޓައިލެވިއްޖެ: ރާނީ

2

ބޮލީވުޑް ތަރި ރާނީ މުކެރްޖީ ފިލްމު އިންޑަސްޓްރީގައި 25 އަހަރު ފާހަގަކޮށް އޭނާގެ ފޭނުންނަށް ޝުކުރު އަދާކޮށްފިއެވެ.

ރާނީ ފިލްމު އިންޑަސްޓްރީއަށް ވަނީ 1997 ވަނަ އަހަރު ފިލްމު ''ރާޖާ ކީ އާއޭގީ ބާރާތު'' އިންނެވެ. ''ރާޖާކީ އާއޭގީ ބާރާތު'' އަދި ''މެހެނދީ'' ފަދަ ފިލްމުތަކުން މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އިންޑަސްޓްރީގައި ސާބިތު ވެ ހުރުމަށް ފަސްޖެހިފައެއް ނުވެއެވެ.

އިންޑަސްޓްރީގައި 25 އަހަރު ފުރިހަމަކޮށް އެނާގެ ކުރިއަށް އޮތް ފިލްމު ''ބަންޓީ އޯރު ބަބްލީ 2'' އާ ގުޅޭ ގޮތުން އިންޑިއާގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ރާނީ ވަނީ ވާހަކަ ދައްކާފައެވެ. އައިއޭއެންއެސް އަށް ދިން އިންޓަވިއުގައި ރާނީ ބުނެފައިވަނީ ''ބަންޓީ އޯރު ބަބްލީ''ގެ ވިމީ ކެރެކްޓާ އަކީ އޭނާ ވަރަށް ގަޔާވާ ކެރެކްޓާއެއް ކަމަށެވެ.

ރާނީ ބުނީ އޭނާއަށް އިންޑަސްޓްރީގައި މިހާ ހިސާބަށް އާދެވިފައިވާއިރު ތަފާތު އެކްޓަރުންނާއެކު ގިނަ ފިލްމުތަކެއް ކުޅެން ލިބުނު ކަމަށް ޓަކައި ޝުކުރުވެރިވާކަމަށެވެ.

އުމުރުން އެންމެ 16 އަހަރުގައި އިންޑަސްޓްރީއަށް އޭނާ ނުކުތީ މަންމަ އެކަމަށް ހިތްވަރު ދީގެން ކަމުގައި ރާނީ ވަނީ ބުނެފައެވެ. އަދި އެކަމަށް ޓަކައި އޭނާގެ މަންމައަށް ޝުކުރުވެރިވާކަން ރާނީ ވަނީ ފާހަގަކޮށްފައެވެ. ރާނީ ބުނީ އޭނާގެ އާއިލާ އަކީ އިންޑަސްޓްރީއާ ގުޅިފައިވާ އާއިލާއަކަށް ވި ނަމަވެސް، ދަތިކަންތައްތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.

ބޮޑުވަމުން އައި އިރު އޭނާއަށް އެންމެ ކަމުދާ ބަތަލާއިންގެ ތެރެއިން ޝްރީދޭވީ އަދި މަދޫރީ އަށް އޭނާގެ ހިތުގައި ވަނީ ހާއްސަ ލޯތްބެއް އުފެދިފައި ކަމުގައި ރާނީ ބުނެއެވެ.

އިންޑަސްޓްރީގެ ބަތަލާއިންނާ އަޅައިބަލާއިރު އޭނާގެ އިސްކޮޅު ކުރުވެފައި ކުރަކި އަޑެއް ހުންނާތީ، ބޮލީވުޑްގައި ސާބިތުވެ ހުރެވިދާނެ ކަމާމެދު ސުވާލު އުފެދުނުކަމުގައި އޭނާ ވަނީ ބުނެފައެވެ. ނަމަވެސް ފޭނުން އޭނާއަށް ދެމުން ގެންދިޔަ ލޯތްބާއި ސަޕޯޓުގެ ސަބަބުން އޭނާއަށް މިހާ ހިސާބަށް އައިސް ހިފަހައްޓާލެވިފައިވާކަން ފާހަގަކޮށް ފޭނުންނަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ،

ރާނީ ބުނީ އަލަތު ދަރިފުޅު ލިބިގެންވެސް އޭނާއަށް އަނެއްކާ ބޮލީވުޑްގައި ކުރިޔަށް ދެވިދާނެކަމާމެދު ޝައްކު އުފެދުނެވެ. ނަމަވެސް ފޭނުންގެ ފަރާތުން އޭނާއަށް ލިބޭ ލޯބި ހަނދާންކޮށްދީ، އަލުން ކެމެރާގެ ކުރިމައްޗަށް ނުކުތުމަށް ފިރިމީހާ އަދިތިޔާ ޗޯޕްރާ (ޔޭޝް ރާޖް ފިލްމްސްގެ ވެރިޔާ) އޭނާއަށް ހިތްވަރު ދީފައިވާކަމުގައި ރާނީ ފާހަގަކުރެއެވެ.

ސައިފް އަލީ ހާން އާއެކު ''ބަންޓީ އޯރު ބަބްލީ 2'' ގައި ވިމީގެ ކެރެކްޓާ އިން ބެލުންތެރިންނާ ބައްދަލުކުރުމަށް ތައްޔާރުވަމުން އަންނައިރު މީގެ ކުރިން ''ބަންޓީ އޯރު ބަބްލީ''ގެ ފުރަތަމަ ފިލްމުގައި ރާނީ އާއެކު ފެނިގެން ގޮސްފައިވަނީ އަބީޝެކް ބަޗަންއެވެ.