ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި އެކަމަށް ބޭނުންވާ ބަސްތައް ކުރިއަށް އޮތް ދެ ތިން މަހުގެ ތެރޭގައި ރާއްޖެއަށް ގެނެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން ކުރިއަށްގެންދިޔަ "ރައީސް ސޯލިހާއެކު ތިނެއް" ކަވަރޭޖުގައި މިނިސްޓަރު ނަހުލާ ވިދާޅުވީ، މިނީ ބަހުގެ ހިދުމަތް ނުފެށި ލަސްވެފައިވަނީ ކޮވިޑާ ގުޅިގެން ބަޖެޓަށް އައި ދަތިކަމުގެ ސަބަބުން އެކަމަށް ބޭނުންވާ ބަޖެޓު ނުލިބުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިނީ ބަހުގެ ހިދުމަތްތައް ފެށުމަށްޓަކައި ކަމާބެހޭ އިދާރާތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށާއި މިނީ ބަހުގެ ހިދުމަތަކީ ވަރަށް އަވަހަށް ތައާރަފުކޮށް ނިންމަން ބޭނުންވެވަޑައިގެންނެވި ހިދުމަތެއް ކަމަށެވެ.
"އެމްޓީސީސީއާއި ޕޮލިސީ އޮފީހާއި މިނިސްޓްރީއާ މަޝްވަރާތަކެއް ކޮށްގެން، އިކޮނޮމިކް ކައުންސިލަށް ޕޭޕާއެއް ހުށަހަޅަން ތައްޔާރު ވެފައިވަނީ. އަޅުގަނޑު ގަބޫލު ކުރަނީ ކުރިއަށް އޮތް ދެ ތިން މަހެއްގެ ތެރޭގައި މިކަމަށް ގޮތެއް ނިންމި، ބަސް ގެނައުމުގެ މަސައްކަތް ފެށޭނެ ކަމަށް،" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މިނީ ބަހުގެ ހިދުމަތުގައި ތިމާވެއްޓާ ރައްޓެހި ބަސްތަކެއް ބޭނުންކުރަން ނިންމުމަކީވެސް އެ ހިދުމަތް ތައާރަފުކުރަން ލަސްވި ސަބަބެއް ކަމަށެވެ. އެއީ އެފަދަ ބަސްތަކަކީ އަގުބޮޑު ބަސްތަކަކަށް ވުމުން ކަމަށް ވިދާޅުވިއެވެ.
މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއާ ހަވާލުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މާލެއަށް މިނީ ބަސް ތައާރަފު ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު