ވާހަކަ

ވަކިވާން ޖެހުމުން - 16

3

ޝައުފާ އިނީ ލަދުގެންފައެވެ. އިސްޖަހާލައިގެން އިނދެ ޝާމިން ކުރެން މައާފަށް އެދުނެވެ.

"ސޮރީ ގަބޫލު ކުރެވޭނެ އެންމެ ގޮތެއް އޮތީ.... ތިހެން އެނދަށް ކުނިވެފައި ނޯވެ ހިނގާބަލަ މަށާއެކު ދުއްވާލައި ކޮފީއެއް ބޯލައި... ކޮންމެވެސް އެއްޗެއް ކާލަން...."

"އަސްލު އޮފީސް ވަރަށް ބުރަ ދުވަހެއް.... ރޭގައިވެސް އެހާ ލަހުން މަސައްކަތް ނިންމާލެވުނީ.... ޒިމޫ ބަލިވެ އިން ފަހުން ވަރަށް ހާލުގައި އެއުޅެނީ.... ކޮންމެ ގޮތެއް ހަދާފައިވެސް އެދަރިފުޅު އެމީހުނަށް ވަރަށް މުހިންމު ވާނެތާ.... މަ ބުނެފިން އޮފީހުން ވަކިވާށޭވެސް.... ކަލާނގެ ދެއްވީތީ ސަމަދުބެ އަތުގައި ހުރިހާ އެއްޗެއްވެސް އެބަހުރި.... އެކަމަކު ޒިމޫއަކީ ކިތަންމެ ނަމާދުކޮށް ދީންވެރިކޮށް އުޅުނަސް ބޯދާ ފިކުރުދެކެ ވަރަށް ނުރުހޭ އަންހެނެއް.... ސަމަދުބެވެސް ހަމަ އެގޮތް ވާނެ... އެހެން ވީމަ ވަޒީފާ ދޫކޮށްލާފައި ގޭގައި އަތް އުރާލައިގެން އިނދެ ދަރިން ހޯދައި ބަދިގޭގައި ދުން ޖެހެން އިންނަ ކަހަލަ އަންހެނަކަށް ނުވާނަމޭ ބުނެ ވަޒީފާ އަކުން ވަތްކެއް ނުވި... ކޮންމެ ދުވަހަކު އޮފީހަށް ނުކުމެ ގަޑިއެއްހާއިރު ނުވަނީސް އެފަކީރު ކޮޅަށް ނުހުރެވޭ ވަަރަށް ހޮޑުލަވައި ވަރުބަލިވޭ.... ޒިޔާދުވެސް އޮންނަނީ ޒިމޫއަށް ހުއްދަދީފައި... އެހެންވެ މަށަށް ޑަބަލް މަސައްކަތް ކުރަން ޖެހޭ ދުވަސްކޮޅެއް.... އަސްލު ޒިމޫވީމަ އުފަލުން މިކަމާ ހަވާލުވީވެސް...... އޮފީހަށް ނުކުތަސް އޭނަ އެއްވެސް މަސައްކަތެއް ކުރާކަށް މަ އެއްބަހެއް ނުވަން...."

ޝައުފާ ވާހަކަ ދައްކަމުން އެނދުން ފޭބިއެވެ. އަދި ނިއުޅާލެވި ހޭވިފައި އޮތް އޭނާގެ އިސްތަށިގަޑުން ހުޅިއެއް ޖަހަމުން ފާހަނާއާ ދިމާއަށް ހިނގައިގަތެވެ. ފާހަނާއަށް ވަނުމުގެ ކުރިން ޝައުފާ، ބުޅިގަޑެއްގައި އަޅުވާފައި އޮތް ތުވާއްޔާއި އަލަމާރިން ހެދުމަކާއި ޖީންސެއް ނެގިއެވެ.

"ތިހެން އުކުޅުގައި އަތް ވިއްދައިގެން ކޮޅަށް ހުއްޓަސް މިހާރު ސިފައިންގެއަކަށް ނުވައްދާނެ.... އެހެންވީމަ އެންމެ ރަނގަޅުވާނީ އަހަރެން ތައްޔާރުވަންދެން އެނދުގައި އިށީނދެގެން ނޫނީ އޮށޯވެގެން ހަމަ ޖެހިލައިގެން އޮތިއްޔާ..."

ފާހަނާގެ ދޮރު ލައްޕަމުން ޝައުފާ ހެމުން ހެމުން ބުނެލިއެވެ.

ޝާމިން ހިނިތުންވެލަމުން އެނދުގެ ކަނެއްގައި އިށީނދެ އެނދުގެ ސައިޑްކަބަޑްމަތީގައި އޮތް ޓީވީގެ ރިމޯޓްނަގައި ޓީވީ ޖައްސާލިއެވެ. އެއްޗެނަލް އިން އަނެއް ޗެނަލަށް ބަދަލު ކުރަމުން ގޮސް، ޑިސްކަވަރީ ޗެނަލްއާ ހަމައިން އޭނާ ޗެނަލް ބަދަލުކުރުން މަޑުޖައްސާލިއެވެ. މިއީ އޭނާ އެންމެ ބަލާހިތްވާ ކަހަލަ މައުލޫމާތު ގެނެސްދޭ ޗެނަލެކެވެ. ބާލީހެއް ނަގައި ބޯދޮށަށް ލައްވަމުން އެނދުގައި އަރިއަކަށް ކުރުއަތްމައްޗަށް ވާކަހަލަ ގޮތަކަށް އޭނާ އޮށޯވެލިއެވެ. އަތްދަމާލި ވަގުތު އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް ޖެހިއްޖެއެވެ. ބޯހިއްލާލާފައި އެއީ ކޯޗެއްތޯ އޭނާ ބަލައިލިއެވެ.

ކަޅުކުލައިގެ އޮފް ކަރުދާހަކުން ބޭރުގަޑު ހިމާޔަތްކޮށްފައިވާ ބޯ ފޮތެކެވެ. ހީވާގޮތުން ގާތްގަޑަކަށް ފަސްސަތޭކަ ސަފުހާގެ ދެފޮތެއް އެއްކޮށްގެން ތައްޔާރުކޮށްފައި އޮތް ފޮތެކެވެ. އެހެން މީހުންގެ އަމިއްލަ ސާމާނު ބެލުމަކީ ރަނގަޅު ކަމެއް ނޫންކަން ކިތަންމެ ވަރަށް ގަބޫލު ކުރެވުނަސް ޝައުފާގެ މިފޮތަކީ ކިހިނެއްވާކޯޗެއްތޯ ބެލުމުގެ ޝައުގަކަށް އަމިއްލަ ބާރެއް ޝާމިނަކަށް ނުފޯރުވުނެވެ.

ޓީވީއަކާއި ޓިވީއެއް ޗެނަލަކާއި ޗެނަލެއް ދޫކޮށްލާފައި ޝާމިން އެފޮތައިގެން މަޝްއޫލުވެގަތެވެ. ފޮތް ހުޅުވާލާފައި ފުރަތަމަ ގަޑު އެއްލުމާއެކު އެއީ ޝައުފާގެ މުހިންމު ސިއްރު މައުލޫމަތު ރައްކާކުރެވޭ ނޯޓް ފޮތްކަން ޔަގީންވެއްޖެއެވެ. ފުރަތަމަ ވެސް ބިސްމީގެ ބަަރަކާތުން ފެށި ސޮފުހާގައި ލިޔެފައި އޮތީ ޅެންބައިތެކެވެ. އަވަސް ކަޅިއަކުން އެފޮތުގައި ރައްކާކުރެވިފައިވާ ޝައުފާގެ ސިއްރުން ފުރިފައިވާ ހަޔާތާ ބެހޭ މައުލޫމާތުތައް ލިބޭތޯ ޝާމިން އެއް ސޮފުހާއިން އަނެއް ސޮފުޙހާއަށް އުކަމުން ދިޔައެވެ.

ދިހަވަރަކަށް މިނެޓް ފޮތުގެ ތެރެއަށް ގެއްލިފައި އިން ޝާމިންގެ ހަރަކާތްތައް އަވަސްވެ، ފޮތް އަވަހަށް ލައްޕައި ބާލިހުގެ ދަށަށް ލެއްވީ ފާހަނާގެ ދޮރު ހުޅުވާލެވުނު އަޑަށެވެ. ނުގޮތަކަށް ބާލީހުގައި ލެގިލައި އެނދުން ބޭރަށް އެއްފައި ބާލައިގެން ޓީވީއާ ދިމާއަށް ކަޅި ހުއްޓާލިއިރު އޭނާއަށް ލޮލުގެ ކުޑަކޮޅުން ޝައުފާ ޑްރެސިންޓޭބަލް ކައިރިއަށް ހުއްޓުނުތަން ކިތަންމެހާވެސް ރީއްޗަށް ފެނުނެވެ.

"އައްދެ.... ކޯޗެއް ތިބަލަނީ.... "އެކްސްޓްރީމް އިންޖިނިއަރިން".... ވާހް.. މެކޭނިކް....!" ޓީވީގެ ސްކްރީނަށް ބަލައިލަމުން ޝައުފާ އަހާލިއެވެ.

"މިހާރުދެން މިތައްޔާރުވެ ނިމުނީ.... ދެންވެސް ސޮރީ ގަބޫލުކޮށްގެން.... ތިދާން އުޅޭ ތަނަކަށް ހިނގާ...." އިސްތަށިގަނޑު އާދައިގެ ވޫލަކުން އައްސާލުމަށް ފަހު އަތަށް ލޯޝަން ކޮޅެއް އަޅައި ދެއަތް ދެއަތަށް އުގުޅާލަމުން ޝައުފާ ބުނެލިއެވެ.

ޝާމިނަށް އިނދެވުނީ އަނގައިން ބުނަންވެސް ނޭނގިފައެވެ.

ތޮށިގަޑެއްގެ ފިލައިގެން އުޅޭ މިއަންހެން މީހާ އޭނާއަށް މިހާރު ފެންނަނީ މުޅިން އެހެން މީހެއްގެ ސިފައިގައެވެ. ހަރުދަނާކަމާއި އަމިއްލަވަންތަކަމުގެ މިސާލެއް ނެތް ޝައުފާގެ ދެލޮލުން, ޅަފުރާގެ މޮޔަކަމާއި ވިސްނުމެއް ފިކުރެއް ނެތް މައުސޫމު ވިދުވަރެއް އޭނާއަށް ފެންނަމުންދިޔައެވެ. ދެކޭމީހުނަށް ފެނަން ބޭރުފުށުގެ ހަރުކަށިކަމާއި އަބުއިކަމުގެ ފުރަގަހުގައި ފޮރުވިފައިވާ ނިޔަނެތިކަމާއި އޯގާތެރިކަމާއި ނިހާޔަތަށް ތެދުވެރި އިހުލާސްތެރިކަމުގެ އެންމެ ފުރިހަމަ މިއަންހެންމީހާގެ ހަގީގަތް އެނގުމުން ޝާމިނުގެ ހިތުގައި ހަމްދަރުދީގެ ސާލެއް ދެމިގަތް ކަހަލައެވެ. އޭނާގެ ހިތް މެދުނުކެޑި ގޮވަމުން ދިޔައީ އެއް ޖުމްލައެކެވެ. އެންމެ ފަހުން ކެތްތެރިކަމުގެ ތަށި ފުރިގެން ބަންޑުންވެއްޖެއެވެ.

އެނދުން ފައިބައިގެން ދެތިން ފިޔަވަޅު ކުރިއަށް ޖެހިލުމާއެކު ޝައުފާގެ ދެކޮޑުގައި ހިފައި ގަޔާ ކައިރިކޮށްލެވިއްޖެއެވެ........

ވިސްނައިނުލާ ހުރި ޝައުފާގެ ބޯ ގޮސް ޖެހުނީ ޝާމިންގެ މޭގައެވެ. މިވަނީ ކިހިނެއްކަން ނޭނގުނަސް ޝާމިންގެ އަތުގެ ތެރެއިން ސަލާމަތްވެގެން ނުކުންނާކަށް ޝައުފާ ބޭނުމެއް ނުވިއެވެ.

"މޮޔަ އަންހެންކުއްޖާގަޑާ.... ތިއަށްވުރެ ވަކި އަގުބޮޑު ދެވަނަ އިންސާނަކު ނުހުންނާނެ... ކާކު ބުނީ ތިއީ ބޭކާރު ކުނިގަޑެކޭ.... ކާކު އެހީ ގައިގައި ހުންނަނީ ކަޅުކުލަދޯއޭ... ކޮން ބޯގޯހެއް ބުނީ ޝައުއަކީ ގޯސް ކުށްވެރިއެކޭ.... ބަލަ ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަހަލަ އެތައް ކަމެއް ހިނގާ... ޅައުމުރުގައި ތަނެއް ދޮރެއް ނޭނގޭ މައުސޫމު ތުއްތުފުރާގައި އެކަހަލަ ކަމެއް ދިމާވުމަކީ އެއްވެސް ހާލެއްގައި ޝައުގެ ކުށެއް ނޫނޭ.... އެހެން ކިޔާ ޝައުއަށް އަމިއްލަ ނަފުސަށް އޮންނަންޖެހޭ އިތުބާރު ކަޑުވާ އެމީހުންގެ ކުޅޭ އެއްޗަކަށް ހެދުމަށް ދައްކާފައި ހުރި ދޮގު ވާހަަކަ..."

ޝާމިންގެ ވާހަކަ އަޑު އިވުމުން ޝައުފާގެ ހިތް ފަޅައިގެން ދިޔަކަހަލައެވެ. ހިފެހެއްޓުމެއް ނެތި ލޮލުން އޮހެން ފެށި ކަރުނައިން ޝާމިންގެ ގަމީސް ތެތްމަން ފެށިއެވެ. މަޑު ގިސްލުމެއްގެ އަޑާއެކު ޝާއުފާގެ ރުއިން ދިޔައީ ބާރުވަމުންނެވެ.

މީގެ ކުރިން ދުވަހެއްގައިވެސް ލިބިފައިނުވާ ހިމާޔަތެއް އޭނާއަށް ލިބުނީ ކަހަލައެވެ. ހަޔާތުގެ އެތަކެއް އަޑި ގުޑަންތަކެއްގައި އެކަނި މާއެކަނި ވެއްޓެމުން ތެދުވަމުން ދަތުރުކޮށް މިހިސާބަށް އައި އިރު ދުވަހަކުވެސް އޭނާގެ ބޯމައްޗަށް ރައްކާތެރިކަމާއި އެހީތެރިކަމުގެ ހިޔަލެއް އެޅިފައެއް ނުވެއެވެ. އާއިލާއެއް އޮވެމެ އޭނާއަކީ ޔަތީމު ޣަރީބެކެވެ. އަމިއްލަ ގެއާއި ވަޒަނެއް އޮތުމާއެކުވެސް އޭނާއަކީ ގެދޮރު ނެތް ނިކަމެއްޗެކެވެ. ތިމާގެ މީހެކޭ ކިޔައި ގޮވާލާނެ އެކަކުވެސް ނެތެވެ. މައިވަންތަކަމުގެ ލޯތްބަށް އެދި ހަނާވަމުންދާ އޭނާގެ ނަފުސު ނުލިބޭނެ ލޯތްބަކަށް އެދި ސަލާން ޖެހުމުގައި ނާކާމިޔާބުވިތާ ކިތަންމެ ދުވަހެކެވެ.

ޝައުފާއަކީ ލާމު އަތޮޅު އިސްދުއަށް އުފަން މަންމައަކާއި ހަމައެރަށު ބައްޕައެއްގެ ތިންކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ދުނިޔެއަށް ލޯ ހުޅުވާލެވުނު ވަގުތު އޭނާގެ މަންމަ ނުރުހުމާއެކު މޫނު އަނބުރައިލީ މަންމައާއި ބައްޕަ ބޭނުންވި ކަހަލަ އެމީހުންގެ އާއިލާގެ ހުރިހާ ކުދިންގެ ގައިގައި ހުންނަ ފަދަ ދޮން ކުލައެއްގެ ދަރިއަކަށް އޭނާ ނުވުމުންނެވެ. އޭނާގެ އޮޅަލިކުލަ ދެކެ މަންމަ ފާޅުގައި ނުރުހުންވެއެވެ. ތުއްތު ތަނެއް ދޮރެއް ނޭނގޭ ޅަކުއްޖަކަށް އެފަދަ ބަސްތަކުގެ މާނަ ފަހުމް ވާނީ ކިހިނަކުން ހެއްޔެވެ.

އުމުރުން ގުނެމުން ދިޔަ ކޮންމެ އަހަރަކާއެކު ހެދިބޮޑު ވަމުން ދިޔަ ހަށިގަޑާ އެއްވަރަށް، ނުވަތަ އެއަށްވުރެ މާ އަވަހަށް ހެދެމުން ދިޔަ ޝައުފާގެ ސިކުނޑިއަށް މަޑުމަޑުން ކަންތައްތަކުގެ ހަގީގަތް ވިސްނެން ފެށިއެވެ. ތަންދޮރު ވަކިވެ ވަށައިގެންވާ މާހަައުލުގެ އަސްލު އެނގެން ފެށިފަހުން ޝައުފާގެ އުޅުމަށް ދިޔައީ ބަދަލު އަންނަމުންނެވެ.

ކުޑައިރު އެއްފުރައިގެ ކުދިންނާއެކު ކުޅޭ ހިތުން އާއިލާގެ ތިމާގެ ކުދިންތަކުގެ ތެރެއަށް ނުކުތުމުން ޝައުފާއަށް ކޮންމެވެސް އަނިޔާއެއް ނުލިބޭ ދުވަހެއް އިނގިލިތަކުން ގުނާލެވޭހާ މަދެވެ. އަނިޔާ އާއި މަލާމާތާއި ފުރައްސާރައާއި ދިމާކުރުންތަކުން ރެކިގަނެ ސަލާމަތް ވާން މަންމަ ނުވަތަ ބައްޕަ ގާތަށް ގޮސް ޝަކުވާގެ އެންމެ ލަފުޒެއް ބުންޏަސް ވެފައި ހުންނަ ވަރުގެ ދެގުނަ އިތުރަށް ތަހައްމަލު ކުރަން ޝައުފާއަށް ޖެހެއެވެ. އެއީ ކިހިނެއްވާ ކަމެއްކަން އެނގެން ފެށިފަހުންވެސް ޝައުފާގެ މައުސޫމު ސިކުނޑިއަށް ވިސްނައިގަންނަން ފަސޭހަ ނުވީ މަންމަ އެހެން ކަންތައް ކުރާ ސަބަބެވެ. ބައްޕަގެ ހޫނު މިޒާޖާއި ބަހުންނާއި އަމަލުން ކޮށްލާ އަނިޔާގެ އަސްލު ސަބަބު ވިސްނައިގަންނަން ދައްޗެއް ނޫނެވެ.

ކޮންމެ އިންސާނަކުވެސް މިދުނިޔެމަތިން އެންމެ އަމާންކަމުގެ ހިޔަލެއް ކަމަށް ދެކެނީ ތިމާގެ މައިމީހާގެ ހިޔާވަހިކަމެވެ. މައިވަންތަކަމުގެ ދާވަނިން، އެފަސްބައިން ލިބޭ ރައްކާތެރިކަމާއި ހިމާޔަތް އެހެން އެއްވެސް ތާކުން ލިބިދާނެކަމަކަށް އިންސާނާ ގަބޫލެއް ނުކުރެއެވެ. ކިތަންމެ ބޮޑު ވޭނަކަށް ވެސް ލިބޭ އެންމެ ބޮޑު އޯގާތެރިކަމާއި ފަރުވާއަކަށް ވަނީ މަންމަގެ ލޯތްބާއި ފިރުމުންތަކެވެ.

ޝައުފާވެސް އުއްމީދުކުރީ އަދި ހީކުރީވެސް އެގޮތަށެވެ. އަބަދުމެ އިވޭ އަޑަކީ ނަސޭހަތަކީ މައިމީހާއަށް ކަމޭހިތުމަށާއި މައިމީހާގެ ފައިތިލަދަށުން ނޫނީ ސުވަރުގެ ނުވަދެވޭނެކަމަށް ބުނާ ބުނުންތަކެވެ. ހަމައެހެންމެ ކޮންމެ މަޔަކުވެސް އެމައިމީހާގެ ދަރިއަކަށް ފަހަރެއްގައިވެސް ދެރައެއް ނުދޭނެކަމަށް ބުނާ ބަސްތަކުގެ އަޑު އަބަދުވެސް އިވެއެވެ. އެހެންނަމަވެސް.....

ދުނިޔޭގެ ކަންތައްތަކަށް ލޯހުޅުވެވި ކަންކަމުގެ އަސްލާއި ހަގީގަތް އެނގި ފަހުމް ވާން ފެށިފަހުން ޝައުފާއަށް އެނގުނީ ހަމަ ކޮންމެ މަންމައަކީ އެބުނާފަދަ މަންމައަކަށް ނުވެދާނެކަމެވެ. ދަރިން ތަފާތުކުރާކަމުގެ ތުހުމަތު އަބަދުވެސް އެޅޭނީ ބައްޕައިންގެ ބޮލުގައެވެ. މަންމައަކު އޭނާގެ އެއްދަރި އަނެއް ދަރިއާ އެއްވެސް ތަފާތެއް ނުކުރާނެކަމަށް ބުނާ ބުނުންތައް ހުރިހާ ފަހަރެއްގައި ތެދަށް ނުވާނެކަން ޝައުފާއަށް ވިސްނެން ފެށިއެވެ.

ފުރަތަމަ ކުރިމަތިލާން ޖެހުނު މައިންބަފައިންނާއި އާއިލާގެ އެހެންމީހުންގެ ނަފުރަތާއި ކުދިބޮޑު ގޯނާ ކުރުންތަކުން ސަލާމަތްވެ ތިމާއަކީ ކާކުކަން ޝައުފާއަށް އެނގެން ފެށިއިރު އޭނާގެ އުމުރުން އޮތީ އެގާރަ އަހަރަށް އަޅައިގެންފައެވެ. ގޭތެރެއިން ދިމާވާ މަލާމާތާއި ފުރައްސާރަ ކުރުންތަކުން ޝައުފާއަށް ސަލާމަތްވެވުނުކަން ގައިމެވެ. އެހެންނަމަވެސް ބައެއް ރޭރޭ ދަންވަރު ހޫނު ތަދެއް ވެގެން ހޭލެވިގެން ބިރުން ރޫރޫ އަޅައި ރޮއި ހަނާވާ ކަންތަކުން އޮތީ ރެކި ނުގަނެވިފައެވެ.

ފޯރުންތެރި އެހާމެ ދެއްކުންތެރިކަން ބޮޑު އާއިލާއެއްގެ ދަރިއަކަށް ވީތީ ވަރަށް ކުޑައިރުއްސުރެ ޝައުފާއަށް ކުޑަނަމަވެސް އަމިއްލަ ކޮޓަރިގަނޑެއް ދީފައި ހުރެއެވެ. ފަސްއަހަރު ވުމުން ރަށުގެ ތައުލީމީ މަރުކަޒުން ޝައުފާއަށް ޖާގައެއް ހޯދައިދިނުމަކީ އޭނާގެ މަންމަ އާއި ބައްޕަ ކޮށްދިން ހެޔޮކަމެއް ކަން ނޭނގެއެވެ.

ކޮންމެއަކަސް ދުނިޔޭގެ ދައުރުވަމުންދާ ވަގުތާއި ހަޔާތުގެ އޮޔާއި ވަޔާއެކު ޝައުފާވެސް ބޮޑުވަމުން ދިޔައެވެ. ގޭގައި ގެންގުޅޭ ދެކުއްޖަކާ އެކު ގޭގެ ހާދިމާއެއް ފަދައިން ޝައުފާ ގޭތެރެއާއި ބަދިގެތެރޭގެ މަސައްކަތްތައްވެސް ކުރަމުން ދިޔައެވެ. އެކިކަހަލަ މަސައްކަތްތަކުން އަވަދިވެގެން ކޮޓަރިއަށް ވަދެ ސްކޫލުގެ ފިލާވަޅު ނަގާއިރު ކޮންމެ ރެއަކުވެސް ހުންނަނީ ދިހައެއް އެގާރަ ޖެހުމަކާ ކައިރިވެފައެވެ.

އެހެންނަމަވެސް ހިތްވަރާއި މިންނަތުން ކުރާ މަސައްކަތުގެ ނަތީޖާއަކަށްވީ ކޮންމެ އަހަރަކުވެސް ސްކޫލުން އެންމެ ފުރިހަމަ ރަންވަނައެއް ޝައުފާއަށް ލިބުމެވެ. އެކާމިޔާބީގެ އުފަލުގައި އޭނާއަށް މަރުހަބާ ކިޔައި ހިތްވަރުދީ އިތުރަށް ކިޔަވުމަށް ނަސޭހަތްތެރިވާ ހަަމައެކަނި އާއިލާގެ މީހަކީ އޭނަގެ ބޮޑުމަންމަ، ނުވަތަ މަންމަގެ ފަރާތު މާމައެވެ.

ފުރާވަރުގެ ދުވަސްތަކުގައި ދިމާވާ އެކިކަހަލަ ކަންތައްތަކާ ބެހޭ އެއްވެސް މައުލޫމާތެއް ނުވަތަ އެއްވެސް ކަމެއްގެ އަސްލު ސަބަބެއް ޝައުފާއަށް މަންމަ ކިޔައިދީފައެއް ނެތެވެ. ތޭރަ އަހަރުވިތަނާހެން، އެއްދުވަހެއްގެ ހޫނު މެންދުރެއްގައި ޝައުފާ ބޮޑު ކުއްޖަކަށް ވިކަމުގެ ހަބަރު ލިބިގެން ބޮޑުމަންމަ އޭނާއަށް ގޮވައި ގާތަށް ގެންދިޔައެވެ. އެވަގުތު އޭނާ އިނީ ދަރުއުނދުނަށް ބަތްތަވާ އުނދައިގެން، އުނދުނުގެ ފުއްޑަނުއަޅިގަޑުން މިރުސް ފޮޅި ކުރުމުގެ މަސައްކަތުގައި ބަދިގޭގައެވެ.

ޝައުފާ ލައިގެން ހުރި ގަދަމުށިކުލައިގެ ހަރުވާޅުގައި ހިފާ ފަރާތް ފަރާތަށް އަރިއަރިއަށް ޖައްސާ ބެލުމަށްފަހު ބޮޑުމަންމަ "ލާއިލާހައިއްލަﷲ.... އަސްތަޣްފިރުﷲ.... މަގޭ ދަރިއާ..." އޭ ކިޔައި ރޮއިގަންނަ ފާޑަކަށް ހަޅޭއްލައިގަތެވެ. މިވަނީ ކިހިނެއްކަން ނުވަތަ ވާން މިއުޅެނީ ކިހިނެއްކަން ނޭނގި ހުރި ޝައުފާ ގޮވައިގެން ބޮޑުމަންމަ ދެން ދިޔައީ ވަޅުކޮޓަރިއަށެވެ.

މައުލޫދެއް ކިޔާހެން ފާޑެއްގެ ދިގުދިގު އާޔަތްތަކެއް ކަމެއް ނުވަތަ އަރަބި ބަހުގެ ޅެންބައިތުތަކެއް ކަން ނޭނގެއެވެ. އެކިޔަމުންދިޔަ ބަނދިވަރަކާއެކު ބޮޑުމަންމަ އޭނާގެ ބޮލަށް ފެންއަޅަމުން ދިޔައެވެ. އެދުވަހު އެވީ ކިހިނެއްކަން އެނގުމުން ބިރުން މަންމަގެ އުނގުގައި އޮވެ ރޯން ހިތަށް އެރީ ކިތައް ފަހަރުކަމެއް ނޭނގެއެވެ. މަންމަގެ ގާތުގައި އޮވެ ކުސްޖަހައި ޅަވެލާހިތްވިއެވެ. އެކަމަކު އެއީ ހައްތަހާވެސް ކުރާހިތްވެގެން ހިޔާލީ ފޮލާ ކެއްކި ކަންތައްތަކެވެ.

ޝައުފާ، ބޮޑުމަންމަ ހަރުކަށިބަހުން ބުނެދިން ވިސްނަންޖެހޭ ކަންތައްތަކަށް ކިތަންމެހާވެސް ބޮޑަކަށް ސަމާލުވިއެވެ. އެހެންނަމަވެސް އޭރުވެސް ބައެއް ރޭރޭ ދަންވަރު ހޫނެއް ވެގެން ހޭލެވި ތަދެއް ވާތީ އުޅެން ޖެހުނު ކަންތަކުން ސަލާމަތްވާނެ ގޮތެއް އޮތީ ނުފެނިފައި ކަމުން އެކަން ހުއްޓުވަން ނުވަތަ އެކަމާ ދޭތެރޭ ވިސްނައި ހުށިޔާރުވާން އޮތީ ނޭނގިފައެވެ.

(ނުނިމޭ)