ސްޕޯޓްސް ކޯޕަރޭޝަނުން ހަމަ އެކަނި ކުރާ ކަމަކީ ހެޕީ ފާދާސްޑޭ، ހެޕީ މަދާސްޑޭ، ހެޕީ ނިއުއިޔާ ޓުވީޓު ކުރުން ކަމަށް ވިދާޅުވެ އެ ކޯޕަރޭޝަން އުވާލުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ގޮވާލައްވައިފިއެވެ.

މަހުލޫފު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވަޒީރުންނާ ސުވާލު ކުރުމުގެ ވަގުތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަހުލޫފު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަނަކީ އެއްވެސް ފައިދާއެއް ނެތް ބޭކާރު ކުންފުންޏެއް ކަމަށެވެ. ނަމަވެސް ދައުލަތުން އެތައް މިލިޔަން ރުފިޔާއެއް އެތަނަށް ހަރަދު ކުރަން ޖެހިފައިވާ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

ސްޕޯޓްސް ކޯޕަރޭޝަން އުފައްދާފައި ވަނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބްދުލް އްޔޫމުގެ ސަރުކާރުން 2015 ވަނަ އަހަރު ތަސްދީގު ކުރެއްވި ކުޅިވަރުގެ ގާނޫނުގެ ދަށުންނެވެ.

އެ ކުންފުނީގެ މަގުސަދެއްގެ ގޮތުގައި ހިމެނެނީ، ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި ސްޕޯޓްސް ޗެނަލެއް އުފެއްދުމުގެ އިތުރުން ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަން ތަކަށް މުދަލުގެ ބޭނުން ހިފުމުގެ މަގުފަހިކޮށްދީ އެނޫން ފަރާތްތަކަށް އެ މުދަލުން ވިޔަފާރި އުސޫލުން މަންފާ ހޯދައިދިނުމެވެ. އަދި ކުޅިވަރުގެ ދާއިރާ ތަރައްގީކޮށް ޒުވާނުންނަށް ހިތްވަރުދިނުމާއި، އެކަމަށް ފުރުސަތުތައް ފަހިކޮށްދީ، ކުޅުންތެރިންގެ ގާބިލްކަން ކުރިއަރާނެ ޕްރޮގްރާމްތައް ރާވައި ހިންގުމުގެ އިތުރުން ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ކުރިއަރުވައި އެ ފަރާތްތަކަށް ތަމްރީން ކުރުމަށް މަގުފަހިކޮށްދިނުން ވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓަރު މަހުލޫފު ވިދާޅުވީ، ގަލޮޅު ދަނޑުގައި ހުރި، ޔޫތު މިނިސްޓްރީގެ އިމާރާތެއްގެ ތެރޭގައި، އެތަނުން ނުނިކުމެ ސްޕޯޓްސް ކޯޕަރޭޝަން އެތިބީ ގަދަކަމުން ކަމަށެވެ.

"އެއީ އެމްޓީސީސީ އާއި އާރުޑީސީ ޔޫތު މިނިސްޓްރީއަށް ވަދެ ނުނިކުމެ ތިބުން ކަހަލަ ކަމެއް،" ކަމަށްވެސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ 67 ރަށަށް ބޭނުންވާ އައުޓްޑޯ ޖިމް ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށާއި އެންމެ ތިން މަހުން ނިންމައިދޭން އެދުނު ނަމަވެސް އެކަންތަކަށް އަހަރާ ދެ މަސް ދުވަސް ނެގި ކަމަށެވެ. އެކަމުގެ ސަބަބުން މަސައްކަތްތައް ލަސްވުމުގެ އިތުރުން، މުދަލުގެ ޑެމަރޭޖް މާފު ކޮށްދިނުމަށް ކޯޕަރޭޝަނުން އެދުނީ ރައީސް އޮފީހުގައި ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަން ކިޔާ ތަނެއް ދުނިޔޭގެ އެއްވެސް ތަނެއްގައި އުފައްދާފައި ވެސް ނޯންނަ ކަމަށެވެ.