މުނިފޫހިފިލުވުން

އަކްޝޭގެ އުމުރު 54 މަނޫޝީއަށް 24 ، "ޕްރިތުވިރާޖް" ގެ ޓްރެއިލާއާ ނެރުމާއެކު އަކްޝޭއަށް ފާޑުކިޔުން

އަކްޝޭ ކުމާރުގެ ކުރިއަށް އޮތް ފިލްމު ''ޕްރިތުވިރާޖް''ގެ ޓްރައިލާ އާއްމުކުރުމާއެކު ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.

54 އަހަރުގެ އަކްޝޭ ކުމާރު 24 އަހަރުގެ ރީތީގެ ރާނީ، މަނޫޝީ ޗިއްލަރު އާއެކު ފެނިގެންދާ ފިލްމުގެ ޓްރައިލާ އާއްމުކުރުމާއެކު އަނެއްކާވެސް މިވަނީ ބޮލީވުޑްގައި ''އޭޖިޒަމް'' ނުވަތަ ދެ ޖިންސުގެ މެދުގައި ގެންގުޅޭ އުމުރުގެ ތަފާތުކުރުންތަކުގެ ބަހުސްތައް ފެށިފައެވެ.

އުމުރުން މަތީ އެކްޓަރުން ޒުވާން ބަތަލާއިންނާއެކު ފިލްމު ކުޅެމުންދާތީ ފާޑުކިޔުންތައް އަބަދުވެސް އެ އިންޑަސްޓްރީ އަށް އަމާޒުވެއެވެ. އަންހެނުންނަށް އުމުރު މަތިވުމުން އިންޑަސްޓްރީގައި މަސައްކަތް ކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ އަޅައިބަލާއިރު ފިރިހެނުންނަށް އެ މައްސަލަ ކުރިމަތި ނުވާ ކަމުގެ ޝަކުވާތައް ބައެއް ތަރިން ކޮށްފައި އެބަހުއްޓެވެ.

ސަލްމާން ހާން، އާމިރު ހާން، ޝާހްރުކް ހާން، އަޖޭ ދޭވްގަން އަދި އަކްޝޭ ކުމާރު ފަދަ ތަރިންނަކީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް ވާއިރުވެސް އެމީހުންނަށް ޒުވާން ބަތަލާއިންނާއެކު އެކްޓުކުރުމުގެ ފުރުސަތު ފަހިވެ އަންހެނުންނަށް އެފުރުސަތު ބޮލީވުޑްގައި ހަނިވެގެންދާ މައްސަލައިގައި މީގެ ކުރިން ބަތަލާ ދިޔާ މިރްޒާ އަދި ނީނާ ގުޕްތާ ފަދަ ތަރިން ވާހަކަ ދައްކާފައިވެސް އެބަހުއްޓެވެ.

ފިލްމުގެ ޓްރައިލާ އާއްމުކުރުމާއެކު މީހަކު ކޮށްފައިވާ ޓުވީޓެއް---

ޕްރިތްވިރާޖުގެ ކާސްޓަށް ފާޑުކިޔައި މީހުން ކޮށްފައިވާ ކޮމެންޓުގައި އެކަކު ބުނެފައިވަނީ އަސްލު ޕްރިތްވިރާޖު އުމުރުން 43 އަހަރުގައި މަރުވިއިރު 54 އަހަރުގެ މީހަކަށް އެ ކެރެކްޓާ ކުޅެން ދީފައިވަނީ ބޮލީވުޑްގައި ޒުވާން އެކްޓަރުން ނެތީމަ ކަމަށާއި، 24 އަހަރުގެ މަނޫޝީ އަށް އެ ރޯލު ކުޅެން ދީފައިވަނީ އެ އުމުރާ ގުޅޭ ބަތަލާއެއް އިންޑަސްޓްރީގައި ނެތީމާ ކަމަށެވެ.

21 ޖެނުއަރީ 2022 ގައި ރިލީސްކުރާ ގޮތަށް ހަމަޖެހިފައިވާ ''ޕްރިތުވިރާޖް'' އަކީ ޔޭޝްރާޖް ޕްރޮޑަކްޝަން ވައިއާރްއެފްގެ އުފެއްދުމެކެވެ. ކާސްޓުންގެ އުމުރުގެ ފަރަގު ބޮޑުވެ މިފިލްމަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގައި ވައިއާރުއެފް އިން ''އޭޖިޒަމް'' ޕުރޮމޯޓުކުރާ ކަމަށްވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.