ރާއްޖޭގައި ވިއްކާ ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރިޓެއިލް ޕްރައިޒް (އެމްއާރުޕީ) ކަނޑައެޅުމުން އެ އަގަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކާ ފަރާތްތައް ޖޫރިމަނާ ކުރެވޭ ގޮތަށް ހެލްތު މިނިސްޓްރީން ގަވާއިދެއް އެކުލަވާލައިފިއެވެ.

އެމްއާރުޕީގެ ގަވާއިދު ގެޒެޓްކުރުމުގެ ކުރިން ހެލްތު މިނިސްޓްރީން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖޭގައި ވިއްކާ އަސާސީ ބޭސްތައް ވިއްކޭނީ ފައިދާގެ ގޮތުގައި އެންމެ މަތިވެގެން 100 ޕަސެންޓުގެ މާކަޕެއް ލައިގެން ކަމަށް އިއުލާނުކޮށްފައެވެ.

ހެލްތު މިނިސްޓްރީން އިއްޔެ ގެޒެޓްކުރި ގަވާއިދުގެ މަގުސަދަކީ ރައްކާތެރި ބޭސް އަތްފޯރާ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި އާސަންދަގެ ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އަދި އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ހަރަދު ކުޑަކުރުމާއި ދައުލަތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުންވެސް މި ގަވާއިދުގެ މަގުސަދުތަކުގައިވެއެވެ.

ގަވާއިދުގައި ވަނީ އެމްއާރުޕީއާ ހިލާފަށް ބޭސް ވިއްކައިިފިނަމަ އަޅައިފައިވާ އެމްއާރުޕީއަށް ވުރެ ބޮޑު އަގުގައި ވިއްކާނަމަ ނުވަތަ އެމްއާރުޕީ ފެންނަ ގޮތަށް ނުހުންނަ ނަމަ ފުރަތަމަ ފަހަރު 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް 10،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

އަދި ތިންވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 ރުފިޔާ އިން ފެށިގެން އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެ ކަމަށްވެސް ގަވާއިދުގައިވެއެވެ.

އެސެންޝިއަލް މެޑިސިން ނުވަތަ އަސާސީ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ވިއްކަން ވާނީ އެމްއާރުޕީއަށް ވުރެ ބޮޑު ނޫން އަގެއްގައެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދޭ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއްވެސް އަންނަ އަހަރުގެ ޖުލައި އެއްވަނަ ދުވަހުން ފެށިގެން ވިއްކަން ވާނީ އެމްއާރުޕީއަށް ވުރެ ބޮޑު ނޫން އަގެއްގައި ކަމަށްވެސް ގަވާއިދުގައިވެއެވެ.

އެމްއެފްޑީއޭއިން ހުއްދަ ދޭ ބޭހުގެ ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ވެސް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމަށްފަހު ބޭހުގެ އަގުތައް ހިމެނޭ ލިސްޓު އަންނަ އަހަރުގެ ޖޫން 15 ވަނަ ދުވަހުގެ ކުރިން ގެޒެޓް ކުރަން ޖެހެއެވެ. އޭގެފަހުން ކޮންމެ މަހަކު އެއް ފަހަރަކު އެ ލިސްޓު އަޕްޑޭޓް ކުރަންޖެހޭނެއެވެ. އަދި ބޭހުގެ އެމްއާރުޕީ ކޮންމެ ތިން އަހަރަކުން އެއް ފަހަރު މުރާޖައާ ކުރުމަށްވެސް ގަވާއިދުގައި ލާޒިމުކޮށްފައިވެއެވެ.

ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ މިދިޔަ މަހު ވިދާޅުވެފައެވެ. އެކަމުގެ ސަބަބުން ބޭހުގެ ވިޔަފާރިން އެކަށީގެން ނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފުރަތަމަ އަގު ކަނޑައަޅަން ނިންމާފައި ވަނީ އެމްއެފްޑީއޭގެ އެސެންޝަލް ލިސްޓުގައި ހިމެނޭ 357 ބޭހަކަށެވެ. އެ ބަދަލާއެކު ބޭހަށް ކުރާ ހޭދައިން 205 މިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.