މުނިފޫހިފިލުވުން

ސުޝާންތުގެ އާއިލާއާ ގުޅުންހުރި ފަސް މީހަކު އެކްސިޑެންޓެއްގައި މަރުވެއްޖެ

ދެހާސް ވިހި ވަނަ އަހަރު މަރުވި ބޮލީވުޑް ތަރި ސުޝާންތު ސިންގް ރާޖްޕުޓްގެ އާއިލާއާ ގުޅުންހުރި ފަސް މެމްބަރަކު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ބިހާރު ސްޓޭޓުގައެވެ. ސުޝާންތުގެ ޅިޔަނެއް ކަމަށްވާ ހަރިޔާނާގެ އިސް ފުލުސް އޮފިސަރު އޯޕީ (އޯމް ޕްރަކާޝް) ސިންގުގެ އާއިލާގެ މެމްބަރުން މަރުވި ހާދިސާ ހިނގާފައިވަނީ ބިހާރުގެ ލަކިސަރައި ޑިސްޓްރިކްޓުގައި ސިކަންދުރަ-ޝެއިހްޕޫރާ ނެޝަނަލް ހައިވޭ-333 ގައެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވެރިވީ ސިންގުގެ އާއިލާގެ ދިހަ މީހުން ދަތުރުކުރަމުންދިޔަ އެސްޔޫވީ ކުރިމަތިން ހުސް ގޭސް ފުޅިތަކެއް ބަރުކޮށްގެން ދުއްވާފައި އައި ޓްރަކެއްގައި ޖެހިގެން ކަމަށް ހަބަރުތައް ބުނެއެވެ. މި އެކްސިޑެންޓުގައި ވެހިކަލް ދުއްވަން އިން މީހާގެ އިތުރުން އޭގެ ތެރޭގައި ތިބި ފަސް މީހުން ވަނީ ވަގުތުން މަރުވެފައެވެ. އަދި ދެން ތިބި ހަތަރު މީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އެ އެންމެންގެ ހާލަތު ވަރަށް ނާޒުކު ކަމުގައި ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މަރުވެފައިވާ އޯޕީ ސިންގުގެ ދައްތަ، ގީތާ ސިންގުގެ ޖަނާޒާގެ ކަންކަން ހަމަޖެއްސުމަށް އާއިލާ ޕަޓްނާއަށް ގޮސް އެނބުރި އައި މަގުމަތީގައެވެ. އެކްސިޑެންޓުގައި އޯޕީ ސިންގުގެ ޅިޔަނު ލަލިތު ސިންގާއި އޭނާގެ ދެ ފިރިހެން ދަރިން ނެމާނީ ސިންގު އަދި ރާމް ޗަންދްރާ ވަނީ މަރުވެފައެވެ. އޭގެ އިތުރުން މަރުވެފައިވަނީ ބޭބީ ދޭވީ އަދި އަނީތާ ދޭވީގެ އިތުރުން ކާރު ދުއްވަން އިން ޕްރީތަމް ކުމާރެވެ. ޕްރީތަމް އާއި އާއިލާއާ އޮންނަ ގުޅުން އަދި ސާފުވާގޮތް ވެފައި ނުވާ ކަމަށް ހަބަރުތައް ބުނެއެވެ.