މުނިފޫހިފިލުވުން

ރާޖްކުމާރު ރާއޯ ކައިވެނިކޮށްފި

ބޮލީވުޑް ތަރި ރާޖް ކުމާރު ރާއޯ ކައިވެނިކޮށްފިއެވެ.

11 އަހަރު ވަންދެން ރައްޓަހިވެގެން އުޅުމަށްފަހު ރާޖްކުމާރު ރާއޯ އޭނާގެ ހަޔާތުގެ ބައިވެރިޔާ ޕަޓްރަލޭކާ ޕޯލް އާ ކައިވެނިކޮށްފައިވަނީ އިއްޔެއެވެ.

ދެ ތަރިންވެސް ވަނީ އިއްޔެ އިންސްޓަގުރާމުގައި އެމީހުންގެ ކައިވެނީގެ ފޮޓޯތައް ހިއްސާކޮށް ކައިވެނިކުރިކަން ޔަގީންކޮށްދީފައެވެ.

ރާޖްކުމާރު ރާއޯ އާއި ޕަޓްރަލޭކާގެ ކައިވެނީގެ ހަފުލާ ކުރިއަށް ގެންގޮސްފައިވަނީ އާއިލާ އާއި ގާތް ރައްޓެހީންގެ ހާޒިރުގައި ޗަންދީގަރުގެ ރިސޯޓެއްގައެވެ. އިންޑަސްޓްރީން މި ހަފުލާގައި ބައިވެރިވި ތަރިންގެ ތެރޭގައި ހޫމާ ގުރޭޝީ، ސާގިބް ސަލީމް، އަދިތީ ރާއޯ ހިމެނެއެވެ.

ޕަޓްރަލޭކާ އާއި ރާޖްކުމާރު ވަނީ މީގެ ކުރިން 2014 ވަނަ އަހަރު ނުކުތް ޕަޓްރަލޭކާގެ ފުރަތަމަ ފިލްމު ''ސިޓީލައިޓްސް''ގައި އެކުގައި ހަރަކާތްތެރި ވެފައެވެ. ހަންސަލް މެހެތާ ޑައިރެކްޓު ކުރި ފިލްމު ''ސިޓީލައިޓްސް'' އިން 2015 ވަނަ އަހަރު ސްޓާ ސްކްރީންގެ އެންމެ އުއްމީދީ ބަތަލާގެ އެވޯޑު ޕަޓްރަލޭކާ އަށް ލިބިފައިވާއިރު އޭނާ ވަނީ އޭގެ ފަހުން ވިކްރަމް ބަޓް ޑައިރެކްޓު ކުރި ''ލަވް ގޭމްސް'' ގައި ވެސް ހަރަކާތްތެރިވެފައެވެ. ޓީވީ އަދި ވެބް ސީރީސްތައް ކުޅެމުން އަންނަ ޕަޓްރަލޭކާ އެންމެފަހުން ފެނިފައިވަނީ ޒީ5 ގެ ވެބް ސީރީސް ''މެއި ހީރޯ ބޯލް ރަހާހޫ'' އިންނެވެ.

ރާޖް ކުމާރު ރާއޯ އަކީ ބޮލީވުޑްގައި ކާމިޔާބު އެކްޓަރެކެވެ. މިހާތަނަށް ނެޝަނަލް އެވޯޑު، ފިލްމުފެއާ އަދި އޭޝިއާ ޕެސިފިކް ސްކްރީން އެވޯޑު ހާސިލުކޮށްފައިވާ ރާޖް ކުމާރުގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ''ގޭންގްސް އޮފް ވަސޭޕޫރު'' ''ނިއުޓަން'' ''ކުއީން'' ''ބަރޭލީ ކީ ބަރްފީ'' ''ލޫޑޯ'' ފަދަ އެތަކެއް ފިލްމުތަކެއް ފާހަގަކޮށްލެވޭއިރު އޭނާ އެންމެފަހުން ކުޅެފައިވަނީ ކްރިތީ ސެނަން އާއިއެކު ''ހަމް ދޯ ހަމާރޭ ދޯ'' އެވެ.